އެސްޓީއޯއިން ރަޖިސްޓްރީކޮށްގެން މީގެ ކުރިން ގެންނަ ބޭހުގެ އަދަދު 300 އަށްވުރެ މަދު ކަމަށާއި މިހާރު އެ އަދަދު 1،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
25 ޖޫން 2025
އެސްޓީއޯއިން ރަޖިސްޓްރީކޮށްގެން މީގެ ކުރިން ގެންނަ ބޭހުގެ އަދަދު 300 އަށްވުރެ މަދު ކަމަށާއި މިހާރު އެ އަދަދު 1،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން އެސްޓީއޯއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ އެންމެ މުހިއްމު އެއް ކަމަކީ، ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ބޭހުގެ އަދަދު އިތުރުކުރުމެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނިން ބޭސް ގެނައި ނަމަވެސް، އަދި ވެސް ބޭހުގެ ކޮންޓްރޯލް އޮންނަނީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގަ އެވެ.
މި ފަހުން ވެސް ބޭސް ނުލިބޭ މައްސަލަ އިތުރަށް ގޯސްވީ، ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައި އޮންނަ އަގު ކުޑަކުރުމުންނެވެ. އެހެން ހެދުމުން ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދަ އިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކަންބޮޑުވުންތައް ދިމާވިއިރު އެސްޓީއޯއިން ރަޖިސްޓްރީކޮށްގެން ގެންނަނީ 300 އަށްވުރެ މަދު ބޭހެކެވެ. އެހެންވެ، ބޭސް ސަޕްލައިކޮށްދޭ އިތުރު ފަރާތްތައް އެސްޓީއޯއިން ހޯދައި އެ ފަރާތްތަކާއެކު އެގްރިމެންޓު ހަދަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ފަހުކޮޅަށް ދާއިރު އެސްޓީއޯގެ ސަޕްލައި އެންމެ މަދުވެގެން 600 އައިޓަމްސް އެސްޓީއޯގެ ތެރެއިން ގެނެވޭނެކަން ކަށަވަރުކުރަން. ހަމައެއާ އެކު، އެ ޕްރޮސެސް ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ނާޒިމް، މިދިޔަ ހޯމަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެސްޓީއޯއިން ގެނެވޭނެކަން މިހާރު ކަށަވަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 99 ޕަސެންޓު ވަނީ ހާސިލްކޮށްފަ އެވެ.
"ދިހަ ވަރަކަށް ބޭހެއް އެބައުޅޭ ރާއްޖޭގައި އެއްގޮތަކަށް ވެސް ބޭނުން ނުޖެހިދާނެ ކަހަލަ ބޭސްތަކެއް. އޭގެ އިތުރުން އެހެން ހުރިހާ ބޭހެއް އަޅުގަނޑުމެންނަށް، މި ދެންނެވި އެސެންޝަލް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް އެސްޓީއޯ މެދުވެރިކޮށް މިހާރު އެތެރެކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައި،" ނާޒިމް ވިދާޅުވި އެވެ.
އެޕްރޫވް ޑްރަގްސް ލިސްޓުގައި ހިމެނޭ ބޭސްތަކުން ވެސް އެސްޓީއޯ މެދުވެރިކޮށް މަދުވެގެން އެއް ޖެނެރިކުން އެއް ބްރޭންޑު ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
އެސްޓީއޯއިން ޓާގެޓުކޮށްފައިވަނީ ހުއްދަ ދީފައިވާ ބޭސްތަކުގެ ތެރެއިން މަދުވެގެން 1،400 ބޭސް ގެނައުމަށެވެ. ނަމަވެސް، އެއަށްވުރެ ގިނައިން ސްޓޮކްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހާހެއްހާ މެޑިސިން އެ ބޭފުޅުންގެ ސްޓޮކަށް ގެނެވިއްޖެ، މި ދެންނެވީ އެކި ބްރޭންޑުތަކުގެ،" ނާޒިމް ވިދާޅުވި އެވެ.
"މިއީ ކުރެވެމުންދާ އެއް މަސައްކަތް. މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ވެގެންދާނީ މި މައްސަލައަށް ދާއިމީ ހައްލު ލިބޭނެ ކަމަކަށް. މީގެ 2-3 މަހެއްހާ ދުވަސް ކުރިން ހުރި ބޭހުގެ ޝަކުވާތަކަށް ލުއި ލިބި، ޝަކުވާތައް މަދުވެ، އެހެން ނަމަވެސް އަޅުގަނޑުމެން އަދި ވެސް ކުރަން ހުރި މަސައްކަތްތައް ހުރިކަން އަޅުގަނޑުމެން ފާހަގަކުރަން."
އަސާސީ ބޭހުގެ ލިސްޓުގައި މިހާރު ހިމެނެނީ 400 ބޭހެކެވެ. ރާއްޖެ އެތެރެކުރަން ހުއްދަ ދީފައިވާ ބޭސް ލިސްޓުގައި 4،000 އަށްވުރެ ގިނަ ބޭސް ހިމެނެ އެވެ.
ބޭހުގެ މައްސަލަ ހައްލުކުރަން ކެބިނެޓުން ވަނީ އާ ކުންފުންޏެއް އުފައްދަން ނިންމައިފަ އެވެ. އޭރުން އެސްޓީއޯ މެޑިކަލްސް އިން ކުރަމުން ދިޔަ ބޭހުގެ މަސައްކަތްތައް އާ ކުންފުންޏަށް ބަދަލުވާނެ އެވެ.
ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ
އަގު ހެޔޮކޮށް ރާއްޖެ އަށް ބޭސް ގެންނަން މަޝްވަރާކުރަނީ
ބޭސް ނުލިބުމުގެ މައްސަލަ އެބަ ހައްލުވޭ: މިނިސްޓަރު
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ފެތުރޭ ރޯގާގެ ބޭހުގެ ސްޓޮކް އެބަހުރި: ހެލްތު
ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށަނީ
ގުރައިދޫ މަރުކަޒުގެ 5 މުވައްޒަފަކު ސްޕޮންސަ ކޮށްފި