Roadha Mihaaru

ހައްގުވެރިންނަކީ ކުރީގެ 4،000 ފްލެޓް ލިސްޓު، އެ އެއްބަސްވުން އުވާލެވޭނީ ކޯޓުން: އަލީ ހުސެއިން

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން ކަނޑައަޅާފައިވާ 4،000 މީހުންނަކީ އެ ފްލެޓްތަކުގެ ހައްގުވެރިން ކަމަށާއި އެ އެއްބަސްވުން އުވާލެވޭނީ ކޯޓަށް ގޮސްގެން ކަމަށް ގަނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ހައްގުވެރިންނަކީ ކުރީގެ 4000 ފްލެޓް ލިސްޓް: އަލީ ހުސެއިން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 މެއި 2025

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން ކަނޑައަޅާފައިވާ 4،000 މީހުންނަކީ އެ ފްލެޓްތަކުގެ ހައްގުވެރިން ކަމަށާއި އެ އެއްބަސްވުން އުވާލެވޭނީ ކޯޓަށް ގޮސްގެން ކަމަށް ގަނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނޮވެމްބަރު 4، 2023 ގައި އާންމުކޮށްފަ އެވެ. އެ އެންމެންނާ އެކު ނޮވެމްބަރު 15، 2023 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފްލެޓްގެ އެއްބަސްވުން ހަދައިފަ އެވެ.

އެކަމަކު އޭރުގެ ސަރުކާރުން ފްލެޓް ދިނީ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން އޭރު ވަނީ ފްލެޓް ހަވާލުކުރުން މަޑުޖައްސާލަން ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ.

އޭސީސީގެ ތަހުގީގުތަކަށް ފަހު،އެ ކޮމިޝަނުން ބުނެފައި ވަނީ އެ ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ. އެހެންވެ، އަލުން ކޮމިޓީއެއް ހަދައިގެން ފްލެޓުގެ ހައްގުވެރިން ހޯދިއިރު ޝަރުތު ހަމަވަނީ 1،820 މީހުންނެވެ.

އެ މައްސަލާގައި ހައުސިން މައްސަލަތަކާ ގުޅިގެން ވަކާލާތު ކުރާ "ފަހި ޔޫނިއަން" ގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަލީ ހުސެއިން ވިދާޅުވީ އޭރު ހަދާފައިވާ އުސޫލުގެ ހަ ވަނަ ނަމްބަރުގައި ވަނީ ފްލެޓް ލިބޭ ފަރާތަށް ފްލެޓް ރަސްމީކޮށް ހަވާލުކުރާނީ އެ ސްކީމުން ހިންގާ ފަރާތުން ކަނޑައަޅާ ފަރާތަކާ ފްލެޓް ލިބޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެހެންވެ، އެ އެއްބަސްވުން ހަދާފައިވަނިކޮށް އުވާނުލެވޭނެ ކަމަށް ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، މި ސަރުކާރުން ވެސް ބުނަމުން ދަނީ ފްލެޓް ދިނުމުގައި އަމަލުކޮށްފައި ވަނީ އެ އުސޫލަށް ބިނާކޮށް ކަމަށެވެ.

"އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ އެންމެ މުހިއްމު ޕޮއިންޓަކީ މި މުއާމަލާތަކީ ހަގީގަތުގައި ނިމިފައިވާ އޮތް މުއާމަލާތެކޭ. 4،000 ފްލެޓް އެ ވަނީ 4،000 ނުވަތަ 4،000 ފަރާތަށް ހަވާލުކުރެވި ނިމިފައޭ. އެއީ އުސޫލުގައި ބުނާ ގޮތަށް އެގްރީމެންޓް ކުރާ ހިސާބުން ފްލެޓް އެ އޮތީ ހަވާލުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ފްލެޓްގެ މުއާމަލާތް މިހާރު އޮތީ ނިމިފަ އެވެ.

"ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ވެސް އެއް ފަރާތަކުން އޮފާއެއް ކުރުމަށް ފަހު އަނެއް ފަރާތަކުން އެ އޮފާ ގަބޫލުކުރުމަށް ފަހު އިޖާބާ ގަބޫލު ހިންގުމަށް ފަހު، އެ ހިސާބުން އެ އޮތީ ހަގީގަތުގައި އެ އޮތީ އެގްރީމަންޓެއް އުފަންވެފައި."

އަލީ ހުސައިން ވިދާޅުވީ އެގްރީމެންޓުގައި ސޮއިކުރުމާ އެކު، ބައެއްގެ ހައްގެއް އެ އޮތީ އުފެދިފަ އެވެ. އެ ހައްގަކީ އެމީހުންނަށް ދޭންޖެހޭ ފްލެޓް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާއިރަކު އެއްބަސްވުން އުވާލުމުގެ ބާރެއް ނުލިބެ އެވެ. ދެ ފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމެއް އުވާލެވޭނީ ކޯޓަށް ގޮސްގެން ކަމަށާއި އެކަމަކު ސަރުކާރުން އެކަން ކުރީ އެއްބަސްވުން އުވާނުލާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުންވީމަ އެގްރީމަންޓް ނިއުޅާއެއް ނުލެވޭނެ. އެއީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްބުމެއް. އެއީ ދެ ފަރާތުގެ ދެމެދުގައިވާ އަހުދެއް. އެއް ބައިވެރިއަކު ބޭނުންވީމަ އެގްރީމަންޓް ރޫޅާ ނުލެވޭނެ. ދަންނަވަން މިއުޅޭ ވާހަކައަކީ ފްލެޓް އެ އޮތީ ގާނޫނީ ގޮތުން ފްލެޓް ހަވާލުކޮށްފައި." އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އަނބުރާ ފްލެޓް އަތުލެވޭނީ ކޯޓުގެ ތިން މަރުހަލާ ނިންމައިގެން. އެ ނޫން ގޮތަކަށް ފްލެޓް އަތުނުލެވޭނެ."

އޭނާ ވިދާޅުވީ މިއަދުވެސް އެ ފްލެޓްތަކުގެ ހައްގުވެރިންނަކީ ކުރީ ސަރުކާރުން އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 4،000 މީހުން ކަމަށެވެ.