Roadha Mihaaru
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް

ސްޕެއިނަކީ ބަލިވާން ދިޔަ ޓީމެއް ނޫން، ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސެމީ އަށް

05 ޖުލައި 2024

ސްޓުޓްގާޓް (ޖުލައި 5) - މުބާރާތް ބާއްވާ ގައުމު، ޖަރުމަނު ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްޓުޓްގާޓް (ޖުލައި 5) - މުބާރާތް ބާއްވާ ގައުމު، ޖަރުމަނު ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފި އެވެ.

މިރޭގެ މެޗަށް ދެ ޓީމު ނުކުތް އިރު ވެސް، މެޗު މަޝްހޫރު ވެފައި އޮތީ މިފަހަރު މުބާރާތުން، މިހާތަނަށް ފެންނާނެ އެންމެ ވާދަވެރި މެޗުގެ ގޮތުގަ އެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނަސް އެކަން ފެނުނެވެ. ދެ ޓީމުން ފުލުފުލުގައި ހަމާލާ އުފެއްދި އެވެ.

ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޖަރުމަނުގެ ކައި ހަޥާތްޒް އަށެވެ. އެ ޓީމުގެ ލިރޮއީ ސާނޭ ސްޕެއިންގެ އޭރިއާ ތެރެއަށް ނެގި ހުރަސް ހަވާޓްޒް ބޮޅުން ފޮނުވާލި އެވެ. ނަމަވެސް ސްޕެއިންގެ ކީޕަރު އުނައި ސިމާން ސަލާމަތް ކުރި އެވެ. އެ ހާފުގައި ސްޕެއިންގެ ނިކޯ ވިލިއަމްސް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ބޭރުން އަރިމަތީ ދާގަނޑަށެވެ.

ދެވަނަ ހާފުގައި ސްޕެއިން ފެނުނީ މާ ވަރުގަދަ ކޮށެވެ. އެ ހާފުގައި ޖަރުމަނަށް ހަމަލާއެއް ފޮނުވާ ނުލެވި އުޅެނިކޮށް ސްޕެއިނުން ލީޑް ނެގި އެވެ. އެ ޓީމުގެ ލަމީން ޔަމާލް، ތިރިތިރިން ދިން ޕާސް ޑެނީ އޮލްމޯ ވަނީ ތިރިިތިރިން ގޯލްގެ ކަނަށް ފޮނުވާލައިފަ އެވެ.

ސްޕެއިން ލީޑް ނެގުމުން ޖަރުމަނުން ވެސް ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމުގެ ފުލްކުރޫގަށް ނަތީޖާ ބަދަލުކޮށްލެވޭނެ ވަރުގެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. މެޗުގެ 77 ވަނަ މިނެޓްގައި އޭނާ ފޮނުވާލި ހަމަލާއެއްގެ ހުރަހަކަށްވީ ގޯލްގެ ދަނޑި އެވެ.

މެޗުގެ 82 ވަނަ މިނެޓްގައި ހަވާޒް އަށް ވެސް ގޯލް ހުސްކޮށް ލިބުނު އިރު ވެސް އޭނާ އަށް ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއް ނުވި އެވެ. ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުފުލުގައި ހަމަލާތައް ފޮނުވަމުން ދިޔަ ޖަރުމަނަށް ނަތީޖާ ހަމަހަމަ ކުރީ 89 ވަނަ މިނެޓްގަ އެވެ. ފްލޯރިއަން ވިރްޓްޒް ވައްދާލި ލަނޑަކީ، މި މުބާރާތުގައި އިދިކޮޅު ކުޅުންތެރިޔަކު ސްޕެއިން ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ މިކެލް އޮޔާޒަބަލް އާއި ޖަރުމަންގެ ވިރްޓްޒް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ދެ ބޯޅަ ވެސް ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޖަރުމަނުގެ ހިތް ސްޕެއިން ހަލާކުކޮށްލީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގަ އެވެ. އޮލޮމޯ ނަގައިދިން ބޯޅަ މިކެލް މޮރީނޯބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

އިތުރު ވަގުތުގެ ފަހު މިނެޓްގައި ސްޕެއިންގެ ޑެނީ ކާވަހާލް އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ.

ސެމީގައި ސްޕެއިން ނުކުންނާނީ ފްރާންސް ނުވަތަ ޕޯޗުގަލްގެ ތެރެއިން ކޮންމެ ވެސް އެއްޓީމަކާ ދެކޮޅަށެވެ. ފުލުފުލުގައި