Roadha Mihaaru
ރައީސް ޔާމީން ގާނޫނާ ހިލާފު ކަމެއް ނުކުރައްވާ: ތޯރިގް

ރައީސް ޔާމީން ގާނޫނާ ޚިލާފު ކަމެއް ނުކުރައްވާ: ތޯރިގް

27 އެޕްރީލް 2018

ރައީސް އަބްދުﷲ އަބްދުﷲ ޔާމީން މިހާރު ވެރިކަން ކުރައްވަނީ ގާނޫނުތަކާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް އެ މަނިކުފާނަކީ އެފަދަ ކަމެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައީސް އަބްދުﷲ އަބްދުﷲ ޔާމީން މިހާރު ވެރިކަން ކުރައްވަނީ ގާނޫނުތަކާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް އެ މަނިކުފާނަކީ އެފަދަ ކަމެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫގައި ކުރިއަށް ގެންދާ ޖަލްސާގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ރައީސް ޔާމީނަކީ ހުރިހާ ކަމެއް ވެސް ގާނޫނުތަކާ އެއްގޮތަށް ކުރައްވާ ބޭފުޅެއް ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ އެންމެ ގޯސް ކަމަކީ ރައީސް ޔާމީން ވެރިކަން މި ކުރައްވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނަމުން ދިޔުން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ގާނޫނާ ޚިލާފަށް ވެރިކަން ކޮށްފައި އޮތީ ހަމަ ރައީސް [މުހައްމަދުު] ނަޝީދޭ،" ސިޔާސީ ގިނަ ޖަލްސާތަކުގައި ރައީސް ޔާމީނަށް އަބަދު ވެސް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާ ތޯރިގް ވިދާޅުވި އެވެ.

"އަދި އޭގެ ކުރިން ވެސް ގާނޫނާ ޚިލާފު ކަންތައްތަކެއް އެހެން ރައީސުން ވެސް ކުރައްވާފައިވޭ. އެކަމަކު އަޅުގަނޑު ނުދެކެން ރައީސް ޔާމީން އެއްވެސް ކަމެއް ގާނޫނާ ޚިލާފަށް ކުރައްވާ ތަނެއް."

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައްޔިތުން މިހާރު ގަބޫލު ވެސް ނުކުރެ އެވެ. އަދި ރައީސް ޔާމީން ވެރިކަމުގެ ދެވަނަ ދައުރަކަށް ރައްޔިތުން ހޮވައިދޭނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ތ. އަތޮޅުގެ ރަށްރަށުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހިންގަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެއްވެސް މެމްބަރެއްގެ ވޯޓު ތަރައްގީގެ މަޝްރޫއުތަކަށް ނުލިބި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅުގެ އެއްބާރުލުން ނުލިބުނަސް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރު ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.