Roadha Mihaaru

ފްލެޓްތަކުގެ އަދަދަށް ވުރެ ޝަކުވާ ދެ ގުނަ އިތުރު

ސަރުކާރުން އިއުލާނުކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން 8،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ފްލެޓްތަކުގެ އަދަދަށް ވުރެ ޝަކުވާ ދެ ގުނަ އިތުރު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

16 އެޕްރީލް 2025

ސަރުކާރުން އިއުލާނުކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން 8،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ފްލެޓަށް ޝަކުވާއަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ. ރޭ ދަންވަރު 12:00 އަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެފައި ވާއިރު އެ މުއްދަތުގައި 8،602 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހަޅާފައިވެ އެވެ. އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި މިނިސްޓްރީގެ ކައުންޓަރަށް 526 ސިޓީ ހުށަހަޅާފައިވެ އެވެ.

މިނިސްޓްރީން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކަކީ ހަމައެކަނި ލިސްޓުގެ ތެރެއިން ފްލެޓް ނުލިބޭ މީހުންގެ ޝަކުވާތައް ކަމަށެވެ. އަދި އީމެއިލް އާއި ސިޓީ މެދުވެރިކޮށް ލިބުނު ޝަކުވާތަކަކީ ފްލެޓް ނުލިބޭ މީހުންގެ ޝަކުވާ އާއި އާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މުއްދަތު ހަމަވުމާ އެކު ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ޝަކުވާތައް ބަލައި ނިންމުމަށެވެ.

މިދިޔަ ސަރުކާރުގައި ހުޅުމާލޭ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އިއުލާނުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑެވެ. ކުރީ ސަރުކާރުން ދިން ދެ ވަނަ ފުރުސަތުގައި، މާލޭގައި އުޅުނުކަން ސާބިތުކުރަން ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް މިފަހަރު ނުބަލާ ކަމަށް ބުނެ އެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ.

މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.