ހިޔާ ފްލެޓު ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިޔުން ދިނުމަށް ފަހު، ކުރީގެ ސަރުކާރުން ފްލެޓު އަތުލި މީހުންނަށް، މި ސަރުކާރުން ގެންދާ ފުރަތަމަ ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓު ދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
15 ޖުލައި 2025
ހިޔާ ފްލެޓު ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިޔުން ދިނުމަށް ފަހު، ކުރީގެ ސަރުކާރުން ފްލެޓު އަތުލި މީހުންނަށް، މި ސަރުކާރުން ގެންދާ ފުރަތަމަ ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓު ދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ގައި އާއްމުންގެ މީހަކު ވީޑިއޯ މެދުވެރިކޮށް ކުރި ސުވާލާ ގުޅިގެން މުއްތަލިބު ވިދާޅުވީ ވަކި ނިންމުމެއްގެ ގޮތުގައި، ކުރީގައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދިނުމަށްފަހު ފްލެޓު ނުލިބޭ މީހުންނަށް އިސްކަންދިނުން އެބައޮތް ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާނެ ކަމަށް، ޕީއެސްއެމްއިން ގެންދިޔަ ލައިވް ފޯރަމްގައި މިނިސްޓަރު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އެޅި ހިޔާ ފްލެޓުތައް ބަހާލާފައިވަނީ އެކި ކެޓަގަރީތަކަށެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޓީޗަރުންނާއި ނަރުހުންނާއި ސިފައިންނާއި ފުލުހުން އަދި ސިވިލް ސާވިސް ކެޓަގަރީ ހިމެނެ އެވެ. އަދި 7،000 ފްލެޓުގެ ތެރެއިން އެޕާޓްމަންޓެއް ލިބޭނެ ކަމަށް ބުނެ ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި އޮއްވައި ހައުސިން މިނިސްޓްރީން އޭރު ލިޔުން ދިނެވެ.
ޕީއެސްއެމް އިން މިރޭ ގެންދިޔަ އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނަމަވެސް، އެ ވެރިކަން ބަދަލުވުމުން، ކުރީގެ ސަރުކާރުން ހިޔާ ފްލެޓުގެ ލިސްޓު އަލުން އެކުލަވާލި އެވެ. އެއާއެކު، ފްލެޓު ލިބޭނެ ކަމަށް ބުނެ ކުރިން ލިޔުން ދިން ބައެއް މީހުން ލިސްޓުން އުނިކުރި އެވެ.
ފޯރަމްގައި މިރޭ ސުވާލުކުރި މީހާ ބުނިގޮތުގައި އޭނާއަކީ ޓީޗަރުންގެ ކެޓަގަރީން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބުނު މީހެކެވެ. ނަމަވެސް، ފޯމުތައް އަލުން ބެލިއިރު އެ ލިސްޓުން އުނިވެފައިވާ ކަމަށާއި އެ ހާލަތުގައި ތިބި މީހުންނަށް ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އެކަމުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވައިދިނުމަށް އޭނާ އެދުނެވެ.
މުއްތަލިބު ވިދާޅުވީ މިހާރު ވެސް 10،000 ފްލެޓު އެޅުމަށް ފައިނޭންސް ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ގުޅީފަޅުގައި އެޅުމަށް އަވަހަށް ސޮއިކުރަން ހަމަޖައްސާފައިވާ 4،000 ހައުސިން ޔުނިޓު ހިމެނެ އެވެ.
އޭގެ ތެެރެއިން ކޮންމެ މަޝްރޫއަކުން ވިއަސް ހިޔާ ފްލެޓުގެ ލިޔުން ލިބި، ފްލެޓު ނުލިބުނު މީހުންނަށް އިސްކަންދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕީއެސްއެމް އިން މިރޭ ގެންދިޔަ އަހާ ފޯރަމްގައި އާއްމުންގެ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ކޮންމެ މަޝްރޫއެއް ނަމަވެސް، އެންމެ އަވަހަށް ފެށިގެންދާ މަޝްރޫއުގެ ތެރޭގައި އަޅުގަނޑުމެން އިސްކަންދޭނެ މި ދެންނެވި ގޮތަށް ހިޔާ ފްލެޓުގައި އޭރު ފްލެޓު ދީފައި އެ ކެންސަލްކުރި ފަރާތްތައް، އޭރު ލިސްޓު އިއުލާންކޮށްފައި ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން ނުދިން ފަރާތްތަކުގެ ތެރޭގައި މިހާރުގެ ހާލަތަށް ބަލާއިރު އެ ފަރާތަކީ ބޯހިޔާވަހިކަމެއް ނެތް ފަރާތެއް ނަމަ އެ ފަރާތަށް އިސްކަންދެވޭނެ ކަހަލަ ނިޒާމެއް ގާއިމްކުރާނެ،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިޔުން ދިނުމަށްފަހު ލިސްޓުން އޭރު ވަކިކުރީ އިންސާފުން ނޫން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން މުއްތަލިބު ދެއްކެވީ ދިރިއުޅޭ ތަނުގެ ފާރުގައި ރެނދު ނެތުމުން ވެސް ލިސްޓުން އުނިކޮށްފައި އެބަހުރި ކަމަށެވެ.
"އެ ފަރާތްތަކަށް މިދިޔަ ފަސް އަހަރު މި ދިޔައީ އެއްވެސް ކަހަލަ އިންސާފެއް ނުލިބި. އެހެންވީމަ، އަޅުގަނޑުމެން ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ހިޔާ ފްލެޓުގެ ލިޔުންތައް ލިބި ކެންސަލްކުރި ފަރާތްތަކަށް އިސްކަންދޭ މެކޭނިޒަމެއް ގާއިމްވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި
ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އަންގާނީ ޕޯޓަލް އިން
ކުލީގެ އަދަދު ބިލިއަނުން ގުނަން ތިބެގެން ހައްލެއް ނެތް
ގިރާވަރާއި ހުޅުމާލެ3 ހިއްކާ އެގްރިމެންޓު ބާތިލްކުރަނީ
ފްލެޓް އެއްބަސްވުމުގައި އަންނަ ހަފުތާ ސޮއިކުރަން ފަށަނީ
4،000 ފްލެޓުގެ އެއްބަސްވުން ހަދަނީ 25 އަހަރަށް
ރަށްރަށުގައި 12،000 ހައުސިން އަޅާނެ ބަޔަކު ހޯދަނީ
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"