Roadha Mihaaru

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްގެ މައްސަލާގައި ބައެއް މީހުން ކޯޓަށް، ވަގުތީ އަމުރެއް ނެރެނުދިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް މީހުންނާ އެކު، އެ ސަރުކާރުން ހެދި އެއްބަސްވުމާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރަން ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ނާޒިމް ހަސަން
ނާޒިމް ހަސަން

15 ޖޫން 2025

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް މީހުންނާ އެކު، އެ ސަރުކާރުން ހެދި އެއްބަސްވުމާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރަން ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިބޫގެ ސަރުކާރުން އާންމުކޮށް، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް އެ ފްލެޓްތަކުގެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެކު ހަދާފައިވާ އެ އެއްބަސްވުންތަކަށް އަމަލު ނުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އޭގެ ތެރެއިން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މީހުން މައްސަލަ ހުށަހެޅީ ކުރިން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށާއި އެއްބަސްވުމާ އެއްގޮތަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފްލެޓް ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެ މީހުން އެދުނީ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ހުރަސް އެޅޭނެ ކަމެއް ނުކުރުމަށާއި އެ ފްލެޓްތައް މީހުން ފިޔަވައި އިތުރު ބަޔަކާ ހަވާލު ނުކުރަން އަމުރެއް ނެރުމަށެވެ.

ނަމަވެސް، ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އެފަދަ ވަގުތީ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. އެ ކޯޓުގެ ނިންމުމުގައިވަނީ ފްލެޓްތަކުގެ ދާއިމީ ލިސްޓް އަދިވެސް އިއުލާންކޮށްފައި ނުވާއިރު، އެއްވެސް މީހަކަށް ކުރިން ދޭން ނިންމާފައިވާ ފްލެޓެއް ނުދިނުމަށް ނުވަތަ ކުރިން މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ ކަމެއް މިވަގުތު ކުރިއަށް ނުދާތީ އެފަދަ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

މި ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އިބޫގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް އިބޫގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.

ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. މި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު، ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.

ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެ މީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަން ލިޔުންތަކުން ސާބިތުނުވާތީ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.