Roadha Mihaaru

ދުވަސްވީ ފާރުގަނޑުތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ކްލިނިކެއް ހުޅުވައިފި

ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދޭން ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ކްލިނިކެއް ހުޅުވައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ވޫންޑް ކެއާ ކްލިނިކް ހުޅުވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 އެޕްރީލް 2025

ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދޭން ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ކްލިނިކެއް ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، "ވޫންޑް ކެއާ ކްލިނިކް" ހުޅުވައިދެއްވުމަށްފަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ އެ ތަނުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން މަސައްކަތްކުރަނީ، އެއް ތަނާ އަނެއް ތަނާ ވާދަކުރުމުގެ ބަދަލުގައި ދެ ފަރާތުން ވަރަށް ގުޅިގެން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތަށް އާ ހިދުމަތްތައް ތައާރަފްކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު، ޕްލާސްޓިކް ސާޖަން، ޑރ. މުހައްމަދު ވަހީދު ވިދާޅުވީ ގިނަ ދުވަސްވީ ފާރުގަނޑުތަކަށް ޒަމާނީ ފަރުވާ ފުޅާވެގެން ދިއުމަކީ ވަރަށް ބޮޑު ލުއެއް ކަމަށެވެ. މީގެ ކުރިން އެ ފަރުވާ ލިބެމުން ދިޔައީ ހަމައެކަނި އައިޖީއެމްއެޗުންނެވެ.

ހުޅުމާލެއަކީ އާބާދީ އެންމެ ބޮޑު އެއް ތަނަށް ވިއަސް، ގިނަ ދުވަސްވީ ފާރުތަކަށް ފަރުވާ ދެވޭނެ ވަކި ތަނެއް ނެތުމުން ދާން ޖެހޭނީ އައިޖީއެމްއެޗަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އަންގާރަ އަދި ބުރާސްފަތި ދުވަހު ހިދުމަތް ދޭ ކްލިނިކް ހުޅުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވަހީދު ވިދާޅުވި އެވެ.

ވޫންޑު ކްލިނިކް ހުޅުވައިދެއްވުމަށްފަހު ޑރ. ވަހީދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ވޫންޑު ކްލިނިކް ހުޅުވައިދެއްވުމަށްފަހު ޑރ. ވަހީދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

އެޑްވާންސްޑް ވޫންޑް ކެއާގައި ބޭނުންކުރާނީ ދުނިޔޭގައި އެންމެ ފަހުގެ ޑްރެސިން މެޓީރިއަލެވެ. އެކަން ގެންދާނީ ފަރުވާ ޕްލޭން ހަދައި އެއާ އެއްގޮތަށެވެ.

އޭނާ ވިދާޅުވީ ވޫންޑު ކްލިނިކެއް ނެތުމުން، ގިނަ ދުވަހު ބޭސްކުރަންޖެހޭ މީހުންގެ ފާރުގަނޑުތައް ރަނގަޅު ނުވެގެން ގިނައިން ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށެވެ. އެކަމަކު، އެ ކްލިނިކެއް ހުޅުވުމުން އެ ތަނުގައި ބަލި މީހާ ރަޖިސްޓްރީކޮށް، ބަލި މީހާއަށް ބޭނުންވާ އެޕޮއިންޓްމަންޓް ވެސް ކްލިނިކުން ހަމަޖައްސައިދޭނެތީ، ފަރުވާ ހޯދަން ފަސޭހަވާނެ ކަން ވަހީދު ފާހަގަކުރެއްވި އެވެ.

ހަކުރު ބަލި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު އޭގެ ނުރައްކާ ވެސް ބޮޑުވެ އެވެ. އޭގެ ތެރެއިން ފައިގައި ޖަހާ ފާރުގަނޑު ހިމެނެ އެވެ. ޑޮކްޓަރު ވިދާޅުވީ ހަކުރު ބަލީގެ އިތުރުން ބޮޑެތި އެކްސިޑެންޓުވެގެން ގެއްލުން ލިބޭ މީހުން ގިނަވެގެން ދިއުމަކީ ވޫންޑު ކެއާ ލިބެންޖެހޭ ކަމެކެވެ.

ދުވަސްވީ ފާރުގަނޑުތައް ނަގައިގެން ފަރުވާ ހޯދަންޖެހޭ އަނެއް ބަޔަކީ އެނދުމަތިވެފައި ގިނަ ދުވަހު ތިބޭ މީހުންނެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގެ އާބަދީ މުސްކުޅި ވަމުންދާއިރު އެކަމަށް ފަރުވާ ހޯދާ މީހުން ވެސް ގިނަ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި މިދިޔަ ޖެނުއަރީން ފެށިގެން އިއްޔެއާ ހަމައަށް 5،076 މީހުންގެ ފާރުގަނޑުތަކަށް ބޭސްކޮށްދީފައި ވެ އެވެ. އޭގެ ތެރެއިން 23 މީހަކަށް ޒަމާނީ ގޮތެއްގައި ފަރުވާ ބޭނުންވާ ކަމަށް ބުންޏެވެ.