Roadha Mihaaru
"އިގްތިސާދަށް ނުބަލައި ކަޑަޖަހާ ވެރިއަކަށް ނުވާނަން"

އިގްތިސާދީ ހާލަތަށް ނުބަލައި ކަޑަ ޖަހާ ވެރިއަކަށް ނުވާނަން: ރައީސް

06 ފެބުރުއަރީ 2024

އިންތިހާބެއް ބޯމަތިވުމުން ރަށްރަށަށް ވަޑައިގެން، އިގްތިސާދީ ހާލަތު ތަން ނުދޭ މިންވަރަށް ރަށްރަށުގައި ކަޑަޖަހާނެ ވެރިއަކަށް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ތ. ދިޔަމިގިލިން އައިޝަތު ނުޒުހާ

އިންތިހާބެއް ބޯމަތިވުމުން ރަށްރަށަށް ވަޑައިގެން، އިގްތިސާދީ ހާލަތު ތަން ނުދޭ މިންވަރަށް ރަށްރަށުގައި ކަޑަޖަހާނެ ވެރިއަކަށް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ހުރަހަކަށް އިގްތިސާދު ނުވާނެ ކަމަށާއި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު މި ރަށުން ވެސް އެދޭ ކަންކަން ލަސްތަކެއް ނުވެ ފުރިހަމަކޮށްދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި އުނދަގޫ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ ކަންކަމުގެ ނަތީޖާ ހާމަވާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ވަކިވަކި ފަރުދުންނަށް މުއްސަނދިކަން ހޯދައިދިނުން ކަމަށެވެ.

"ކޮންމެ ރައްޔިތަކަށް އިގްތިސާދީ ބާރުވެރިކަން ލިބި މުއްސަނދިކަން ލިބިގެން ދާން، ކުރިއެރުން ގެނެސްދޭން. އެ މަގުން އެގޮތަށް ކުރިއަށް ގެންދިއުމަށް ތަރައްގީގެ، އިގްތިސާދީ މަސައްކަތްތައް ބައްޓަން މި ކުރަނީ،" ރައީސް ވިދާޅުވި އެވެ.

އިގްތިސާދު އޮތް ދަތި ހާލަތު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތަރައްގީއަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށާއި ނަމަވެސް މި ހާލަތުގައި ރަށްރަށަށް މަޝްރޫއުތައް ކޮށްދެވެން އޮތީ ތަރުތީބުކޮށްގެން ކަމަށެވެ. އެ މަނިކުފާނަށް ވެސް ކޮންމެ ރަށަށް ވަޑައިގެން ހުރިހާ ކަމެއް ކޮށްދޭނަމޭ ވިދާޅުވެވުނަސް، އެހެން ދަންނަވާ ވެރިއަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންޏާ ކަންތައްތައްވާ ގޮތަށް އިންތިހާބަށް މަހެއް ނުވަތަ ދޮޅުމަސް ވީމާ އައިސް މިއިން އެއްވެސް ކަމަކާ ބެލުމެއްނެތި ހަމަ ކުއްލިއަކަށް ބިންގާ އަޅައި، ކަޑަޖަހާ އުސޫލުން ކަންކަންކޮށްފައި ދިޔައީމާ ރައްޔިތުންނަށް ވާ ފައިދާއެއް ނޯވޭ. އެއީ އަމިއްލަ ނަފްސަށް އޮޅުވާލެވެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މަގުން ކަން ހިނގުމުން ގެއްލެނީ އިތުބާރު ކަމަށާއި އެހެން ވާން ނޭދޭ ކަމަށެވެ.

އިގްތިސާދު ރަނގަޅުވަމުން އަންނަ ވަރަކަށް، ދިޔަމިގިލީގައި ވެސް ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށަން ހުރި ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމަކަށް ފާހަގަކުރެއްވީ ރައީސްގެ ވައުދެއް ކަމަށްވާ ދިޔަމިގިލީ-މަޑިފުށި ކޯޒްވޭގެ މަސައްކަތެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ މި އަހަރު ތެރޭގައި އެ މަސައްކަތުގެ މަރުހަލާތައް ފެށުން ކަމަށާއި އެއްވެސް ވައުދަކަށް އެމަނިކުފާނު ފަރުވާކުޑަ ނުކުރައްވާނެ ކަމަށެވެ.

ހަފްތާ 14 އަށް ވީ ވައުދުތަކުގެ ތެރެއިން 11 ހަފްތާ ވެގެން ދިޔައިރު، ވެފައިވާ ހުރިހާ ވައުދެއް 100 ޕަސެންޓަށް ފުއްދާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.