Roadha Mihaaru
ޖަރުމަނު ފްލޮޕްވިޔަނުދީ ސަލާމަތްކުރުމުގެ ޕްރެޝަރު ކޯޗަށް

ޑްރޯން ބޭނުންކޮށްގެން ޓީމު އެނަލައިޒްކުރާ ކޯޗު ނަގެލްސްމަން އަށް ޖަރުމަނު ސަލާމަތްކުރުމުގެ ޕްރެޝަރު

14 ޖޫން 2024

ބާލިން (ޖޫން 13) – ވިދިވިދިގެން ފަސް މުބާރާތުން ޖަރުމަނުގެ ގައުމީ ޓީމު ފްލޮޕް ވިޔަ ނުދީ ސަލާމަތް ކުރުމުގެ ޒިންމާއާ އެކު އޭނާ އަށާއި ޓީމަށް ޕްރެޝަރު ވެސް އެބައޮތްކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނަގެލްސްމަން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާލިން (ޖޫން 13) – ވިދިވިދިގެން ފަސް މުބާރާތުން ޖަރުމަނުގެ ގައުމީ ޓީމު ފްލޮޕް ވިޔަ ނުދީ ސަލާމަތް ކުރުމުގެ ޒިންމާއާ އެކު އޭނާ އަށާއި ޓީމަށް ޕްރެޝަރު ވެސް އެބައޮތްކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނަގެލްސްމަން ބުނެފި އެވެ.

މިރޭ ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

ބެޔާން މިޔުނިކްގެ ކުރީގެ ކޯޗު ބުނީ އަމިއްލަ ގައުމުގައި ބާއްވާ މުބާރާތެއްގެ ފުރަތަމަ މެޗަށް ނުކުންނަ އިރު ޕްރެޝަރު އޮންނާނެ ކަމަށެވެ.

"ނަމަވެސް އަހަރެމެން ދެކެނީ، އެ ޕްރެޝަރަކީ ފަހްރެއް ކަމަށް،" ނަގެލްސްމަން ބުންޏެވެ.

"އަހަރެމެންނަށް އެބައޮތް އެ ޔަގީންކަން، އެ ޕްރެޝާ ކޮންޓްރޯލް ކުރެވި ސްކޮޓްލެންޑް ބަލި ކުރެވޭނެކަން."

ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށް، އޭރު ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ޖަރުމަނުން ހޯދި އެވެ. އެކަމަކު އޭގެ ފަހުން ބޭއްވި، ވޯލްޑް ކަޕްގެ ދެ މުބާރާތާއި ޔޫރޯގެ ދެ މުބާރާތުގައި ވެސް އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބެވެ.

ވިދިވިދިގެން ފަސްވަނަ މުބާރާތުން ޓީމު ފްލޮޕް ވިޔަ ނުދިނުމުގެ ޒިންމާ ނަގެލްސްމަން އަށް އޮތީ އުފުލަން ޖެހިފަ އެވެ. އެކަމަކު މިއީ ހާއްސަ ވަގުތެއްކަމަށް ވެސް ނަގެލްސްމަން ބުންޏެވެ.

"މުޅި ޓީމު އޮތީ މި އިންތިޒާރުގައި. އަހަރެމެންގެ ސަޕޯޓަރުންނަށް ސާބިތުކޮށް ދޭން ބޭނުން އަހަރެމެން ޓީމަކީ މުބާރާތުގެ އެންމެ ވާދަވެރި އެއް ޓީމުކަން،" ނަގެލްސްމަން ބުންޏެވެ.

މާޗް މަހު، ނަގެލްސްމަންގެ ކޯޗުކަމުގެ ދަށުން ޖަރުމަނުގެ ޓީމުން ވަނީ އެކުވެރިކަމުގެ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭނާ ބުނީ މާޗު މަހުން ފެށިގެން ޓީމަށް ބަދަލުތައް ގެންނަން އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ނަގެލްސްމަން، މަޝްހޫރު ވެފައި ވަނީ ޑްރޯން ބޭނުންކޮށްގެން ޓީމު އެނަލައިޒް ކުރާ ކޯޗެއްގެ ގޮތުގަ އެވެ. ޕްރެކްޓިހުގައި އޭނާ ޑްރޯން ބޭނުން ކުރަނީ ކުޅުންތެރިންގެ ޕޮޒެޝަން އެނަލައިޒް ކުރުމަށެވެ. ހޮފެއިންހައިމްގައި އޭނާ ކޯޗުކޮށް ދިން އިރު އެ ޓީމުގައި ޓްރޭނިން ގްރައުންޑް ހުނަނަ ސަރަހައްދުގައި ޑްރޯން އުދުއްސުމުން 2017 ގައި ފުލުހުން އެ މައްސަލަ ތަހުގީގު ވެސް ކުރި އެވެ.

މިހާރު ވެސް ޑްރޯން ބޭނުންކޮށްގެން ޕްރެކްޓިހުގައި ކުޅުންތެރިންގެ މަގާމު އެނަލައިޒް ކުރާ ނަގެލްސްމަން ބުނީ ފުރަތަމަ މެޗަށް ނުކުންނަ އިރު ވެސް ޖަރުމަނުގެ ޓީމުގެ ކުޅުންތެރިންނަށް އޭނާ ގިނަ އިރުޝާދުތަކެއް ދޭން ނުޖެހޭ ކަމަށެވެ.

"މާ ގިނަ އިރުޝާދުތަކެއް އަހަރެން ނުދެން. އެކަމަކު އެ މީހުންނަށް އަހަރެން ގައިޑްކޮށްދެނީ. މެޗުގައި ކުޅުންތެރިންނަށް އެކަން ދޫކޮށްލާނީ،" އޭނާ ބުންޏެވެ.

ޖަރުމަނާއި ސްކްޓްލެންޑްގެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.