Roadha Mihaaru
ޖަރުމަނު ދެކެ ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ: ކްލާކް

ފުޓްބޯޅައިގެ ބޮޑު ބާރަކަސް ޖަރުމަނު ދެކެ ކުޑަ ވެސް ޖެހިލުމެއް ނުވޭ: ސްކޮޓްލެންޑްގެ ކްލާކް

14 ޖޫން 2024

މިޔުނިކް (ޖޫން 14) – ޖަރުމަނަކީ ފުޓްބޯޅައިގެ ކިތަންމެ ބޮޑު ބާރެއް ކަމަށް ވިޔަސް އެ ޓީމު ދެކެ ކުޑަވެސް ޖެހިލުމެއް ނުވާ ކަމަށް، ސްކޮޓްލެންޑްގެ ކޯޗު ސްޓިވް ކްލާކް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކް (ޖޫން 14) – ޖަރުމަނަކީ ފުޓްބޯޅައިގެ ކިތަންމެ ބޮޑު ބާރެއް ކަމަށް ވިޔަސް އެ ޓީމު ދެކެ ކުޑަވެސް ޖެހިލުމެއް ނުވާ ކަމަށް، ސްކޮޓްލެންޑްގެ ކޯޗު ސްޓިވް ކްލާކް ބުނެފި އެވެ.

ޖަރުމަނުގައި މިރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި، އެ ގައުމާ ދެކޮޅަށް ނުކުންނާނީ ސްކޮޓްލެންޑެވެ. ޖަރުމަނަކީ ޔޫރޯގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ބޮޑު މުބާރާތަކަށް ސްކޮޓްލެންޑް މި ކޮލިފައިވީ ގާތްގަނޑަކަށް 24 އަހަރަށް ފަހު އެވެ.

ވެސްޓް ބްރޮމިޗަށް ވެސް ކުރިން ކޯޗުކޮށް ދިން ކްލާކް ބުނީ މުބާރާތް ބާއްވާ ގައުމަށް ވުމުން ޖަރުމަނަށް، ވަރަށް ބޮޑަށް އިހްތިރާމް ކުރާ ކަމަށެވެ.

"އެކަމަކު އަބަދު ވެސް ބުނަމުންދާ ބަސްކޮޅެއް؛ އެންމެންނަށް އިހްތިރާމް ކުރާށޭ، އެއްވެސް ބައެއް ދެކެ ޖެހިލުން ނުވާށޭ،" ކްލާކް ބުންޏެވެ.

ސްކޮޓްލެންޑަށް ބޮޑު މުބާރާތެއްގެ ގުރޫޕް ސްޓޭޖަށް ވުރެ ދުރަށް އަދި ދެވިފައެއް ނުވެ އެވެ. ކްލާކަށް، މި އޮތީ އެ ތާރީހް ބަދަލު ކުރުމެވެ.

"އަހަރެމެންނަށް އެނގޭ މިއީ ވަރަށް ބޮޑު މެޗެއްކަން، މިއީ ހަތަރު ޓީމު ހިމެނޭ ގުރޫޕް އެންމެ ފުރަތަމަ މެޗު. ނޮކައުޓް ބުރަށް ކޮލިފައިވުމަށްޓަކައި ކުރަން ޖެހޭނީ ކޮން ކަންތައްތަކެއްކަން އަހަރެމެންނަށް އެނގޭ،" އޭނާ ބުންޏެވެ.

ސްކޮޓްލެންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން ބުނީ މުބާރާތް ބާއްވާ ގައުމަށް ވުމުން ހުރިހާ ޕްރެޝަރެއް އޮތީ ޖަރުމަނަށް ކަމަށެވެ.

"އަހަރެމެން ވިސްނަން ޖެހޭ އެއްވެސް ކަމެއް ނެތް. ހުރިހާ ޕްރެޝަރެއް އޮތީ ޖަރުމަނަށް،" ލިވަޕޫލްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ރޮބަޓްސަން ބުންޏެވެ.

"އަހަރެމެންނަށް އެނގޭ އެ ޓީމުން މިޑްފީލްޑްގައި ޓޯނީ ކްރޫޒް މެންފަދަ ކުޅުންތެރިން ބޭނުންކޮށްގެން ބޯޅަ ހިފަހައްޓައިގެން ކުޅެން އުޅޭނެ ގޮތް."

ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ފަށާ މެޗު ކުޅޭނީ މިޔުނިކްގެ ފުޓްބޯޅަ އެރީނާގަ އެވެ. މިއީ މަޝްހޫރު ބެޔާން މިޔުނިކްގެ ހޯމް ސްޓޭޑިއަމެވެ.

ރޮބަޓްސަން ބުނީ އެ ދަނޑަކީ އޭނާ އަށް އުފާވެރި ކަންތައްތަކެއް ހާސިލުވި ދަނޑެއް ކަމަށެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު 2019 ގައި ލިވަޕޫލުން ކާމިޔާބު ކުރީ އެ ދަނޑުގައި، ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅެ މޮޅުވެގެންނެވެ.