Roadha Mihaaru
"ކޭކު ފަޅަން" ގާނޫނު ބޭނުން ވަނީ އިތުބާރު ނެތުމުން

ވެރިކަމުގެ "ކޭކު ފަޅިކުރަން" ގާނޫނެއް ބޭނުންވަނީ ލީޑަރުންގެ މެދުގައި އިތުބާރު ނެތުމުން: ރައީސް ޔާމީން

15 އޯގަސްޓް 2018

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއް ގާއިމްކުރުމަކީ "ކޭކު ފޮއްޗެއް ފެޅުން" ކަމަށް ސިފަ ކުރައްވައި، އެ ކޭކު ފޮތި ފަޅަން ގާނޫނެއް ބޭނުން ވަނީ އިއްތިހާދުވެގެން އުޅޭ ލީޑަރުންގެ މެދުގައި އިތުބާރެއް ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ދިގަމިގިލީގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއް ގާއިމްކުރުމަކީ "ކޭކު ފޮއްޗެއް ފެޅުން" ކަމަށް ސިފަ ކުރައްވައި، އެ ކޭކު ފޮތި ފަޅަން ގާނޫނެއް ބޭނުން ވަނީ އިއްތިހާދުވެގެން އުޅޭ ލީޑަރުންގެ މެދުގައި އިތުބާރެއް ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ދިގަމިގިލީގައި ވިދާޅުވެއްޖެ އެވެ.

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރަން، އިއްތިހާދުވެފައި ވަނީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރާ މީހުންނެވެ. މި ކޯލިޝަނަކީ، މިހާރު ވެސް ޚިޔާލު ތަފާތުވުން ބޮޑު، އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ނެތް، ހިތުގައި ހަސަދަވެރިކަން އޮތް ބައެއް ކަމަށް ވިދާޅުވެ، މި ހާލަތުގައި ތިބެ ރައްޔިތުންނަށް ވެރިކަމެއް ހިންގާނީ ކިހިނެއްތޯ ރައީސް ސުވާލު ކުރެއްވި އެވެ.

"ކޭކު ފޮއްޗެއް ލިބިއްޖެއްޔާ ބައި އަޅާނެ ގޮތެއް ކިޔައި ދެވިދާނެ، ކޭކު ފޮތި ލިބެންދެން. އެކަމަކު ކޭކު ފޮތި ލިބުނީމަ ބައި އަޅާ ގޮތް، ކިހާވަރަކަށްތޯ ކޭކު ފޮތި ފަޅާ މީހާ ދަހިވެތި ވަނީ، އެއީ މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިފައިވާ ކަންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދިޔަމިގިއްޔަށް ރައީސް ޔާމީން މިއަދު ވަޑައިގަތް އިރު، މަރުހަބާ ދަންނަވަން ނުކުމެ ތިބި އެ ރަށުގެ ރައްޔިތުންތަކެއް.---ފޮޓޯ/ރައީސް އޮފީސް

ދިޔަމިގިއްޔަށް ރައީސް ޔާމީން މިއަދު ވަޑައިގަތް އިރު، މަރުހަބާ ދަންނަވަން ނުކުމެ ތިބި އެ ރަށުގެ ރައްޔިތުންތަކެއް.---ފޮޓޯ/ރައީސް އޮފީސް

ދިޔަމިގިލީގައި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ތަފާތު ފިކުރުތަކުގެ، އަމިއްލަ މަސްލަހަތަށް އުޅޭ ބަޔަކު ވެރިކަން ލިބިއްޖެ ނަމަ ތަރައްގީގެ މަޝްރޫއުތަކެއް ނުހިންގޭނެ ކަމަށެވެ. ވެރިކަން ލިބުމުގެ ކުރިން، މިވެނި ބަޔަކަށް ކޭކުގެ މިވެނި ޕަސެންޓޭޖެއް ކަމަށް ބުނެ ރައްޔިތުން ހިތްހަމަޖައްސާލަން ވާހަކަ ދެއްކި ނަމަވެސް މާޒީގައި ކަން ހިނގާފައި އޮތް ވެސް ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވި އެވެ.

ދެ ހާސް އަށެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ބޮޑު ކޯލިޝަނަކުން ކަން ފާހަގަކުރައްވައި، އެ ވެރިކަމުގެ ހޯމް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތިން ހަފުތާ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައި ދުރަށް ވަޑައިގަތީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. އެ ފަހަރު ވެރިކަމަށް ވަޑައިގަތުމަށް ފެޅި ކޭކު ފޮތީގެ ރަހަ ކަރުތެރޭގައި ހަރުލި ނަމަ ވެރިކަމަށް ތިން ހަފުތާގެ ތެރޭގައި ގާސިމް ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މިއަދު، [ކޯލިޝަން ސަރުކާރެއްގެ] އެ ވާހަކަ ދެއްކީމަ އެ ބޭފުޅުން އުޅޭ ހާލަތާ މެދު ހަމްދަރުދީވޭ. ގައިމު ކޭކު ފޮތީގެ ބައި އެޅުން ހަމަޖެހިގެން ނުދާނެތީވެ ދެއްތޯ އެ ބޭބޭފުޅުންގެ ދައްކާ ވާހަކަތަކުގެ ތެރޭގައި ކޯލިޝަން ހިންގުން ރެގިއުލޭޓް ކުރާ ވާހަކަ ދައްކަވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ހެނދުނު ދިޔަމިގިއްޔަށް ވަޑައިގަތުމުން، ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ހެނދުނު ދިޔަމިގިއްޔަށް ވަޑައިގަތުމުން، ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޭކު ފޮތި ލިބުނީމަ ބައި އަޅާ ގޮތް. ކިހާވަރަކަށްތޯ ކޭކު ފޮތި ފަޅާ މީހާ ދަހިވެތި ވަނީ، އެއީ މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިފައިވާ ކަންކަން. --ރައީސް

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ކޯލިޝަން ސަރުކާރަކަށް ގާނޫނީ ހައިސިއްޔަތު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދައްކަވާ ވާހަކަ އަށެވެ.

"މިއީ، އިތުބާރު އޮތް ހިސާބު. ގާނޫނަކުން މިކަން ނިންމާ ހިސާބަށް ދިޔައީމަ އޭގެ މާނައަކީ އަނގަަބަހުން ދެ ލީޑަރުންގެ ތެރޭގައި އެއްބަސްވާ އެއްބަސްވުމުގައި އެއްވެސް ކަހަލަ އިހްތިރާމެއް ނޯންނާނެ ވާހަކަ. އަދި އެގްރީމެންޓެއް ލިއެފައި ސޮއި ކުރިއަސް އެއްވެސް ކަހަލަ ބަލާލުމެއް ނޯންނާނެ ކަން،" ރައީސް ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރެއް ހިންގަވަން އިބޫ ވަޑައިގަންނަވަނީ އެންމެ 18 މަސް ދުވަހަށް ކަމަށާއި އެ މުއްދަތުގައި ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.