Roadha Mihaaru
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި

އިންގްލެންޑް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި

15 ޖުލައި 2024

ބާލިން (ޖުލައި 15) - ފައިނަލުގައި އިންގްލެންޑް ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާލިން (ޖުލައި 15) - ފައިނަލުގައި އިންގްލެންޑް ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި އެވެ.

ސްޕެއިންގެ މި ކާމިޔާބާ އެކު އެ ޓީމުން ވަނީ ޔޫރަޕްގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ހޯދައިފަ އެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ތަށި ސްޕެއިން މި ހޯދީ ހަތަރުވަނަ ފަހަރަށެވެ. އެއަށް ވުރެ ގިނައިން އެ ތަށި ހޯދުނު އެހެން ގައުމެއް ނެތެވެ. ޔޫރޯގެ ތަށީގެ ލިސްޓްގައި ސްޕެއިންގެ ފަހަތުން ދެވަނައިގައި އޮތީ ޖަރުމަނެވެ. އެ ޓީމުން ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މިއީ ޔޫރޯގެ ފައިނަލުގައި އިންގްލެންޑުން ވިދިވިދިގެން ބަލިވި ދެވަނަ ފައިނަލެވެ. މީގެ ކުރިން 2021 ގައި ބޭއްވި 2020 ގެ ޔޫރޯގެ ފައިނަލުގައި އިންގްލެންޑް އަމިއްލަ ދަނޑުގައި ކުޅެ ބަލިވީ އިޓަލީ އަތުންނެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް، މާ ތަނަވަސް ފުރުސަތެއް ނުލިބެ އެވެ. އެ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އިންގްލެންޑްގެ ފިލިޕް ފޯޑެން އަށެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ސްޕެއިންގެ އޭރިއާ ބޭރުން އިންގްލެންޑަށް ލިބުނު ހިލޭ ޖެހުން ޑެކްލަން ރައިސް އޭރިއާ ތެރެއަށް ނަަގައި ދިނުމުން، އެ ބޯޅަ ލިބުނީ ފޯޑެން އަށެވެ. އޭނާ މަސައްކަތް ކުރީ ގޯލްގެ ނިއާ ޕޯސްޓަށް ބޯޅަ ފޮނުވާލަށެވެ. އޭނާ ޖެހި ބޯޅަ ސްޕެއިންގެ ކީޕަރު އުނައި ސިމޯން ދިފާއު ކުރި އެވެ.

ފުރަތަމަ ހާފުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަށް ތިރިތިރިން ފޮނުވާލަން ބާރު ބޯޅައެއް ލިބުނެވެ. ސްޕެއިންގެ ޑިފެންސްގެ ތެރެއިން ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ ޑެނީ އޮލްމޯ ދިފާއު ކުރި އެވެ.

ދެވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި ސްޕެއިން އިން ލީޑް ނެގި އެވެ. އެ ލަނޑު ނިކޯ ވިލިއަމްސް ޖެހީ ލަމީން ޔަމާލް ދިން ފުރުސަތަކުންނެވެ. އެ ލަނޑަށް ފަހު ވެސް ވިލިއަމްސް އާއި ޔަމާލްގެ ކޮމިބިނޭޝަންގެ އެހީގައި ރަނގަޅު ދެ ފުރުސަތެއް ތަނަވަސް ކުރި އެވެ.

އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރުމުގެ ކުރިން ޔަމާލަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ގާތްގަނޑަކަށް ހުސްކޮށް އޭރިއާ ތެރެއަށް ވަތް ގޮތަށް އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.

މި މެޗުގައި ވެސް އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ވަނީ ކެޕްޓަން ކޭން ބަދަލުގައި ވަޓްކިންސް އަރުވަފަ އެވެ. ގެނައި ބަދަލާ އެކު އިންގްލެންުން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖެހީ ކޯލް ޕާމާ އެވެ.

އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރުމުން، އެ ޓީމަށް ބޮޑު ހިތްވަރެއް ލިބި މެޗު ޑެމިނޭޓް ކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު ސްޕެއިނުން އެ ޓީމުގެ ގޭމް ދެމެހެއްޓުމަށް މަސައްކަތް ކުރި އެވެ. ކެޕްޓަން އަލްވާރޯ މޮރާޓާގެ ބަދަލުގައި ކުޅެން ނުކުތް މިކެލް އޮޔާޒަބަލްގެ ގޯލުން ސްޕެއިން އަނެއްކާ ވެސް ލީޑް ނެގި އެވެ.

ސްޕެއިންގެ ވާތު ބެކް މާކް ކުކުރެޔާ ކައުންޓަ އެޓޭކްގައި ކުރިއަށް އަރައި، އޭރިއާގެ އަރިމަތިން އިންގްލެންޑްގެ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ކުރިމައްޗަށް ބޯޅަ ނަގައިދީފަ އެވެ. އޮޔާޒަބަލް އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލަށް ވައްދާލި އެވެ.