Roadha Mihaaru
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް

ދަތި ނޭޅުވިނަމަ، މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް ޔާމީން

26 އޯގަސްޓް 2018

އެމަނިކުފާނު ދަތި ނޭޅުވިނަމަ، ދިވެހި ރައްޔިތުން މިހާރަށް ވުރެ މާ ބޮޑަށް ހިތްހަމަޖެހިގެން އުޅުނީސް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ގުރައިދޫގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމަނިކުފާނު ދަތި ނޭޅުވިނަމަ، ދިވެހި ރައްޔިތުން މިހާރަށް ވުރެ މާ ބޮޑަށް ހިތްހަމަޖެހިގެން އުޅުނީސް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ގުރައިދޫގައި ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބަށް 26 ދުވަހަށް ވެފައިވަނިކޮށް، ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދަތި އަޅުވަން މަސައްކަތް ކުރަނީ ސިޔާސީ މަސައްކަތް ކުރުމުގެ ގާބިލްކަން އިދިކޮޅު ބޭފުޅުންގެ ނެތިގެން ކަމަށެވެ. އިދިކޮޅުން އެ މަސައްކަތް ކުރަނީ ސިއްރުން، ނާޖައިޒު ނުފޫޒު ބޭނުން ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީކީ ނޫން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ. ދިވެހި ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޔަކު،" ގުރައިދޫގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ތ. ގުރައިދު އަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންނާ ސަަލާމްކުރައްވަނީ--.، ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ތ. ގުރައިދު އަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންނާ ސަަލާމްކުރައްވަނީ--.، ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފިކުރު ދިފާއު ކުރަން ރައްޔިތުން ޖެހެނީ ރައްޔިތުންގެ މަސްލަހަތާއި ދީނާއި ސުލްހަ އަށް އޮތް ފިކުރެވެ. އެ ފިކުރުގެ ނަތީޖާއަކަށް ވެގެން ދިޔައީ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ކަށަވަރުވެގެން ދިއުމާއި އެތައް ދިވެހިންނެއް މަތީ ތައުލީމް ހާސިލްކޮށްގެން އައުމާއި މަގުތަކަކީ އަމާން ތަނަކަށް ވެގެން ދިއުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބޮޑެތި ކުށްތަކަށް އަރައިގަންނަން ޖެހިލުންވާ މީހުން އިތުރުވެގެން ހިނގައްޖެ. މިއީ އޭގެ ނަތީޖާއަކީ. އަޅުގަނޑުގެ ސަރުކާރުގައި އަޅުގަނޑު އެހާ ވަރަށް ދަތި ނޭޅުވިނަމަ، މިއަށް ވުރެ މާ ފޮނި ނަތީޖާތަކެއް ދިވެހި ރައްޔިތުން އަޅުގަނޑާ އެކީގައި އެކަންކަމުގައި ތިއްބެވީސް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގުރައިދޫން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ހަމައެކަނި އެ ރަށަށް 223 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ. އެކަމަކު، އޭގެ ކުރިން އައި ދެ ސަރުކާރަށް އެ ރަށަށް ހޭދަ ކުރެވުނީ އެންމެ 1.4 މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގެ ޚުލާސާއެއް:

- މިހާރު އިސްކުރަން ވީ އިސްލާމް ދީން. އެއަށް ފަހު ގައުމު.

- ބައެއް ބޭފުޅުންނަށް އެމްޑީޕީން ދިން ލަގަބު، އަދިވެސް ކިޔައި އުޅޭ.

- އެމްޑީޕީގެ ވެރިކަމުގައި އޮތީ އަނިޔާވެރިކަން، މަޖިލިހުގައި ހަމަނުޖެހުން ހިންގި.

- ޕީޕީއެމުން ދައްކަނީ އިންސާނީ ހައްގުތައް ދިފާއު ކުރާނެ ވާހަކަ.

- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވަނީ އިދިކޮޅު ފަރާތްތަކުން.

ސަރުކާރުން ހިމާޔަތް ކުރާ އުސޫލުތައް ބިނާވެފައި ވަނީ ރާއްޖެއަށް ބޭނުންވާ ކުރިއެރުމާއި، ދިވެހި ރައްޔިތުންގެ މަސްލަހަތާއި ދީން ހިމާޔަތް ކުރުން ފަދަ ކަންކަމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމު ސަލާމަތާއި އަމާން ކަމާއެކު ބާއްވާނެ ފިކުރަކީ މިއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ގައުމެއްގެ ގޮތުގައި، އެއްބައިވަންތަ ސުލްހަވެރި ބައެއްގެ ގޮތުގައި އޮތީ އިސްލާމީ ހިދާޔަތުގެ މަތީގައި ތިބުމުން ކަމަށެވެ. ރާއްޖެއަކީ އެކުވެރި ބައެއްގެ ގޮތުގައި ތިބީ އެންމެންނަކީ އިސްލާމްދީން ނޫން ދީނަކަށް ޖާގަ ދޭން ބޭނުން ނުވާ ބައެއް ކަމުގައި ގަބޫލުކޮށްގެން ތިބީމަ ކަމަށް ރައީސް ވިދާޅުވި އެވެ.