Roadha Mihaaru

ޝަކުވާގެ މުއްދަތު މިރޭ ހަމަވާނެ، މިހާތަނަށް ފްލެޓް ލިސްޓަށް 5000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ!

ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 5،000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށަހަޅައިފި އެވެ.

ފްލެޓް ލިސްޓަށް 5000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

15 އެޕްރީލް 2025

ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 5،000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށަހަޅައިފި އެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 31 ގެ ނިޔަލަށެވެ. އެކަމަކު ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމުން ލިބުނު އިތުރު މުއްދަތާ އެކު މިރޭ 12:00 އާ ހަމައަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނީ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ލިސްޓަށް މިހާތަނަށް 4،850 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅޭ 3،565 ޝަކުވާ އާއި ދެ ކޮޓަރީގެ ފްލެޓްތަކާ ގުޅޭ ގޮތުން 1،285 ޝަކުވާ އެވެ.

ފްލެޓް ލިސްޓުގެ ޝަކުވާގެ ގޮތުގައި މިނިސްޓްރީގެ ކައުންޓަރަށް ވެސް 426 ސިޓީ ހުށަހަޅާފައިވެ އެވެ.

މިދިޔަ ސަރުކާރުގައި ހުޅުމާލޭ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އިއުލާނުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑެވެ. ކުރީ ސަރުކާރުން ދިން ދެ ވަނަ ފުރުސަތުގައި، މާލޭގައި އުޅުނުކަން ސާބިތުކުރަން ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް މިފަހަރު ނުބަލާ ކަމަށް ބުނެ އެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ.

އެހެންވެ، މާލޭ ސިޓީ ކައުންސިލާއި ފްލެޓާ ގުޅޭ ޖަމިއްޔާއަކުން ވެސް ދަނީ ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ދެމުންނެެވެ.

ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި، މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާ ނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.