31 އޮކްޓޯބަރ 2024
މި ވެރިކަމުގައި ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދެވަނަ ދުވަހު ސަރުކާރުގެ މައި ހޮސްޕިޓަލަށް ވަޑައިގެންނެވުމާ އެކު، އަބްދުﷲ ނާޒިމް އިބްރާހިމަށް ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަތެވެ. އެއީ ސިއްހީ ދާއިރާ އަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ އުއްމީދާ އެކު، މީގެ ހައެއްކަ އަހަރު ކުރިން އޭނާ ފެއްޓެވި މަސައްކަތް ކާމިޔާބުވުމުގެ ހިތްހަމަޖެހިވަޑައިގަތުމެވެ.
މި ވެރިކަމުގައި ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދެވަނަ ދުވަހު ސަރުކާރުގެ މައި ހޮސްޕިޓަލަށް ވަޑައިގެންނެވުމާ އެކު، އަބްދުﷲ ނާޒިމް އިބްރާހިމަށް ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަތެވެ. އެއީ ސިއްހީ ދާއިރާ އަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ އުއްމީދާ އެކު، މީގެ ހައެއްކަ އަހަރު ކުރިން އޭނާ ފެއްޓެވި މަސައްކަތް ކާމިޔާބުވުމުގެ ހިތްހަމަޖެހިވަޑައިގަތުމެވެ.
މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ނާޒިމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އަދި ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ދެވަނަ ފަހަރަށް މި ވެރިކަމުގައި ހަވާލުވެވަޑައިގެންނެވީ ތަސައްވުރަކާ އެކު ކަމަށެވެ. ހޮސްޕިޓަލްތައް އިމާރާތްކުރުމާ އެއްވަރަށް މީހުން ބިނާކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އައިޖީއެމްއެޗުން މިހާރު ފެންނަ ބަދަލަކީ، ސްޕެޝަލައިޒޭޝަނަށް އޭރުގެ ސަރުކާރުން ފޮނުވި ޑޮކްޓަރުން ތަމްރީނުވެ ހިދުމަތާ ގުޅުމެވެ.
"އައިޖީއެމްއެޗަށް ގޮސްފައި ދިމާވި ބައެއް ބޭފުޅުން ސަލާމް ކޮށްފައި ބުނި އެ ދުވަހު އަޅުގަނޑު އަތުން ލިޔުން ހޯދައިގެންނޭ ތިމަންނަ ކިޔަވަން ދިޔައީ. މިހާރު ތިމަންނަ އަކީ މި ތަނުގެ ހެޑް އޮފް ޑިޕާޓްމަންޓޭ. ކޮބައިތޯ އެ އަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ނިޒާމަކަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
"ޒުވާން ޑޮކްޓަރުން ކިޔަވައިގެން އައިސް. އެކަން ހިނގަން އެބަޖެހޭ. ދައުލަތުގެ ބަޖެޓުން ވެސް ހަރަދުކުރާނަން އަދި ބޭރުގެ ފަންޑިން ހޯދައިގެން ވެސް މިކަން ކުރާނަން. މިކަން ނުކޮށް އަޅުގަނޑުމެންނަކަށް، މިސާލަކަށް ކާޑިއެކް ސެންޓަރަށް ވަޑައިގެންނެވިއަސް ބައްލަވާ، ފުރަތަމަ ފެށިއިރު ހަމަ އެންމެ ޑޮކްޓަރެއް ދެ ޑޮކްޓަރެއް ލައިގެން ފެށީ. މިހާރު ވަރަށް ގިނަ ޑޮކްޓަރުން އެބަތިބި."
ހެލްތު މިނިސްޓަރު ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އެއްބަސްވާ ކަމެއް އެބައޮތެވެ. އެ ދާއިރާ ތަރައްގީކުރަން ނާޒިމް އެޅުއްވި ފިޔަވަޅުތަކާ ގާތަށް ވެސް މަސައްކަތްކުރެއްވި އެހެން ބޭފުޅަކު ނެތް ކަމެވެ.
ގިނަ ބަޔަކު ނުވާނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވިއަސް ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށި އެވެ. ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު މިރޭ ސެޓްފިކެޓް ހިފައިގެން ސްޓޭޖުން ފައިބާނީ މިހާރުގެ ހެލްތު މިނިސްޓަރު ނާޒިމް އެޅުއްވި ބިންގާމަތީގަ އެވެ. އެހެންވެ، މިރޭ އެންމެ ބޮޑު ފަހުރެއް ލިބިވަޑައިގަންނަވާނެ އެއްބޭފުޅަކީ ނާޒިމެވެ.
ނާޒިމް ވިދާޅުވިގޮތުގައި، ފަރުވާ ހޯދުމާއި ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދު ހޯދުމުގެ ދޮރު، އެހެން ގައުމުތަކަށް ވުރެ ރާއްޖެ އަދި ވެސް އޮތީ މާބޮޑަށް ހުޅުވިފަ އެވެ.
އެންމެ ކުޑަ ރަށުން ފެށިގެން އެންމެ ބޮޑު ރަށާ ހަމައަށް ޑޮކްޓަރެއް އަދި ނަރުހެއް ނެތް ރަށެއް ނެތް ކަމަށާއި އާބާދީ ކުޑަވިއަސް ބޭސް ފިހާރައެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. ބޮޑެތި ރަށްރަށުގައި އެ އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ލެބޯޓްރީ ވަސީލަތްތައް ފުރިހަމަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އަދި ފުއްދާލެވެން ނެތް ކަން ވެސް އޭނާ ގަބޫލު ކުރައްވަ އެވެ. ދެވަނަ ފަހަރަށް ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތައް ވަރަށް ބޮޑެވެ. ބައެއް ކަންކަން ހުރީ މީގެ ހައެއްކަ އަހަރު ކުރިން އޭނާ އެ މަގާމު ފުރުއްވި ދުވަސްވަރު ހުރި ހިސާބުގަ އެވެ. ކުރިއެރުމެއް ނެތެވެ.
ނާޒިމް ވިދާޅުވީ ކުޑަ ރަށަކަށް ސީރިއަސް މައްސަލައެއްގައި ބަލި މީހަކު ހިނގައިދާނެތީ އެ މީހާ އަށް ހެލްތު ފެސިލިޓީއަކަށް ދިއުމުން ބައްޔަށް ފަރުވާ ފެށިފައިވާ ކަމުގެ ޔަގީންކަން ލިބެންޖެހޭ ކަމަށެވެ. އެ ތަނަކުން ފަރުވާ ނުލިބޭ ނަމަ އިތުރު ފަރުވާ ލިބޭނެ އެހެން ގޮތެއް، އެ ބަލި މީހާ އަށް ސާފުވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ހިތުގެ އަޑިން ގަބޫލު ކުރައްވާ ގޮތުގައި ރާއްޖެ އަށް ބޭނުންވަނީ މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ޕްލޭނެކެވެ. ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވާއިރަށް ޕްލޭންތައް ބަދަލުވުމަކީ ސިއްހީ ދާއިރާގެ ސްޕީޑް އާދަޔާ ހިލާފަށް ދަށްވުމުގެ މައިގަނޑު އެއް ސަބަބެވެ. ކޮންމެ ވެރިއަކަށް ކޮންމެ ހެލްތު މިނިސްޓަރަކަށް ޕްލޭނެއް އޮތުމުގެ ދެރަ އޮތީ އާންމު މީހާއަށެވެ. އެހެންވެ، ނާޒިމް މިސްރާބު ޖައްސަވާފައި ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ 20 އަހަރުގެ މާސްޓަ ޕްލޭން އެކުލަވާލައި އެ ކާމިޔާބު ކޮށްދިނުމަށެވެ. ސިއްހީ ނިޒާމު، އިތުރު ހަރުފަތަކަށް ދިއުމަށް އޮތް ފުރިހަމަ ޕްލޭނަކީ އެއީ އެވެ.
ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިއްހީ ނިޒާމު ކުރިއެރުވުމާއި ޖިއޮގްރަފީ ގޮތުން ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތްތައް އެ ޕްލޭންގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެންމެން ގަބޫލުކުރަންވީ ނާޒިމް ވިދާޅުވި ގޮތުގައި، ކޮންމެ ރަށެއްގައި ހުރިހާ ފަރުވާއެއް ލިބުމަކީ ކަން ހިނގާ ގޮތެއް ނޫން ކަމަށެވެ.
"މުހިއްމު ކަމަކީ އަތޮޅު ތެރޭގައި ހުރި ކުދިކުދި ހެލްތު ފެސިލިޓީސްތަކުން ވެސް އެ ތަނަކަށް ކެޓަގަރައިޒް ކުރެވިފައި ހުރި މިންވަރުން ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް އޯގާތެރިކަމާއެކު ދެވެމުން ދިއުން އަދި މި ހިދުމަތް މި ތަނުން ނުލިބުމުން ދެން ރައްޔިތު މީހާ އަށް އެނގެނީ މި ހިދުމަތް ހޯދަން ތިމަންނަ ދާންޖެހޭ ތަން. ދާން ޖެހޭ ތަނާއި އޭނާ އަށް އެ ހިދުމަތް ލިބޭނެ ޓައިމާއި މި ތަކެތި ސާފުވެ، މި ނިޒާމް ގުޅި، ދަތުރުފަތުރުގެ ތެރެއިން މި ނިޒާމު ގުޅި، އެ ބޭފުޅުންނަށް އެ ތަނަށް ގޮސް ޑޮކްޓަރަށް ދެއްކޭނެ ނިޒާމް،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ދޭ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ނާޒިމް ވާހަކަދައްކަވަނީ.- ފައިލް ފޮޓޯ: މިހާރު
ސިއްހީ ނިޒާމު ހަރުދަނާކުރަން މުޅި ދައުލަތުގެ ބައިވެރިވުން އޮތްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖެ ބެހިފައިވާ ގޮތުން ދަތުރުފަތުރުން ގުޅާލުމާއި ބޭސް ފޯރުކޮށްދިނުމަށް ބަލަންޖެހޭ ކަމަށެވެ. އެކަން ކަމަކީ ހަމަ އެކަނި ހެލްތުގެ އިންފްރަސްޓްރަކްޗާ ގާއިމްކޮށްގެން ނުވަތަ މީހުން ބިނާކޮށްގެން އެކަނި ވާނެ ކަމެއް ނޫން ވެސް ނާޒިމް ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ މުހިއްމު ބޭސް ހުސްވެގެން ދޭތެރެދޭތެރެއިން އާއްމުންގެ ޝަކުވާ ބޮޑުވެ އެވެ. ނާޒިމް އަނެއްކާވެސް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަންނަވަނީ އެ ހާލަތެވެ. ހައެއްކަ އަހަރުގެ މެދުކެނޑުމަކަށް ފަހު، މުޅި ސިއްހީ ދާއިރާގެ އެންމެ އިސްވެރިޔާގެ ގޮނޑީގައި އިށީނދެވަޑައިގަންނަވަން ޖެހެނީ ހަމަ އެ މައްސަލަތަކާ އެކު އެވެ.
ނާޒިމް ވިދާޅުވީ އާއްމުންނަށް މި އަށް ވުރެ ފަސޭހައިން ބޭސް ލިބޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. ފަރުވާ ލިބޭކަން ކަށަވަރު ކުރެވޭނީ ބޭސް ލިބޭ ހިސާބުން ކަމަށް ވާތީ، އެ ނިޒާމު ހަރުދަނާކުރަން ކެބިނެޓާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގައި މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ނިޒާމަށް ހޯލް ގަވަމެންޓް އޮފް އެޕްރޯޗެއް ގެންނަން މަސައްކަތް ކުރާނެ ކަމަކީ ބޭސް ރަނގަޅު ގޮތުގައި ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން،" މިނިސްޓަރު ވިދާޅުވި އެވެ.
ބޭސް ގެނައުމުގައި ވެސް ކުރިން އަމަލުކުރި ގޮތް ރަނގަޅު ނޫން ނަމަ އާ ގޮތަކަށް ބަދަލުވާން ޖެހޭކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލެއްވި އެވެ.
ބޭހަށް ކުރާ ހޭދަ ކުޑަކުރަން މާދަމާ އިން ފެށިގެން އެމްއާރުޕީއަށް އަމަލުކުރަން ފަށާނެ އެވެ. އެއާ އެކު، ބަލްކް ޕްރޮކިއުމަންޓް އުސޫލުން ޔޫރަޕް ކޮލިޓީގެ ބޭސް ގެންނަން ވަނީ ފަށައިފަ އެވެ.
ނާޒިމް ވިދާޅުވީ މެދުފަންތީގެ ގައުމުތަކަށް ވުރެ، އާބާދީގެ ނިސްބަތުން ރާއްޖޭގައި ފަރުވާ ހޯދަން ބޮޑު އެއްޗެއް ހަރަދުކުރާ ކަމަށެވެ. އެވަރަށް ހަރަދުކޮށްގެން އެ އަށް ވުރެ ކޮލިޓީ ރަނގަޅު ކެއާ ދެވެން ޖެހޭނެ ކަމަށާއި އެ ނިޒާމަށް ދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަމުން ދިޔަ ދުވަސްވަރު، އެ މަސައްކަތް ކުރިއަށްދާ ގޮތް ނާޒިމް ބައްލަވާލައްވަނީ.-- ފައިލް ފޮޓޯ: މިހާރު
އާސަންދައިން ބަލި މީހުންނަށް ކުރާ ހޭދަ ކޮންމެ އަހަރަކު ވެސް 18 ޕަސެންޓް އިތުރުވިއަސް ރާއްޖޭގެ އިގުތިސާދު 18 ޕަސެންޓް ކުރި ނާރާ ކަން ނާޒިމަށް އެނގިވަޑައިގަންނަވަ އެވެ. އެހެންވެ، އާސަންދަ ރިފޯމް ނުކޮށް ދެން ހުރި ކަންތައް ނުވާނެ ކަމަށާއި އާސަންދަ އަށް ގެންނަ ހެޔޮ ބަދަލުން ރައްޔިތުން ހިތްހަމަޖެހި، މުޅި ގައުމަށް ފައިދާކުރާނެކަން ފާހަގަކުރެއްވި އެވެ.
ދުޅަހެޔޮ އާބާދީ އަށް ވުރެ ބޮޑު ރިސޯސްއެއް ގައުމުގައި ނޯންނާނެތީ އެ މަގަށް ވާސިލްވުމަށް އިންވެސްޓްކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ހޮސްޕިޓަލްތައް އަޅައި ޑޮކްޓަރުން ލީމަ އޭގެ ބާޑަން ބޮޑުވާނެ. ރައްޔިތުންނަށް ބޭނުންވާ ބޭސް ހަރުދަނާނުކޮށް ހެލްތު ނިޒާމް ރައްޔިތުން ބޭނުންވާ ހިތްހަމަޖެހުން ގެނެސް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެއް ސަރުކާރަކުން ކުރާ ކަންތައް، އަނެއް ސަރުކަރާއެކު އިސްކަންދޭންޖެހޭ ކަންތައްތައް ބަދަލުވެ، ކޮންޓިނިއުނިޓީ ގެއްލިގެން ދިއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވަރަށް ބޮޑު ގެއްލުމެކެވެ. އެހެނިހެން ދާއިރާތަކުން ވެސް އެ ގެއްލުންތައް ލިބޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ އުސޫލުން، ސިއްހީ ނިޒާމުގެ ފެށުމަކީ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލް ކަމަށް ގަބޫލުކުރާ ނަމަ ހާލަތު ބަދަލެއް ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސިއްހީ ނިޒާމުގެ ފެށުމަކީ އެ މީހެއްގެ ގެ އެވެ. އެ ހިސާބުން، ސިއްހީ ނިޒާމަށް އެޑްރެސް ނުކުރެވިއްޖެ ނަމަ ގޮންޖެހުންތައް ހައްލުވާނެ ކަމަށް އަދި ބޭސްފަރުވާގައި ތާށިވެގެން ތިބެ ސިއްހީ ނިޒާމު ހަރުދަނާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕަބްލިކް ހެލްތު ތަރައްގީ ކުރުމަށްޓަކައި އާބަން ހެލްތު ސެންޓަރުތައް ވަރުގަދަކުރުން. ފުރަތަމަ ހަމަ ބައްޔެއް ވާ އިރަށް މައި ހޮސްޕިޓަލަށް ދިއުން އެއީ ސިކުނޑީގައި އިންނަ ވިސްނުން ކަމަށް ދެކިގެން އުޅުން[ރަނގަޅެއްނޫން]،" ނާޒިމް ވިދާޅުވި އެވެ.
މި ކުޑަކުޑަ އާބާދީގައި ނުވާނެ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ގޮންޖެހުންތައް އަމާޒުވިއަސް ދޫނުދެއްވީ ނާޒިމްގެ މަންޒަރުގައި ހަގީގީ ކުލަ ޖެއްސެވުމަށެވެ.
ނާޒިމްގެ މިނިސްޓަރުކަމުގައި ފެށި ޑޮކްޓަރުން ތަމްރީނުކުރުމުގެ ފުރަތަމަ ބެޗަށް ފަހު. އޭގެ ދެވަނަ ބެޗު ވެސް ވަރަށް އަވަހަށް ކިޔެވުން ނިމޭނެ އެވެ. އޭނާ ވިދާޅުވީ ސްޕެޝަލައިޒްޑް ތަމްރީނުތައް ފަށަން ޖެހޭ ކަމަށާއި އެހެން ނޫނީ ސިއްހީ ދާއިރާ ކުރިއަކަށް ނުދާނެ ކަމަށެވެ.
ހެލްތު މިނިސްޓަރު ނާޒިމް އަދި ސްޓޭޓް މިނިސްޓަރު ހަދީޖާ މަސައްކަތުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ފުރަތަމަ ޑޮކްޓަރުން ތަމްރީންކުރަން އުޅުނުއިރު ވެސް ފާޑުކިޔުންތަކާ ގޮންޖެހުން އައި. އެކަމަކު، އަބަދުވެސް ދެކެން ބޭނުންވާ ކަމަކީ ގޮންޖެހުމަކީ، ފާޑުކިޔުމަކީ ކުރިއެރުމަށް އޮތް އޮޕޮޗިއުނިޓީއެކޭ،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނު މެޑިކަލް ސްކޫލު ވުޖޫދު ކުރަން އުޅުނީމަ އަޅުގަނޑަށް ވެސް އައި ވަރަށް ގޮންޖެހުން. އެކަމަކު، އަޅުގަނޑު އޭރު ވެސް ގަބޫލުކުރީ ދިސް އިސް ދަ ވޭ ފޯވާޑޭ. ބޭރުގެ ފަރާތްތަކުގެ އެހީއަށް ވެސް އެދުނީ. އެހީ ލިބިގެން ފެށުނީ،" އޭނާ ވިދާޅުވި އެވެ.
"ދަރުމަވަންތަ ހޮސްޕިޓަލް އެޅިއިރު އެއީ މެޑިކަލް ސްކޫލަށް ހާއްސަވެފައި އޮތް ތަނެއް ނޫން އެއީ. އެކަމަކު، ކަމާބެހޭ ފަރާތްތަކާއެކު އެ ފުރުސަތު ހޯދަން މަސައްކަތްކުރީމާ އެ ފުރުސަތު ލިބުނީ."
ނަރުހުން ތަމްރީނުކުރުމުގައި މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު އެންމެ ކުރީގައި އުޅެނީ ރާއްޖެ ކަމަށް ވިއަސް، ނާޒިމް ވިދާޅުވި ގޮތުގައި، އެކި ބަލިތަކަށް ހާއްސަ ނަރުހުން ވަރަށް މަދުން ނަމަވެސް ތަމްރީނު ވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ނަރުސް ވަނީ މިދިޔަ މާޗު މަހު ހިދުމަތާ ގުޅިފަ އެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން އަދި ތެރަޕިސްޓުން ތަމްރީނުކޮށް ނިޒާމް ހަރުދަނާކުރުމުގެ ވާހަކައިގައި ބަރުދަނެއް ނުހުންނާނެ ކަމަށެވެ. އެހެންވެ، އެ ދުވަހު ނާޒިމް ފެއްޓެވި މަސައްކަތް އަލުން ކުރިއަށް ގެންގޮސް ސިއްހީ މި ނިޒާމަށް ރަނގަޅު ފަރުވާއެއް ލިބޭނެ ކަމުގެ އުއްމީދު އޭނާއަށް ވަރަށް ބޮޑެވެ. ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް "ފެންސީ"ކޮށް
އޭއީއެޗްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އިމާރާތެއް
ގަމާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!
ކުވެއިތުފަންޑުގެ ހޮސްޕިޓަލްތައް ހަދައިދޭނެ ބަޔަކު ހޯދަނީ