Roadha Mihaaru

4،000 ފްލެޓު ލިބޭ މީހުންނާ އެކު އަންނަ ހަފުތާގައި ސޮއިކުރަން ފަށަނީ

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެގްރިމެންޓުގައި އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

ފްލެޓް އެއްބަސްވުމުގައި އަންނަ ހަފުތާ ސޮއިކުރަން ފަށަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

14 ޖުލައި 2025

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެގްރިމެންޓުގައި އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަހާ ފޯރަމް" ގައި، މިނިސްޓަރު މުއްތަލިބް މިރޭ ވިދާޅުވީ ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެގްރިމަންޓުގައި ސޮއިކުރުމުގެ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގްރިމެންޓުގައި ސޮއިކުރުމުގެ މުއްދަތު ކައިރިވިއަސް އެފްޑީސީން ހަދާ އެގްރިމެންޓު އަދި ފައިނަލްކޮށްފައި ނުވާ ކަމަށެވެ. އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން އެގްރިމެންޓު ފައިނަލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފުތާގެ ތެރޭގައި އެގްރިމެންޓުތަކުގައި ސޮއިކުރުން ފެށިގެންދާނެ ކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގްރިމެންޓުތަކުގައި ސޮއިކުރަން ވަކި ތަނެއް ހަމަޖައްސައި، ޓެންޓު ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން އެކަމަށް ބޭނުންވާ އިދާރީ ކަންކަން ވެސް އެފްޑީސީން ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފްލެޓުތަކުގެ އެއްބަސްވުން ހަދަން ނިންމާފައިވަނީ 25 އަހަރަށެވެ. އަދި އެ ތަން ލިބޭ މީހުންނަށް އެޕާޓްމަންޓު މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުންޏެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.

އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.