Roadha Mihaaru
މި ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓު ނިމޭނެ: ރައީސް

މި ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓު ނިމޭނެ: ރައީސް ޔާމީން

15 އޯގަސްޓް 2018

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑިފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް 30 ރިސޯޓު ނިންމާފައިވާ ކަމަށެވެ. އަދި އިތުރު 21 ރިސޯޓު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި، ރާއްޖޭގައި އެންމެ ގިނަ ރިސޯޓު ހެދީ ވެސް މި ފަސް އަހަރުގެ ތެރޭގަ އެވެ. އަދި މިހާރު ހަދަމުން އަންނަ 21 ރިސޯޓުގެ 70 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ، ރިސޯޓު ހަދަން މީހުން ނާދޭތޯ؟ ރިސޯޓު ހަދަން މީހުން އާދޭ. ރިސޯޓު ހަދަން ރަށް ދޫކުރީމާ، ރިސޯޓު ހަދާނެ މީހުން ނުވޭތޯ؟ ރިސޯޓު ހަދަން މީހުން އާދޭ. ރިސޯޓު ހަދަން ސަރުކާރަށް ހުރަސް އަޅާ ނާމަ، ރިސޯޓު ހަދަން އަންނާނެތޯ؟" ޓޫރިޒަމް ފުޅާކުރުމަށާއި ރިސޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި އެންމެ އަގު ބޮޑު ރިސޯޓު ހަދަނީ ވެސް މި ފަސް އަހަރުގެ ތެރޭގައި ކަމަށެވެ. ރައީސް އެ އިޝާރާތް ކުރެއްވީ އެނބޫދޫފިނޮޅު ފަޅުގައި، ތައިލެންޑުގެ ސިންހަ ސްޓޭޓް ކުންފުނިން އެއް ބިލިއަނަށް ވުރެ ޑޮލަރު ޚަރަދު ކޮށްގެން ހަދަމުން އަންނަ ރިސޯޓަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓުތައް ހުޅުވަން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ކުރުމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ހަދާފައި އޮތް ރިސޯޓެއް، އެންމެ ބޮޑު އަގެއްގައި ގަނެފައި އޮތީ ވސް މި ސަރުކާރުގެ ތެރޭގަ އެވެ. އެއީ ބެލެވޭ ގޮތުގައި ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަނީ، ވިސްނުންތެރިކަމާ އެކު ނޫން ކަމަށެވެ.

އަދި ވިދާޅުވީ، އިއްޔެ ޓެސްޓު ފްލައިޓް ޖެއްސި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ނުހެދިގެން އުޅޭތާ 12 އަހަރު ވެފައިވާ ތަނެއް ކަމަށެވެ. އެކަމަކު، އެމަނިކުފާނުގެ ސަރުކާރުން އެ އެއާޕޯޓު ވުޖޫދަށް ގެނެސް އެކަން ހަގީގަތަކަށް ހަދައިދިނީ އެންމެ އަހަރެއްގެ ތެރޭގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަށެވެ. އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ އެއާޕޯޓަށް ޚަރަދު ކުރަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުންނެވެ.