Roadha Mihaaru
ބޮއިކޮޓަށް ގޮވިޔަސް ޔޫރޯގައި ގިނައީ ޗައިނާ ކުންފުނިތައް

ބޮއިކޮޓް ކުރަން ގޮވިޔަސް ޔޫރޯގެ ގިނަ ސްޕޮންސަރުންނަކީ ޗައިނާގެ ކުންފުނިތައް

14 ޖޫން 2024

ބާލިން (ޖޫން 14) – ޔޫރަޕިއަން ޔޫނިއަންގެ އެކި އޮފިޝަލުން، ޗައިނާގެ ކުންފުނިތައް ބޮއިކޮޓް ކުރަން ގޮވިޔަސް، މިރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގިނަ ސްޕޮންސަރުންނަކީ ޗައިނާގެ ކުންފުނިތަކެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާލިން (ޖޫން 14) – ޔޫރަޕިއަން ޔޫނިއަންގެ އެކި އޮފިޝަލުން، ޗައިނާގެ ކުންފުނިތައް ބޮއިކޮޓް ކުރަން ގޮވިޔަސް، މިރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގިނަ ސްޕޮންސަރުންނަކީ ޗައިނާގެ ކުންފުނިތަކެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ކުރާ ހަނގުރާމައިގައި ޗައިނާއިން ރަޝިއާ އަށް ވާގިވެރިވާ ކަމަށް ބުނެ ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ގޮވަމުންދާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ހޮންކޮންގެ މައްސަލާގައި ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ވެސް ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫގެ ބައެއް އޮފިޝަލުން އޭގެ މާ ކުރިން ވެސް ގޮވާލާފައި ވެއެވެ.

ނަމަވެސް، އެ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި، ޔޫއެފާ އާއި ޖަރުމަނުގެ އެފްއޭ (ޑީއެފްބީ) ގެ އަތުގައި ހިފީ ޗައިނާގެ ކުންފުނިތަކުންނެވެ.

ޔޫރަޕްގެ އެކި އިދާރާތަކުން ބޮއިކޮޓް ކުރަން ގޮވާލިޔަސް، ޗައިނާގެ ކުންފުނިތަކުން އަތް ދިއްކޮށްލުމުން ފޮޅާލާފައި ނޫނެކޭ ބުނާކަށް ޔޫއެފާ އަކަށް ނުކުރެވުނެވެ. ޗައިނާގެ ބިޔަ ފަސް ކުންފުންޏަކުން، ޔޫރޯގެ ގްލޯބަލް ސްޕޮންސަރުގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. އެއީ އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް ބޮޑެތި ސްޕޮންސާޝިޕްގެ ގޮތުގައި ޔޫއެފާ އަށް ސްޕޮންސަރުން ލިބުނު ގައުމެވެ.

ޔޫރަޕްގައި ހަރަކާތްތެރިވާ ތިންކް ޓޭންކެއް ކަމަށްވާ، ސެންޓަރސް ފޯ ޔޫރަޕިއަން ޕޮލިސީ ނެޓްވޯކްގެ ޑިރެކްޓަރު ޕްރޮފެސަރު ހެނިންގް ވޮޕެލް ވިދާޅުވީ ޖަރުމަނުގައި ބާއްވާ މުބާރާތަކަށް ވިޔަސް އެ ގައުމުގެ ކުންފުނިތަކުން މުބާރާތުގެ މައިގަނޑު ސްޕޮންސަރުންނަށް ވާނެ އެ ޖާގަތައް ހުސްކޮށްގެން ތިއްބަސް "އެކަން ހަގީގަތަކަށް ނުހެދޭނެ" އެވެ.

"އެހެންވެ ޔޫއެފާ އަށް އަދި ޑީއެފްބީ އަށް ވެސް މަޖުބޫރު ވަނީ އެހެން ސްޕޮންސަރުންނާ އެކު ކުރިއަށްދާން،" އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކްސް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ވޮޕެލް ވިދާޅުވި ގޮތުގައި ސްޕޮންސަރުން ކަނޑައެޅުމުގައި އާމްދަނީ އަށް އަދި މުބާރާތް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިގެންދާނެ ގޮތްތަކަށް ޔޫއެފާއިން ބަލަ އެވެ.

"މައިގަނޑު ގޮތެއްގައި ޔުއެފާ އިން ނިންމާނީ ދެ މިންގަނޑަކަށް ބަލައިގެން،" ވޮޕެލް ވިދާޅުވި އެވެ. "އެންމެ ބޮޑު އަގެއް ހުށަހަޅަނީ ކޮންބައެއް ތޯ އަދި ސްޓްރެޓެޖިކް ގޮތުން ޝައުގުވެރިވަނީ ކޮންބައެއްތޯ."

އެ ދެ މިންގަނޑަށް ބަލައިގެން، ޔޫއެފާއިން ކުރިއަށްދާތީ އެ ބައްރުގެ އެހެން އިދާރާތަކުން ޗައިނާގެ ކުންފުނިތައް ބޮއިކޮޓް ކުރަން ގޮވިޔަސް އެ އަޑު އަހާކަށް ޔޫއެފާ އަށް ނުތިބެވޭނެ އެވެ.

ޔޫރޯގެ މައިގަނޑު ސްޕޮންސަރުންގެ ގޮތުގައި ހިމެނޭ ޗައިނާގެ ކުންފުނިތައް

- އަލީ އެކްސްޕްރެސް

- ވީވޯ

- އަލީ ޕޭ ޕްލަސް

- ބީވައިޑީ އޮޓޯ

- ހައިސެންސް