Roadha Mihaaru
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން

ސައުތުގޭޓްގެ ދިފާއުގައި ކޭން؛ އެއީ އިނގިރޭސި ޓީމަށް އެންމެ ރަނގަޅު ކޯޗު

24 ޖޫން 2024

ކޮލޯން (ޖޫން 24) – ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކޯޗު، އިންގްލެންޑްގެ ގެރެތު ސައުތުގޭޓްގެ ދިފާއުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ނުކުމެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮލޯން (ޖޫން 24) – ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކޯޗު، އިންގްލެންޑްގެ ގެރެތު ސައުތުގޭޓްގެ ދިފާއުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ނުކުމެއްޖެ އެވެ.

ޔޫރޯގެ ގުރޫޕް ސީގައި އިންގްލެންޑުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ޓީމަށް ނަތީޖާއެއް ނުނެރެވުމުން، އިނގިރޭސި ކުރީގެ ތަރިންނާއި މީޑިއާތަކުން އެންމެ ބޮޑު ފާޑުކިޔުންތަކެއް އޮއްސާލީ ސައުތުގޭޓަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުން ޓެކްޓިކަލް ހުނަރުވެރި ކުޅުންތެރިން ގިނަ އިންގްލެންޑްގެ މިހާރުގެ ޓީމަށް ކޯޗުކޮށް ދިނުމަށް، ސައުތުގޭޓް އެކަށީގެން ނުވެ އެވެ.

ކޭން ބުނީ އިންގެލެންޑްގެ ޓީމަށް ސައުތުގޭޓް ހޯދާދިފައިވާ ކުރިއެރުންތަކާ އެކު އޭނާ އަކީ އެ ޓީމަށް އެންމެ އެކަށީގެންވާ ކޯޗުކަން ސާފުކޮށް އެނގޭ ކަމަށެވެ.

"ގެރެތު މި ޓީމަށާއި ގައުމަށް ކޮށްދިން ކަންތަތަކާ ބެހޭގޮތުން އެންމެ އެކަށީގެންވާ މިންވަރަށް ވެސް ވާހަކަ ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރިން އަހަރެމެން ތިބި ހިސާބާއި މިހާރު އަހަރެމެން ތިބި ހިސާބާ މެދު އަޅައިކިޔާލިއްޔާ މިހާރު މިތިބީ ގައުމީ ޓީމެއްގެ ހައިސިއްޔަތުން މުޅިން ތަފާތު ހިސާބެއްގައި،" ބެޔާން މިޔުނިކްގެ ފޯވާޑް ބުންޏެވެ.

ކޭން ބުނީ އިންގްލެންޑްގެ ކޯޗުކަމަކީ އަބަދުވެސް އުނދަގޫ ވަޒީފާއެއް ކަމަށެވެ. ހުރިހާ ކޮޅަކުން ވެސް ފާޑުކިޔުން އޮންނާނެކަން ވެސް ކޭން ފާހަގަ ކުރި އެވެ.

އިންގްލެންޑްގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ގަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން 2018 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރުމަކީ 1990 ގެ ފަހުން، އެ މުބާރާތުގެ އެ ޓީމުން ހޯދި އެންމެ ބޮޑު ކުރިއެރުމެވެ. އަދި 2021 ގައި ބޭއްވި، ޔޫރޯ 2020 ގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރުމަކީ، އެ މުބާރާތުގައި އިންގްލެންޑުން މިހާތަނަށް ހޯދި އެންމެ ބޮޑު ކުރި އެރުމެވެ.