Roadha Mihaaru

ބޭސް ނުލިބުމުގެ މައްސަލަ އެބަ ހައްލުވޭ: މިނިސްޓަރު

ބޭސް ނުލިބުމުގެ ކަންބޮޑުވުންތައް އެބައޮތް ކަމަށާއި އެކަމަށް އަޅަމުން އަންނަ ފިޔަވަޅުތަކުން ހައްލު ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޭސް ނުލިބުމުގެ މައްސަލަ އެބަ ހައްލުވޭ: މިނިސްޓަރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 އެޕްރީލް 2025

ބޭސް ނުލިބުމުގެ ކަންބޮޑުވުންތައް އެބައޮތް ކަމަށާއި އެކަމަށް އަޅަމުން އަންނަ ފިޔަވަޅުތަކުން ހައްލު ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އާއްމުންނަށް ބޭހުގެ ދަތިކަން ކުރިމަތިވާކަން އެނގުމާ އެކު އެކަން ހައްލުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އޭގެ ނަތީޖާތައް ރަނގަޅަށް ފެންނަން ފަށާފައިވާ ކަމަށް ވެސް، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމުންގެ ޝަކުވާތައް ހުންނަވަރާއި ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ބަލާ ކަމަށެވެ.

"މި ބަލާ ބެލުމުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދެމުންދާކަން ފާހަގަކުރެވޭ. އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުއެއް ހޯދައިދޭނަން އެއީ މިކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އެ މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނާތީވެ." ނާޒިމް ވިދާޅުވި އެވެ.

ބޭހަށް އާސަންދައިން ދޭ އަގު ކުޑަކުރުމުން ގިނަ ފާމަސީތަކުން ބޭސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެކަމުގެ ޝަކުވާތައް ބޮޑުވުމުން ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތައް އެސްޓީއޯއިން އެކަނި ގެންނަން ނިންމައިފަ އެވެ. އޭގެ އިތުރުން ވެސް އެ މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަ އެވެ.

މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް: ހެލްތު މިިނިސްޓަރު

ނާޒިމް ވިދާޅުވީ އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށް އެ ނިޒާމު ވަރުގަދަކުރުމާއި ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރަން އަދި އެ ދާއިރާގައި ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް އެ މުވައްޒަފުން ޒިންމާދާރުކުރުމަށް އެސްއޯޕީތައް އެކުލަވާލުމަކީ، ބޭހުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ.

އޭގެ އިތުރުން ބޭސް ސިޓީ ދޫކުރުމުގެ ކަންކަމުގައި އާސަންދަ ޕޯޓަލްއަށް އިސްލާހުތައް ގެނައުމާއި ފަރުވާގެ ގައިޑްލައިންތައް އިތުރަށް ހެދުމާއި އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުން އަދި އެސްޓީއޯ ފާމަސިސްޓުން އިތުރަށް ޒިންމާދާރުކުރުމާއި ތަމްރީނުކުރުމުގެ މަސައްކަތް ކުރެ އެވެ.

"މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް." އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް، އެ ކުންފުނީގެ ރޭޓަށް އަގުތައް ތިރިކުރުމުގެ ކުރިން، ބޭސް ވިއްކަމުން ދިޔައީ 1،000-2،000 ޕަސެންޓުގެ ފައިދާގައި ކަމަށެވެ.

އެކަމަކު، އެސްޓީއޯގެ އަގުތަކަށް ބޭސް ވިއްކަންޖެހޭ ގޮތަށް ހެދުމުން، އެ ފަރާތްތަކުން ބޭސް ތާށިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. "އެސްޓީއޯގެ ރޭޓަށް ތިރިކުރީމާ، ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.