Roadha Mihaaru

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ މިއަދު ގުރުއަތުލުން ބާއްވަނީ

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ، އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މިއަދު ގުރުއަތުލުން ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ގުޅިފަޅުގެ ޕްލޭނަށް ގެނައި ބަދަލާއެކު ގުރުނެގުން މިއަދު

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ، އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މިއަދު ގުރުއަތުލުން ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އާ ލޭންޑް ޔޫސް ޕްލޭނެއް މި ސަރުކާރުން މި މަހުގެ 16 އިގައި އާންމުކުރި އެވެ. އެކަމަކު، ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ލޭންޑް ޔޫޒް ޕްލޭނަށް ފަހުން ބަދަލު ގެނެސްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އެހެން އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަނީ ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް ކަމަށާއި އެއީ ގޯތި ލިބޭ ސަރަހައްދުތަކަށް ބަދަލުތަކެއް އައިސްފައިވާތީ ކުރާ ކަމެއް ކަމަށެވެ.

ގުރުއަތުލުން ބާއްވަން ނިންމާފައި ވަނީ މިއަދުގެ މެންދުރު 2:30 އިން ފެށިގެން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި މިހާރު ވަނީ ޓެންޓެއް ޖަހައި ގުރުއަތު ލާން ދާ މީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި ސައިޒުގެ ތަފުސީލް:

- 1،250 އަކަފޫޓުގެ 684 ގޯތި.

- 1،650 އަކަފޫޓުގެ 1،242 ގޯތި.

- 2،050 އަކަފޫޓުގެ 923 ގޯތި.

- 2،450 އަކަފޫޓުގެ 479 ގޯތި.

- 2،850 އަކަފޫޓުގެ 158 ގޯތި.

- 3،250 އަކަފޫޓުގެ 49 ގޯތި.

- 3،650 އަކަފޫޓުގެ 22 ގޯތި.

ހައުސިން މިނިސްޓްރީން ބުނީ، ގުރުއަތުލައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންގެ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާ ކުރާނެ ކަމަށެވެ.

ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީން ބުނިގޮތުގައި އެ މިނިސްޓްރީގެ މުވައްޒަފުންނެވެ.

"އެހެންކަމުން، ގުޅިފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ފްލެޓަކަށް 1 ފަރާތަށް ގުރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ އިންތިޒާމު ވާނީ ހަމަޖެހިފަ އެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު ގުރުލުމަށް ފޮނުވާ ނަމަ އެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. ބޭނުންވަނީ ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ހާޒިރުވާ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، ގުރުނެގުން ކުރިއަށް ގެންދާ ވަގުތު ޕްލޮޓްތައް ލިބޭ މީހުންގެ މައުލޫމާތު ހިޔާވަހި ޕޯޓަލް އިން ފެންނާނެ ކަމަށާއި ޕްލޮޓް ލިނޭ މީހާ އަށް ވަގުތުން މެސެޖު ލިބޭ ކަމަށެވެ. އަދި ގުރުއަތު ނެގުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދައްކާނެ ކަމަށް ބުންޏެވެ.

ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.

މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް މީގެ ކުރިން ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމި އެވެ.