Roadha Mihaaru

ޓާޝަރީ ފެންވަރަށް ހިދުމަތް ތަރައްގީކުރަން ދެ ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފި

ޓާޝަރީ ފެންވަރަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ދެ ހޮސްޕިޓަލް އަޅައި ޖާގަ އިތުރުކުރަން 316 މިލިއަން ރުފިޔާއަށް ސަރުކާރުގެ ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ޓާޝަރީ ދެ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 އެޕްރީލް 2025

ޓާޝަރީ ފެންވަރަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ދެ ހޮސްޕިޓަލް އަޅައި ޖާގަ އިތުރުކުރަން 316 މިލިއަން ރުފިޔާއަށް ސަރުކާރުގެ ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޅ. ނައިފަރު ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޑިޒައިން އެންޑް ބިލްޓު އުސޫލުން އަޅަން ހަވާލުކުރީ އާރުޑީސީ އަދި އެމްޓީސީސީއަށެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ވަނީ ސޮއިކުރައްވައިފަ އެވެ.

ސަތާރަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 161،245،343ރ. އެވެ.

ދެ ރަށެއްގައި ހޮސްޕިޓަލް އަޅައި ނައިފަރު ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ އެގްރިމެންޓުގައި މިއަދު ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ރަށެއްގައި ހޮސްޕިޓަލް އަޅައި ނައިފަރު ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ އެގްރިމެންޓުގައި މިއަދު ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ކުންފުންޏާ ދެން ހަވާލުކުރީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ވެސް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ޖާގަ އިތުރުކުރުމަށެވެ. އެ ހޮސްޕިޓަލުގެ މަސައްކަތްތައް 17 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 147،437،643ރ. އަށެވެ.

ނައިފަރުގައި ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ. އެއީ 7.7 މިލިއަން ރުފިޔާއަށް، އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރީޖަނަލް ދެ ހޮސްޕިޓަލު ނިމުމުން ޓާޝަރީ ފެންވަރަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް އެ ތަންތަނުގައި ގާއިމްކުރެވޭނެ ކަމަށެވެ.

ނައިފަރުގައި ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެގްރިމެންޓުގައި ސޮއިކުރެއްވުމަށްފަހު ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަސްބާހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ރަށްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އަޅަން ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސައިންސަސް، ޑރ. އަހުމަދު އަޝްރަފު ވިދާޅުވީ ގިނަ ރަށްރަށުން މާލެއަށް ފޮނުވާ މައްސަލަތަކުގެ ތެރޭގައި ހިތާއި ކިޑްނީ އަދި ނާރުގެ ބަލިތައް ހިމެނޭ ކަމަށެވެ. އެހެންވެ، ޓާޝަރީ ފެންވަރުގައި އެ ހޮސްޕިޓަލުތައް ތަރައްގީކުރަނީ އެ ހިދުމަތްތައް ލިބޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ އެކި ހޮސްޕިޓަލުތައް، އެކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލުތަކުގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.

ހޮސްޕިޓަލުތަކުން ދޭ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުން އެކި ކަންކަމުގައި މާލެ ފޮނުވާ މީހުން މަދުކޮށް، ވީހާ ވެސް އަވަހަށް ބަލި މީހުންނަށް ފަރުވާ ދޭން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.