Roadha Mihaaru
މާފަރު އެއާޕޯޓް އަންނަ އަހަރު ހުޅުވާނެ: ރައީސް

މާފަރު އެއާޕޯޓް އަންނަ އަހަރުގެ މެދުތެރޭ ހުޅުވާނެ: ރައީސް ޔާމީން

24 ޑިސެމްބަރ 2017

ނ. މާފަރުގެ އެއާޕޯޓް އަންނަ އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނ. މާފަރުގެ އެއާޕޯޓް އަންނަ އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ތިން އަތޮޅެއްގެ ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގައި ނ. މާޅެންދު އަށް ވަޑައިގެން އެ ރަށުގެ ބަނދަރާއި އާ މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ މާފަރުގައި ހަދާ އެއާޕޯޓް ނިމުމުން އިގްތިސާދީ ގޮތުން ނ. އަތޮޅަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެ އެއާޕޯޓާ އެކު އެ ސަރަހައްދަށް ޓޫރިޒަމް ފުޅާވެ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާފަރުގައި އެއާޕޯޓެއް ނުހެދިގެން އުޅޭތާ ގާތްގަނޑަކަށް 10-12 އަހަރު ވެދާނެ އެވެ. އެ ދިގު އިންތިޒާރަށް އަންނަ އަހަރުގެ މެދުތެރޭގައި ނިމުން އަންނާނީ، އެ ރަށު ބަނދަރުގެ މަސައްކަތާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން މާޅެންދު އަށް ވަޑައިގެން ކުޑަކުދިންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މާޅެންދު އަށް ވަޑައިގެން ކުޑަކުދިންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

"އަންނަ އަހަރުގެ މެދުތެރޭ މާފަރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދާރާ އެކީގައި ޓޫރިޒަމްގެ ފަސޭހަކަމާއި ތަނަވަސްކަން މުޅި ނ. އަތޮޅަށް މިހާރަށް ވުރެން ބޮޑަށް ހުޅުވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް ހަދަން ބިން ސާފުކޮށް ނިންމާފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ހަ މަސް ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

އެ އެއާޕޯޓުގެ މަސައްކަތް މިހާރު ހަވާލުކޮށްފައި ވަނީ، ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ހިއްސާވާ ސަން ސިޔާމް ރިސޯޓްސްއާ އެވެ. މާފަރުގެ އެއާޕޯޓް ހަދަން އެ ކުންފުނިން ހުށަހަޅާފައި ވަނީ 1،800 މީޓަރުގެ ރަންވޭއަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށެވެ.

މާޅެންދޫގައި ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ނިކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މާޅެންދޫގައި ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ނިކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މާޅެންދޫ ބަނދަރަކީ ވެސް ސަރުކާރުން ރައްޔިތުންނަށް ދޭ ހަދިޔާއެއް ކަން ފާހަގަކުރައްވައި، ނިއުމަތަށް އަބަދުވެސް ޝުކުރުވެރިވާން ރައީސް އެދިވަޑައިގެންނެވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިން ރަނގަޅު ގޮތުގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރު ދޭން ތިބީ ރައްޔިތުންނެވެ. ޑިމޮކްރަސީގައި ވެސް ރައްޔިތުންނަކީ އެންމެ ބާރުވެރި ފަރާތް ކަމަށާއި އިންތިހާބުތަކުގައި ވޯޓުލާން ދާއިރު ސިކުނޑި ހިފައިގެން ދާން ޖެހެނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންނަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ "މޮޅެތި ވާހަކަތައް ދައްކަވައި މޮޅު ބަސްތައް ވިދާޅުވަމުން ދާއިރު"، ރަށްރަށުގައި ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތާއި އުނދަގޫތައް ތަހައްމަލްކުރަން ޖެހޭ މިންވަރު އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީއާ އެކު ގައުމަށް ހަމަޖެހުން ގެންނަން ވެސް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ވަކި ބަޔަކަށް އިސްތިސްނާތަކެއް ދީފައި އެކަން ނުކުރެވޭނެ ކަމަށެވެ. ރާއްޖެ ހަލާކުކޮށް، މައުސޫމް މުޖުތަމައު ނުރައްކަލުގެ ތެރެއަށް ވައްޓަން ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަކީ މުލައްދަނޑީގެ ބާރުން ކަންކަން ކުރުމެއް ނޫނެވެ. އެއްވެސް ބަޔަކަށް އެ ޖާގަ ސަރުކާރުން ނުދޭނެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުން ވަނީ ގައުމަށް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމްވުން ކަމަށް ރައީސް ވިދާޅުވި އެވެ.