Roadha Mihaaru

ހޮސްޕިޓަލްތަކަށް މިއަހަރު 600 އަށް ވުރެ ގިނަ މުވައްޒަފުން ނަގާނެ: މިނިސްޓަރު

ސިއްހީ ދާއިރާއަށް މި އަހަރު 600 އަށް ވުރެ ގިނަ މުވައްޒަފުން އިތުރަށް ނަގާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހޮސްޕިޓަލްތަކަށް 600 މުވައްޒަފުން މި އަހަރު ނަގަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 ޖޫން 2025

ސިއްހީ ދާއިރާއަށް މި އަހަރު 600 އަށް ވުރެ ގިނަ މުވައްޒަފުން އިތުރަށް ނަގާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު، މިދިޔަ ހޯމަ ދުވަހު "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ސިއްހީ ހިދުމަތްތައް ދިނުން އަވަސްކޮށް، ރަނގަޅުކުރަން ރަށްރަށާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން މި އަހަރު ނަގާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކަށް އެކަނި ވެސް ގާތްގަނޑަކަށް 330 މުވައްޒަފުން ވަނީ ނަގައިފަ އެވެ. މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް 300 އަށްވުރެ ގިނަ މުވައްޒަފުން ނެގުމަށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ނާޒިމް، މިދިޔަ ހޯމަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހެލްތު މިނިސްޓަރު ނާޒިމް، މިދިޔަ ހޯމަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މުވައްޒަފުންގެ ތެރޭގައި ގިނައީ ނަރުހުން ފަދަ ޓެކްނިކަލް މަގާމުތަކެވެ.

މިއީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ފަހުގެ ތާރީހެއްގައި ސިއްހީ ދާއިރާއަށް އެންމެ ގިނަ މުވައްޒަފުން ހޯދުނު އަހަރެވެ.

ނާޒިމް ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ އުމްރާނީ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެ މަޝްރޫއުތައް ނިމުމުން ޖާގައިގެ ދަތިކަމާއި ހިދުމަތް ދިނުމުގައި ދިމާވާ އުނދަގޫތަކަށް ހައްލެއް އަންނާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރަށްރަށުގެ އިންފްރަސްޓްރަކްޗާ ކުރިއަރުވަން މި ވަގުތު ވެސް 41 އަށްވުރެ ގިނަ ޕްރޮޖެކްޓު އެބަ ހިންގަ އެވެ. އެއީ އަގުގެ ގޮތުން ބަލާނަމަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެވެ.