Roadha Mihaaru
ޖަރުމަނުގެ ޖޯޒީ ނަންބަރު ހަތަރެއްގެ ފޮންޓް ބަދަލުކުރަނީ

ޔޫރޯ އަށް ހެދި ޖަރުމަނުގެ ޖޯޒީ ނަންބަރު ހަތަރެއްގެ ފޮންޓް ބަދަލުކުރަން ޖެހިއްޖެ

02 އެޕްރީލް 2024

ބާލިން (އޭޕްރީލް 2) – އަމިއްލަ ގައުމުގައި ޖޫން، ޖުލައިގައި ބާއްވާ ޔޫރޯ އަށް ޖަރުމަނުގެ ގައުމީ ޓީމުން ހެދި ޖޯޒީގެ ނަންބަރު ހަތަރެއްގެ ފޮންޓް ބަދަލުކުރަން ޖެހިއްޖެ އެވެ.

ބާލިން (އޭޕްރީލް 2) – އަމިއްލަ ގައުމުގައި ޖޫން، ޖުލައިގައި ބާއްވާ ޔޫރޯ އަށް ޖަރުމަނުގެ ގައުމީ ޓީމުން ހެދި ޖޯޒީގެ ނަންބަރު ހަތަރެއްގެ ފޮންޓް ބަދަލުކުރަން ޖެހިއްޖެ އެވެ.

ހަތަރުވަނަ ނަންބަރުގެ ފޮންޓް ބަދަލުކުރަން ޖެހުނީ، އެޑިޑާސްގެ ފީހާރައިން ވިއްކީ 44 ވަނަ ނަންބަރު ޖެހި ޖޯޒީތަކުން ނާޒީންގެ ލޯގޯއާ ވައްތަރުކަމަށް ސިފަ ކުރެވުމުންނެވެ.

ނަންބަރު ހަތަރެއްގެ ފޮންޓް ފަރުމާކޮށްފައިވާ ގޮތުން 44 ނަންބަރު ޖެހުމުން ނާޒީންގެ ލޯގޯއާ ވައްތަރުވާކަމަށް ބުނެ އެގައުމުގެ ސޯޝަލް މީޑިއާގައި ވަނީ އެ ވާހަކަ ވައިރަލް ވެފަ އެވެ.

ނާޒީންނަކީ ނަސްލު ނައްތާލަން ހިތްވަރު ދިން ޖަރުމަނުގެ ކުރީގެ ޕާޓީ އެކެވެ. އެ ޕާޓީ ޖަރުމަނުގައި މަނާކޮށްފައި ވީނަމަވެސް އަދި ވެސް އެ ހަރަކާތަށް ތާއީދު ކުރާ މީހުން އެ ގައުމުގައި ގިނަ އެވެ.

ޖަރުމަނުގެ ޓީމަށް ޖޯޒީ ތައްޔާރުކޮށް ދެނީ އެ ގައުމުގެ އަމިއްލަ ކުންފުނި އެޑިޑާސްއިންނެވެ. އެ ކުންފުނީގެ ތަރުޖަމާނު އޮލިވާ ބްރުގެން ވިދާޅުވީ ޖޯޒީ ފަރުމާ ކުރީ އެ ކުންފުނިން ނޫން ކަމަށެވެ.

"އެކަމުގެ ޒިންމާ ވާން ޖެހޭނީ ޖަރުމަނުގެ ފެޑެރޭޝަނާއި 11 ޓީމް ސްޕޯޓްސް [ކުންފުނިން]،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުން ޖޯޒީގެ ޑިޒައިން ދިނުމުން އެޑިޑާސްއިން ކުރާ ކަމަކީ އެ ޖޯޒީ ތައްޔާރުކުރުމެވެ.

އެ ކުންފުނީގެ ފިހާރަތަކުގައި ހުރި 44 ގެ ޖޯޒީތައް މިހާރު ނަގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖަރުމަނުގެ އެފްއޭއިން ބުނީ އެ ޓީމުން ޔޫރޯގައި ބޭނުން ކުރާނެ ޖޯޒީތަކުގެ ނަންބަރުގެ ފޮންޓް 0 ން 9 އަށް ބެލި ކަމަށެވެ.

"އެއަށް ފަހު ޖޯޒީ ނަންބަރު 1 ން ފެށިގެން 26 އަށް ބޭނުން ކުރާނެ ޖޯޒީ އަހަރެމެން ޔޫއެފާ އަށް ހުށަހެޅިން. ޖޯޒީ ތައްޔާރުކުރުމުގެ މަރުހަލާގައި ބައިވެރިވި އެއް ވެސް ޕާޓީއަކަށް ނާޒީންގެ ލޯގޯއާ ވައްތަރުކަމެއް ފާހަގަ އެއް ނުކުރެވޭ،" އެކްސްގައި އެ ގައުމުގެ އެފްއޭއިން ލިޔެފައި ވެއެވެ.

"އަހަރެމެން ބޭނުމެއް ނޫން ސުވާލު އުފެދޭނަމަ އިތުރަށް މަޝްވަރާ ކުރާކަށް ވެސް. ހަތަރު ނަންބަރުގެ ފޮންޓްގެ ޑިޒައިން ބަދަލު ކުރާނަން. އެކަމުގައި ޔޫއެފާއާ ގުޅިގެން މަސައްކަތް ކުރާނަން."