Roadha Mihaaru
އައިސީޓީ ދާއިރާ ތަރައްގީކުރުން: ރައީސްގެ ބޮޑު ވައުދެއް

އައިސީޓީ ޕާކުތައް ހަދައި، ސަބްމެރިން ކޭބަލްއަކުން ގުޅާލުން: ރައީސްގެ ބޮޑު ވައުދެއް

17 ސެޕްޓެމްބަރ 2018

ރިޔާސީ ދެ ވަނަ ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ، ރައީސް އަބްދުﷲ ޔާމީން ވަނީ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާ އިން އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސީޓީ ޕާކުތަކެއް ގާއިމުކޮށް، ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް އަޅައި، އިންޓަނެޓްގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރިޔާސީ ދެ ވަނަ ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ، ރައީސް އަބްދުﷲ ޔާމީން ވަނީ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާ އިން އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސީޓީ ޕާކުތަކެއް ގާއިމުކޮށް، ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް އަޅައި، އިންޓަނެޓްގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ.

އަދި އެ ދާއިރާ އިން، މި ސަރަހައްދުގައި ވެސް ނެތް ފަދަ ތަނަކަށް ހުޅުމާލެ ހެދުން އެއީ އެ މަނިކުފާނުގެ އަމާޒެކެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، އައިސީޓީގެ ދާއިރާ އިން އެ މަނިކުފާނު ކުރައްވާ އުއްމީދުތަކާއި ދެކިވަޑައިގަންނަވާ ތަސައްވުރު ހާމަ ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ، މިހާރު ހުރި ވަސީލަތްތަކުން، އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކުންފުނިތަކުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އަދި އިންޓަނެޓް އަގު ބޮޑުވުމުގެ ނޭދެވޭ އަސަރު ކަސްޓަމަރުންނަށް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، ރައީސްގެ އުއްމީދަކީ ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، އިންޓަނެޓްގެ އަގު 30 ޕަސެންޓަށް ކުޑަކުރުމެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރާ އައިސީޓީ ޕާކުތަކުގެ ސަބަބުން ވެސް، އެ ދާއިރާ އަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވަ އެވެ.

އެކި ރަށްރަށުގައި އަޅާ މި މަރުކަޒުތަކުގައި އައިސީޓީގެ ރޮނގުން ޒުވާނުން ތަމްރީނު ކުރާނެ އެވެ. ސޮފްޓްވެއާ އަދި ހާޑްވެއާ ނެޓްވޯކިން އާއި ޑާޓާ މެނޭޖްމެންޓް އެންޑް ސެކިއުރިޓީގެ އިތުރުން، އައިސީޓީ ބިޒްނަސް ޑިވެލޮޕްމެންޓް އެ ތަންތަނުގައި ކިޔަވައިދޭނެ އެވެ. މުސްތަގްބަލުގައި އެ ތަންތަން ވާނީ، ކޯޑަރުންނާއި އެކި އެޕްލިކޭޝަންތައް އުފައްދާ މީހުން ތަމްރީނު ކުރާ ތަންތަނަށެވެ.

ޓެކްނޮލޮޖީ އަށް ދަރިވަރުން ލޯހުޅުވައި، އެ ދާއިރާ އިން މަގު ދައްކައިދިނުމަށް ރައީސް ޔާމީން އެންމެ ފުރަތަމަ ނެންގެވި ފިޔަވަޅަކީ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދިނުމެވެ. މިއީ "ޑިޖިޓަލް ރާއްޖެ" އަކަށް ބަދަލުކުރުމުގެ ފެށުމެވެ. މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިހާރު އަންނަނީ ޓެބްލެޓް ދޫކުރަމުންނެވެ.

އައިސީޓީގެ ދާއިރާއިން ރައީސް ޔާމީން ދެން ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މި ސަރަހައްދު ނުދެކޭ ފަދަ ޓެކްނޮލޮޖީގެ ހަބަކަށް ހުޅުމާލެ ހެދުމެވެ. މިކަމުގެ ފެށުމެއްގެ ގޮތުން، ކެލިކްސް ސާވިސް ކިޔާ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކާއެކު އެޗްޑީސީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އަމާޒަކީ އޭޝިއާގެ ފުރަތަމަ 100 ޕަސެންޓް ގިގަބައިޓް ސިޓީއަކަށް ހުޅުމާލެ ހެދުމެވެ. ހުޅުމާލޭގައި ހައި ސްޕީޑް ފައިބާ އިންޓަނެޓް ގާއިމް ކުރުމަށް ވި މި އެއްބަސްވުމުގެ ދަށުން، އެ އަވަށުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

ސަރުކާރުން ދެކޭ ގޮތުގައި، ރާއްޖޭގެ ގިނަ ޒުވާނުން އައިސީޓީ އަށް ޝައުގުވެރިކަން ހުރެ އެވެ. އެ ދާއިރާ އިން ކުރި އަށް ދާން ބޭނުމެވެ. އެހެންވެ، އެ މީހުންނަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދެވިއްޖެ ނަމަ، އެ ދާއިރާ އިން ދުނިޔޭގެ ފެންވަރުގެ ބަޔަކަށް ވެވިދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

އައިސީޓީ ތަރައްގީ ކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުން ލިބޭނެ އަނެއް ފައިދާއަކީ ޒުވާނުންނަށް ވަޒީފާ ލިބި، އާމްދަނީ ލިބޭނެ މަގެއް ފަހިވެގެން ދިޔުމެވެ. އެ މީހުންގެ މަސައްކަތްތައް ބޭރު ދުނިޔެ އަށް ފުޅާވެ، އެއީ ބޭރު ފައިސާ ރާއްޖެ އަށް އެތެރެވުމުގެ މަގެއް ކަމުގައި ވެސް ސަރުކާރުން ދެކެ އެވެ.

އައިސީޓީގެ ދާއިރާ އިން ރައީސް ޔާމީން ދެކެވަޑައިގަންނަވާ ތަސައްވުރު ބޮޑެވެ. އަދި އެކަން ކާމިޔާބު ވެއްޖެ ނަމަ އޭގެ ބޭނުން، ސަރުކާރުގެ ހުރިހާ ދާއިރާއަކުން ވެސް ހިފޭނެ އެވެ.