Roadha Mihaaru
ސްޕެއިނުން އިތުބާރުކުރަން މިޖެހުނީ ސްކޫލް ކުއްޖަކަށް

ސްޕެއިނުން އިތުބާރު ކުރަން މި ޖެހުނީ ސްކޫލް ކުއްޖަކަށް

15 ޖޫން 2024

އެކި ޖީލްގެ ކުޅުންތެރިން ހިމަނައިގެން، މިފަހަރުގެ ޔޫރޯ އަށް ދިޔަ ސްޕެއިންގެ އެންމެ ހާއްސަ ކުޅުންތެރިޔަކީ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް އެވެ. ޔޫރޯ 2008 ގެ މުބާރާތް ކާމިޔާބުކޮށް، ފުޓްބޯޅައިގެ ރަސްކަމެއް ސްޕެއިން ފެށި އިރު ލަމީންގެ އުމުރުން އެންމެ އަހަރެކެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެކި ޖީލްގެ ކުޅުންތެރިން ހިމަނައިގެން، މިފަހަރުގެ ޔޫރޯ އަށް ދިޔަ ސްޕެއިންގެ އެންމެ ހާއްސަ ކުޅުންތެރިޔަކީ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް އެވެ. ޔޫރޯ 2008 ގެ މުބާރާތް ކާމިޔާބުކޮށް، ފުޓްބޯޅައިގެ ރަސްކަމެއް ސްޕެއިން ފެށި އިރު ލަމީންގެ އުމުރުން އެންމެ އަހަރެކެވެ.

ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރު، ޔޫރޯގައި ވާދަކުރަން ސްޕެއިން ޓީމާ އެކު ޖަރުމަށް ދިޔައީ ހަދަން ހަވާލުކުރި ފިލާވަޅުތައް ވެސް ހިފައިގެންނެވެ.

"އަހަރެން މިތަނަށް އައީ ހަދަން ދިން ފިލާވަޅުތައް ވެސް ހިފައިގެން. ސަބަބަކީ އޯއެސްއީ [އޮބްލިގޭޓްރީ ސެކަންޑްރީ އެޑިއުކޭޝަން] ގެ ހަތަރު ވަނަ އަހަރު ގައި ކިޔަވަމުން ދާތީ. އޮންލައިންކޮށް ކްލާސްތައް ވެސް އެބަހުރި. އަހަރެން އުންމީދު ކުރަން ޓީޗަރަށް އުނދަގޫ ނުވާނެ ކަމަށް،" ލަމީން ބުންޏެވެ.

ސްޕޭންގެ ކޭމްޕްގައި އެނާ އާ އެކު އެންމެ ގިނައިން ވަގުތު ހޭދަކުރަނީ ނިކޯ ވިލިއަމްސް އެވެ. އޭނާ ބުނީ ސްކޫލްގެ ފިލާވަޅު ހަދަން ލަމީން އިންނަތަން ފެންނަ ކަމަށެވެ.

ނިކޯ ވިލިއަމްސް (ކ) އާއި ލަމީން ޔަމާލް

ނިކޯ ވިލިއަމްސް (ކ) އާއި ލަމީން ޔަމާލް

"އަހަރެން، އޭނާ ދެކެނީ އަހަރެންގެ ކޮއްކޮއެއް ގޮތަށް،" އުމުރުން 21 އަހަރުގެ ނިކޯ ވިލިއަމްސް ބުންޏެވެ.

"އަހަރެން އޭނަ ކައިރީގައި ބުނަން. މާ ގިނައިން ނުވިސްނާށޭ. ފުޓްބޯޅަ އަށް ސަމާލުކަންދީ ހަމަޖެހިލައިގެން ހުންނަން މަސައްކަތްކުރާށެ. އަދި އޭނާ އޭނާ އަށް އެންމެ 16 އަހަރޭ. ބައެއް ފަހަރު އަހަންނަށް ފެނޭ ހޮޓެލްގެ ކޮޓަރީގައި ވެސް އޭނާ ފިލާވަޅު ހަދަން އިންނަތަން."

ޓީމުގެ އެހެން ކުޅުންތެރިން ކުރާ ބައެއް ކަންކަން ލަމީން އަކަށް އަދި ނުކުރެވެ އެވެ. އެއީ ގާނޫނީ ގޮތުން އެކަން ކުރުމުގެ އުމުރު ހަމަ ނުވާތީ އެވެ. ޑްރައިވިން ލައިސެންސެއް ނެތެވެ. ސައިކަލް ނުވަތަ ކާރު ދުއްވުމުގެ ގާނޫނީ އުމުރަށް އަދި ނުފޯރަ އެވެ. ބައެއް ގައުމުތަކުގައި ބަލާގޮތުންނަމަ އަދި ވެސް އޭނާ އަކީ ގާނޫނީ ގޮތުން ކުޑަކުއްޖެކެވެ.

އެކަމަކު ޔޫރޯގައި ސްޕެއިންގެ ސީނިއާ ޓީމުގެ ހަމަލާތައް އުފެއްދުމުގައި އޭނާ އަށް ބައިވެރިވެ އެވެ. އެކަމުގައި ސީނިއާ ކުޅުންތެރިންނަށް ވުރެ ވެސް ބޮޑަށް އޭނާ ހުށިޔާރެވެ.

ބާސެލޯނާގެ ލަ މާސިއާ އެކަޑަމީން ތަމްރީނުވި ކުޅުންތެރިޔާ އަކީ ބާސާގެ ސިނިއާ ޓީމު އަދި ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިޔެކެވެ. ވާދަވެރި ރެއާލް މެޑްރިޑްގެ ވައިސް ކެޕްޓަން ޑެނީ ކަވާހާލް ވެސް ވަނީ ލަމީން، އެ އުމުރުގައި ވެސް ފުޓްބޯޅައިން ހޯދި ކުރިއެރުންތަކަށް ތައުރީފްކޮށްފަ އެވެ.

"ކުރީ ދުވަހެއްގައި އަހަރެން ލަމީން ގާތު ބުނިން؛ އަހަރެންގެ އުމުރުން 17 އަހަރުގައި އުފާފާޅުކުރީ ކޮޕަ ޑެލް ރޭ [ސްޕެނިޝް ކަޕް] ގެ 19 އަހަރުންދަށުގެ މުބާރާތް މެޑްރިޑާ އެކު ކާމިޔާބުކޮށްގެންނޭ. މި ކުއްޖާ [ލަމީން] މިހާރު ބާސެލޯނާ އާއި ސްޕެއިން ޓީމުގައި ވެސް މުހިންމު ކުޅުންތެރިޔަކަށް ވެއްޖެ،" އުމުރުން 32 އަހަރުގެ ކާވަހާލް، ލަމީންއާ ބެހޭގޮތުން ބުންޏެވެ.

އުމުރުން ކިތަންމެ ހަގު ވިޔަސް، ގައުމީ ޓީމުގައި އޭނާ އަށް އޮތް ޒިންމާ ވަކި ކުޑައެއް ނޫނެވެ. ހަމަލާތަކުގައި ބައިވެރިވާ ކުޅުންތެރިޔަކަށް ވުމުން، ސީނިއާ ބައެއް އެހެން ކުޅުންތެރިންނަށް ވުރެ ލަމީންގެ ދައުރު ބޮޑުވެދާނެ އެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނީ އެ އުމުރުގައި ވެސް ގައުމީ ޓީމާ އެކު ޔޫރޯ އަށް ލަމީން އައުމަކީ ފުޓްބޯޅަ އަށް އޭނާ ތަސައްރަފު ފުދިފައިވާކަމުގެ ހެއްކެއް ކަމަށެވެ.

"މެންޓަލީ އެ ގޮތުގައި ހުރުން ފުޓްބޯޅައިގެ ޓެކްނިކަލް ކަންތަކަށް ވުރެ މާ މުހިންމު. އަހަރެމެން ކުރަން ޖެހޭ ކަމަކީ އާދައިގެ ހާލަތަކަށް ގެނެސް އޭނާ އަށް ކަންކަން ދަސްކޮށްދީ ކިޔައި ދިނުން. އޭރު ހިތްތިރި ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ބޮޑުވެގެން އަންނާނީ،" ލަ ފުއެންޓޭ ބުންޏެވެ.

"މި ޓީމުގައި ވަރަށް ޒުވާން ކުޅުންތެރިންތަކެއް ވެސް އެބަތިބި. އޭގެ ތެރެއިން ހާއްސަކޮށް ލަމީން. އޭނާ އަކީ ހަމަ ކުޑަކުއްޖެއް. ގުދުރަތުން އޭނާ އަށް ފުޓްބޯޅައިގެ ހުނަރު ދެއްވާފައިވާ ކަހަލަ. އެ ކޮލިޓީ ހުރީ ވަރަށް މަދު ކުޅުންތެރިޔެއްގެ ކިބައިގައި. އެފަދަ ކުޅުންތެރިންނަކީ ވަރަށް ހާއްސަ ކުޅުންތެރިންތަކެއް. އެފަދަ ކުޅުންތެރިންގެ ކިބައިގައި ހުންނަ ކަމެއް އެ ކުޅުންތެރިން ބޯޅައިގައި ފައިޖައްސާލާއިރު ވެސް އެހެން ކުޅުންތެރިންނާ ތަފާތު ގޮތެއް ހުރުން."

ޔޫރޯގައި ސްޕޭންގެ ފުރަތަމަ މެޗުގައި މިރޭ ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 އިން ލަމީން އަށް ފުރުސަތު ދިނުމަކީ ވެސް ގާތުގައިވާ ކަމެކެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ނުވައެއް ޖަހާއިރު އެވެ.