ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރަން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.
20 ޖުލައި 2025
ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރަން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.
ފްލެޓްތަކާ ގުޅޭ ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ އެވެ. އެކަމަކު މިއީ، ކުރީ ސަރުކާރުން ފްލެޓަށް އެދި ހުޅުވާލި އުސޫލްގައި ހިމަނާފައި ނުވާ ކަމެއް ކަމަށް ބުނެ ފްލެޓް ލިބުނު ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނީ، ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ މީހުންނަށް ކަމަށް ނިންމުމަކީ، އެއީ އާއްމުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށެވެ.
އެހެންވެ، އެކަމަށް ރިއާޔަތްކޮށް އެ ނިންމުން ބަދަލުކުރީ ކަމަށް ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ އެ އިއުލާން، ބާތިލްކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖައްސާފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅުން ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރަތްކޮށް ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ ކަމަށެވެ.
"ނޮވެމްބަރު 15، 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން އިއުލާންކުރި ލިސްޓާ ގުޅިގެން، ފްލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ދެންނެވުނު ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައިނުވާނެ އެވެ،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓު ލިބޭ މީހުންނާއެކު މާދަމާ އެގްރިމެންޓުގައި ސޮއިކުރަން ފެށުމަށް ތައްޔާރުވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުނެފައި ވެ އެވެ. އެކަމަކު މި ސަރުކާރުގެ ނިންމުމަކީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"ގެ ތިންވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި "މާލެ ސަރަހައްދު [މާލެ، ހުޅުމާލެ، ވިލިނގިލި]ގައި" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރަޖިސްޓަރީވެފައި ނެތުން ކަމަށެވެެ. އަދި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި އޮތް ނަމަ އެތަނެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. މާލެ ސަރަހައްދު ނޫން އެހެން ތަނެއްގައިި ގޯއްޗެއް އޮވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ފަހުން ގެނައި ބަދަލާ ގުޅިގެން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަން ޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށް ވާތީ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި މުއްތަލިބް ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އަންގާނީ ޕޯޓަލް އިން
ގިރާވަރާއި ހުޅުމާލެ3 ހިއްކާ އެގްރިމެންޓު ބާތިލްކުރަނީ
ހިޔާފްލެޓް އަތުލި މީހުންނަށް ފުރަތަމަ މަޝްރޫއުން ފްލެޓް
ފްލެޓް އެއްބަސްވުމުގައި އަންނަ ހަފުތާ ސޮއިކުރަން ފަށަނީ
4،000 ފްލެޓުގެ އެއްބަސްވުން ހަދަނީ 25 އަހަރަށް
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
ވިލިމާލެ ހޮސްޕިޓަލަކީ އެންމެ ބޮޑު ހޮސްޕިޓަލަށް ވާނެ
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ