އައިޖީއެމްއެޗުގައި މެޑިސިން އިންޓާންޝިޕް ހަދަމުން އަންނަ ޑޮކްޓަރުންގެ އިންޓާންޝިޕްގެ މުއްދަތުގެ ތެރޭގައި ކުރިމަތިވި މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
21 ނޮވެމްބަރ 2021
އައިޖީއެމްއެޗުގައި މެޑިސިން އިންޓާންޝިޕް ހަދަމުން އަންނަ ޑޮކްޓަރުންގެ އިންޓާންޝިޕްގެ މުއްދަތުގެ ތެރޭގައި ކުރިމަތިވި މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައީސަށް ފޮނުވި ސިޓީގައި އިންޓާންޝިޕް ހަދާ 28 ޑޮކްޓަރަކު ސޮއިކޮށްފައިވާއިރު އެ މީހުން އެދިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކޯސް ނުނިމި ދިގުލައިގެން ދިއުމުން މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ލުއިގޮތްތަކެއް ހޯދައިދިނުމަށެވެ.
އެމްބީބީއެސްގެ ފަސް އަހަރުގެ ޕްރޮގްރާމް ނިންމުމަށް ފަހު، އެއް އަހަރުގެ އިންޓާންޝިޕް ފުރިހަމަކުރަން މަޖުބޫރެވެ. މަސައްކަތް ކުރުމުގެ ލައިސެންސް ލިބޭނީ އޭގެ ފަހުން ކަމަށް ވާއިރު، މި އަހަރުގެ މާޗު މަހު އިންޓާންޝިޕްގެ އެ ބެޗު އަންނަ އަންނަ އަހަރުގެ މާޗު މަހު ނިމޭނެ އެވެ.
އެ ސިޓީގައި އެ ޑޮކްޓަރުން ބުނީ، އިންޓާންޝިޕް ފުރިހަމަ ކުރުމަށް ރާއްޖެ އިން ބޭރުން ވެސް ފުރުސަތު ލިބުނަސް އަމިއްލަ ގައުމުގައި އިންޓާންޝިޕް ހެދުމަށް ނިންމީ ގިނަ ސަބަބުތަކެއް ހުރުމުން ކަމަށެވެ.
"އޭގެ ތެރޭގައި ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމްގެ ފެންވަރު ރަނގަޅު ކަމުގެ މައުލޫމާތު ލިބިފައި ވުމާއި ކޮވިޑުގެ ސަބަބުން ކޯސް ދިގުލައިގެން ދިއުމުން ގިނަ ކުދިންތަކަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައި ވުމާއި މެޑިސިން ކޯހަކީ އަގު ބޮޑު ކޯހަކަށް ވެފައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ކުދިންނަކީ ލޯނު ނަގައިގެން ކިޔަވާފައިވާ ކުދިންނަށް ވުމުން މިހާރު ވެސް ލޯނުގެ ގޮތުގައި ބޮޑު ބައެއް ދަރާފައިވާތީ ބޭރުން އިންޓާންޝިޕް ހެދުމަކީ އަނެއްކާ އިތުރު ހަރަދުތަކެއް ހިނގާނެ ކަމެއް ކަމުގައި ވުމާއި ރާއްޖޭގައި ހުރެގެން އިންޓާންޝިޕް ފުރިހަމަކުރުމަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުން ހިމެނެ އެވެ،" ސިޓީގައި ވެ އެވެ.
އެ ޑޮކްޓަރުން އެދިފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޖެނެރަލް މެޑިކަލް ޑޮކްޓަރުންގެ ވަޒީފާގެ އޮނިގަނޑުގެ ދަށުން އިންޓާން ޑޮކްޓަރުންނަށް ކަނޑައަޅާފައިވާ މުސާރަ މިހާތަނަށް މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ކުރިއަށް މަސައްކަތް ކުރާނެ މުއްދަތަށް ހަމަޖައްސައިދިނުމަށެވެ.
ވަރަށް ގިނަ ގައުމުތަކުގައި އިންޓާންޝިޕް ފުރިހަމަކުރާއިރު އެ ގައުމަކަށް ނިސްބަތްވާ ޑޮކްޓަރުންނަށް މުސާރަ ނުވަތަ އެލަވަންސެއް ދެ އެވެ. މި ސަރަހައްދުގައި ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގެ ސިވިލް ސާވިސްގެ ވަޒީފާގެ އޮނިގަނޑުގައި އިންޓާން ޑޮކްޓަރުން ހިމެނޭކަން ނޭނގި އެ ޑޮކްޓަރުން ވަނީ އިންޓާންޝިޕްގެ މުއްދަތުގައި މުސާރަ ނުލިބޭނެ ކަމުގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.
"ކަން މިހެން އޮވެމެ، މިކަމާ ރުހިގެން ޕްރޮގްރާމް ފެށި ނަމަވެސް އެއްވެސް މުސާރައެއް ނުވަތަ އެލަވަންސެއް ނުލިބި އަހަރެއްހާ ދުވަސް ވޭތުކުރަން ޖެހުމުން އެކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ދަތިތަކާ އަޅުގަނޑުމެން މި ދަނީ ކުރިމަތިލަމުންނެވެ. ކޯހާއި އިންޓާންޝިޕް ފުރިހަމަކޮށް، ވަޒީފާ އަށް ނުކުމެވޭނެ ދުވަސް ލަސްވެފައިވާތީ މާލީ ގޮތުން ދަތިތަކާ ދިމާވެފައިވެ އެވެ،" ސިޓީގައި ބުންޏެވެ.
"އަދި ނަގާފައިވާ ލޯނުތަކަށް ގިނަ އަދަދެއްގެ ފައިސާ މިހާރު ވެސް ދަނީ ކެނޑެމުންނެވެ."
އެ ޑޮކްޓަރުން ބުނާގޮތުގައި، އިންޓާންޝިޕުގައި ބައެއް ދުވަސްދުވަހު ހުއްޓުމެއް ނެތި 24 ގަޑިއިރުގެ ޑިއުޓީ އަދާކުރަންޖެހެ އެވެ. އެ ވަގުތުގައި އަމިއްލަ ޖީބުން ހަރަދު ކޮށްގެން ކެއުންބުއިމުގެ ކަންކަން ހަމަޖައްސާއިރު، އާމްދަނީ ހޯދޭނެ އިތުރު އެހެން ގޮތެއް ނެތުމުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެ އެވެ.
ސިޓީގައި ބުނީ، އެ ދަތިތަކުން އަރައިގަތުމަށް ލޯނެއް ނަގަން ބޭނުންވިޔަސް ވަޒީފާ އަދާނުކުރާ އަދި އާމްދަނީ ނުލިބޭ ބަޔަކަށް ވުމުން ލޯނު ލިބޭ ގޮތެއް ނުވި ކަމަށެވެ.
އެ ޑޮކްޓަރުން އެދިފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޖެނެރަލް މެޑިކަލް ޑޮކްޓަރުންގެ ވަޒީފާގެ އޮނިގަނޑުގެ ދަށުން އިންޓާން ޑޮކްޓަރުންނަށް ކަނޑައަޅާފައިވާ މުސާރަ މިހާތަނަށް މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ކުރިއަށް މަސައްކަތް ކުރާނެ މުއްދަތަށް ހަމަޖައްސައިދިނުމަށެވެ. މިހާރު ވެސް ލޯނުގެ ގޮތުގައި ބޮޑު އަދަދެއް އަރާފައިވާތީ ލޯނު ނޫން ގޮތަކަށް އެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައީސަށް ފޮނުވި ސިޓީގައި އިންޓާންޝިޕް ހަދާ 28 ޑޮކްޓަރަކު ސޮއިކޮށްފައިވާއިރު އެ ދަރިވަރުން، އެދިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކޯސް ނުނިމި ދިގުލައިގެން ދިއުމުން މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ލުއިގޮތްތަކެއް ހޯދައިދިނުމަށެވެ.
އެކަމުގައި އިސްކޮށް އުޅުނު ޑޮކްޓަރަކު ބުނީ އެ ސިޓީ ހުށަހެޅިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީ ނަމަވެސް މިހާތަނަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝަކުވާ ހުށަޙެޅި ޑޮކްޓަރުން، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހޯދައިދިނީތީ ޝުކުރު އަދާކުރެ އެވެ. ހާއްސަކޮށް އެ ހޮސްޕިޓަލްގެ މެނޭޖުމަންޓާއި ޑޮކްޓަރުންނާއި ނަރުހުން އަދި ކަމާ ގުޅޭ އެހެން ޑިޕާޓްމަންޓުތަކުގެ އެހީތެރިކަން ވެސް ފާހަގަކުރި އެވެ.
އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ފަށައިފި
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
އައިޖީއެމްއެޗުގެ އިންޓާން ރާއްޖޭގައި ކިޔަވާ ކުދިންނަށް
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
އަސަދު: ދުވަސްވީ ތަދުތަކަށް ހާއްސަ ފުރަތަމަ ޑޮކްޓަރު
"މެޑިސިން ކިޔަވާ ކުދިންގެ ކިޔެވުމަށް ބުރުނާރާނެ"
އިންޓާން ޑޮކްޓަރުންނަށް ބޮންޑު ނޯންނަ ގޮތަށް ހަދައިފި
އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި