Roadha Mihaaru

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

ފްލެޓް ލިސްޓަށް ޝަކުވާގެ މުއްދަތު އިތުރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 މާޗް 2025

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކުރިން ޝަކުވާ ހުށަހަޅަން ހުޅުވާލީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާތީ އެ މުއްދަތު އިތުރުކުރީ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މިނިސްޓްރީން ބުނީ ކުރީގެ ސަރުކާރުގައި އާންމުކުރި ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި އޭރު ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެފަދަ ފަރާތްތަކުން ޕޯޓަލްގެ ތެރެއިން ތަފްސީލާއެކު ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެެވެ.

މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.

އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ. އަދިި ފްލެޓަށް އެދުނު މީހުން ޝަރުތު ހަމަނުވާ ސަބަބުތައް ވެސް މި ލިސްޓުގައި ހިމަނާފައިވެ އެވެ.