Roadha Mihaaru

ފްލެޓް ލިސްޓަށް މިހާތަނަށް 2،800 އަށްވުރެ ގިނަ ޝަކުވާ

މީގެ މަސް ދުވަސް ކުރިން އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 2،800 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ފްލެޓް ލިސްޓަށް 2،800 އަށްވުރެ ގިނަ ޝަކުވާ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 މާޗް 2025

މީގެ މަސް ދުވަސް ކުރިން އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 2،800 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުގެ 27 ގައި އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުޅުވާލީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މިހާތަނަށް 2،843 ޝަކުވާ ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެ ގިނަ ބަޔަކު ޝަކުވާ ހުށަހެޅީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅިގެންނެވެ. އެ ލިސްޓަށް 2،079 ޝަކުވާ ހުށަހަޅާފައިވެ އެވެ.

ދެ ކޮޓަރީގެ ފްލެޓްތަކަށް ހުށަހަޅާފައި ވަނީ 764 ޝަކުވާ އެވެ.

ފްލެޓް ލިސްޓާ ގުޅިގެން 3،000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށަހަޅާފައިވާއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އަންނަ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފަ އެވެ. ކުރިން އޮތީ މިމަހުގެ 31 ގެ ނިޔަލަށެވެ.

ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުގައި އާންމުކުރި ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި އޭރު ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލަށް ހުށަހަޅާފައިވެ އެވެ.

ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި، މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާ ނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.

އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް، އަދި 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ.