Roadha Mihaaru
ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން: އާދަމް ޝަރީފް

ރާއްޖެ ދެކޭ ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން: އާދަމް ޝަރީފް

04 މެއި 2018

ރާއްޖެ ދެކެމުން އަންނަ ޒަމާނީ ތަރައްގީގެ ބާނީ އަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެމަނިކުފާނަށް ވަރަށް ބޮޑަށް މިރޭ ތައުރީފް ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ ދެކެމުން އަންނަ ޒަމާނީ ތަރައްގީގެ ބާނީ އަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެމަނިކުފާނަށް ވަރަށް ބޮޑަށް މިރޭ ތައުރީފް ކުރައްވައިފި އެވެ.

ފުވައްމުލަކުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ 2009 އިން ފެށިގެން 2014 އާ ހަމައަށް ފުވައްމުލަކުގައި ހިންގާފައި ވަނީ އެންމެ ނުވަ މަޝްރޫއު ކަމަށެވެ. އެކަމަކު، ރައީސް ޔާމީންގެ ޒައާމަތުގައި ފުވައްމުލަކުގައި 41 މަޝްރޫއު ހިންގާފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިއަދުގެ ތަރައްގީގެ މޭސްތިރި އަކީ ރައީސް ޔާމީން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި އޮތީ ސިޔާސީ ހަލަބޮލިކަން އުފެދިފަ އެވެ. އެކަމަކު، ރައީސް ޔާމީންގެ ހިކުމަތްތެރި އަމަލުން، އެމަނިކުފާނު ވަނީ އިޖުތިމާއީ މައްސަލަތައް ހައްލުކޮށް ދެއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ރައީސް ޔާމީން ދައްކުވައި ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އިޖުތިމާއީ މައްސަލަތަކެއް ހުރި ކަމުގައިވިޔަސް، ވޭތުވެދިޔަ ދުވަސްތަކުގައި ރައީސް ޔާމީންގެ ހިކުމަތްތެރިކަމާ އެކު އިޖުތިމާއީ އެތައް މައްސަލަތަކެއް ހައްލުކޮށް ދެއްވައި، ހާއްސަކޮށް، ޒުވާނުންނަށް ވަޒީފާގެ ތަފާތު ފުރުސަތުތަކެއް ހޯއްދަވައި ދެއްވައިފި. އޭގެ ނަތީޖާއެއްގެ ގޮތުން ޒުވާނުން ކުށް ކުރުން މަދުވަމުންދާ ކަން އެއީ ރިކޯޑުތަކުން ފެންނަން އޮތް ހަގީގަތެއް،" ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އިސް ހުންނަވައިގެން ފުވައްމުލަކުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ބޭބެ އަކު ނުވަތަ ކޮއްކޮއެއްގެ މައްޗަށް ވެސް މިއަދު ގާނޫނު އަރާ ހަމަ ކުރާނެ އެވެ. އަދި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮއްވެވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށާއި އެބޭފުޅުންގެ އަޒުމު ނުގުޑާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް ގިނަ މަސައްކަތްޕުޅުތަކެއް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފެބްރުއަރީ 1 ގައި ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަ، ގައުމުގެ މިނިވަންކަން ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެން މީހަކު ވެރިކަމުގައި ހުރި ނަމަ، އޮންނާނީ އަސްކަރީ ވެރިކަމުގެ ދަށުގައި ކަމަށާއި ދިވެހިން އަމަލު ކުރަން ޖެހެނީ އެހެން މީހުން ބުނިހާ ގޮތެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ދިވެހިން އަޅުކަން ކުރަން ޖެހޭނީ އެހެން މީހުން ދެއްކި ތަނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަކީ ދިވެހިން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ފަސްޓްލޭޑީ ފާތުމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެހެން ދީނެއް ގެންނަން ޑީލް ހަދައިގެން އަންނަ މީހުންނަށް އިސްލާމް ދީން ހިމާޔަތް ކުރެވޭނީ ކިހިނެއްތޯ އާދަމް ޝަރީފް ވަނީ ސުވާލު ކުރައްވައިފަ އެވެ.