ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދޭން ކަނޑައަޅައިފި އެވެ.
04 ޖޫން 2025
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދޭން ކަނޑައަޅައިފި އެވެ.
އެކަން އިއުލާންކުރީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ "ލެޓާ އޮފް އެކްސްޗޭންޖު" ގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ސޮއިކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ އެ ގައުމުގެ އެހީގައި އިމާރާތްކުރާ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށެވެ.
ވިލިމާލޭގެ އާ ހޮސްޕިޓަލްގެ ނަން ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބަލައިގެން ދޭން ނިންމިއިރު، އެ ގައުމުގެ ވަރަށް ބޮޑު އެހީއަކާ އެކު، ހެދި ސިނަމާލެ ބްރިޖަށް ވެސް ކިޔާފައި ވަނީ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" އެވެ.
ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި (ކ-ވ)، މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއިއޯ ހަލީމް (ކ)، ހެލްތު މިނިސްޓަރު ނާޒިމް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު އަދި ޗައިނާ ސަފީރު ކޮންގު ޒިއަންހުއާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ސަފީރު މިއަދު ވިދާޅުވީ، ޗައިނާގައި ސިއްހީ ހިދުމަތްދޭ އެއް މިލިއަނަށް ވުރެ ގިނަ މަރުކަޒުގައި ބޭނުންކުރާ މެޑިކަލް ޑިވައިސްތަކުގެ 96 ޕަސެންޓަކީ އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ލައިފް އެކްސްޕެންޓެންސީ ވެސް 70 އަހަރުގެ ތެރޭގައި 35 އަހަރުން 75 އަހަރަށް މަތިވެފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ދުނިޔޭގައި މި ވަގުތު ހުރި އެންމެ ބޮޑު ހޮސްޕިޓަލު ވެސް ހުރީ ޗައިނާގަ އެވެ. އެ ތަޖުރިބާތަކާ އެކު، ވިލިމާލޭގައި އަޅަނީ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މުއްތަލިބު ވިދާޅުވީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. ޑިޒައިން ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާއާ އެކު އެއްބަސްވުމަށް ފަހު، އެ މަޝްރޫއެއް ޑެލިވާކުރަން ވަރަށް މަސައްކަތްކުރާ ކަމަށާއި އެކަމަށް ޝައްކެއް ނުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވިލިމާލޭގައި ހޮސްޕިޓަލެއް ހިންގިއަސް ލިބެނީ ވަރަށް މަދު ފަރުވާއެކެވެ. އެހެންވެ، ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރު ސިއްހީ ދާއިރާ ތަރައްގީ ކުރަމުންނެވެ.
މުއްތަލިބު ވިދާޅުވީ އައިޖީއެމްއެޗުގައި މިހާރު ވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. ބްރިޖުން ގުޅާލައި އަދި ގުޅިފަޅުގައި ހޮސްޕިޓަލެއް އެޅެންދެން ވެސް ވިލިމާލެ ހޮސްޕިޓަލުގެ ބޭނުން ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ޗައިނާގެ އެހީގައި 50 ކައުންސިލް އިމާރާތް އަޅަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ
ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށައިފި
17 ލެބޯޓްރީއަކަށް ސާމާނު ހޯދަން ޗައިނާއާއެކު ސޮއިކޮށްފި
ބްރިޖުގެ މެއިންޓެނަންސް ޗައިނާ އިން ހިލޭ ކޮށްދެނީ
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"