Roadha Mihaaru
ރ. އަތޮޅަށް ތިންވަނަ އެއާޕޯޓެއް ޔަގީންވެއްޖެ

ރ. އަތޮޅަށް ތިންވަނަ އެއާޕޯޓެއް ޔަގީންވެއްޖެ

21 ޑިސެމްބަރ 2021

ރ. އަތޮޅު އަލިފުށީގައި އެއާޕޯޓެއް ހަދަން ނިންމުމާއެކު، އުފެދުނު ހިތްހަމަނުޖެހުންތަކުގެ ހައްލަކަށް ސަރުކާރުގައި އެދިފައި އޮއްވައި، އެ އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކަށް ވެސް އެއާޕޯޓެއް ކަނޑައަޅައި، ތިން ވަނަ އެއާޕޯޓެއް ޔަގީންކޮށްދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރ. އަތޮޅު އަލިފުށީގައި އެއާޕޯޓެއް ހަދަން ނިންމުމާއެކު، އުފެދުނު ހިތްހަމަނުޖެހުންތަކުގެ ހައްލަކަށް ސަރުކާރުގައި އެދިފައި އޮއްވައި، އެ އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކަށް ވެސް އެއާޕޯޓެއް ކަނޑައަޅައި، ތިން ވަނަ އެއާޕޯޓެއް ޔަގީންކޮށްދީފި އެވެ.

ގާތްގަނޑަކަށް 25،000 މީހުންގެ އާބާދީއެއް އޮންނަ ރ. އަތޮޅުގައި މިހާރު އޮތީ އިފުރު އެއާޕޯޓު އެކަންޏެވެ. އެކަމަކު، އަލިފުށީ ފަޅުން 50 ހެކްޓަރުގެ ބިން ހިއްކައި، އެއާޕޯޓެއް ހަދަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. މި ޕްރޮޖެކްޓަށް 451 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ އެ ކުންފުނިން ހިންގާ އެންމެ ބިޔަ މަޝްރޫއު އެވެ.

އަލިފުށީގައި އެއާޕޯޓެއް ހަދަން ނިންމިކަން އިއުލާންކުރީ، ސަރުކާރުގެ ތަރައްގީގެ ޕްލޭންގައި ވެސް ނުހިމަނައި ކުއްލި ގޮތަކަށެވެ. މިކަމުގައި އަތޮޅުގެ އެހެން ރަށްތަކުގައި އުފެދުނު ހިތްހަމަނުޖެހުންތަކާއެކު، ކައުންސިލްތަކުން ނުރުހުން ފާޅުކުރި އެވެ. އަލިފުށީގައި އެއާޕޯޓެއް ހެދުމަކީ އަތޮޅުގެ ގިނަ ބަޔަކަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މި ޝަކުވާ އެ މަނިކުފާނާ އޮތީ ހިއްސާ ކޮށްފަ އެވެ. އަލިފުއްޓާ ދުރު ރަށްތަކުން ހުށަހެޅީ ދެކުނު ބިތުގައި އެއާޕޯޓެއް ހަދައިދިނުމަށެވެ.

އެއާޕޯޓްތައް ހެދުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ވަނީ ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އަޅަން ނިންމިކަން ކަށަވަރު ކޮށްދީފަ އެވެ. ހަ އެއާޕޯޓެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކުރިއިރު ވަކި ރަށެއްގެ ނަން ނުހިމަނައި 23.6 މިލިއަން ޑޮލަރު ވަނީ ރ. އަތޮޅުގެ ދެކުނު ބިތުގައި ހަދާ އެއާޕޯޓަށް ކަނޑައަޅައިފަ އެވެ.

ރ. އަތޮޅުގައި ދެކުނު ބިތުގައި އެއާޕޯޓް ހަދާނެ ރަށެއްގެ ނަން ސަރުކާރަށް މިހާތަނަށް ހުށަހަޅާފައި ވަނީ މަޑުއްވަރީގެ ކައުންސިލުންނެވެ. އެ ކައުންސިލުން ދެކޭ ގޮތުގައި އަތޮޅުގެ ގިނަ ބަޔަކަށް ފައިދާކުރާނީ ފުއްސަރުގައި އެއާޕޯޓް އެޅުމުންނެވެ.

އިފުރުގައި އެއާޕޯޓެއް ހަދާފައި އޮތަސް މަޑުއްވަރިއަކީ އަތޮޅުގެ އެންމެ ދެކުނު ބިތުގައި އޮންނަ ރަށަށް ވާތީ އިފުރާ ދުރު ކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

ރައީސް ވަޑައިގަތުމާ ދިމާކޮށް އަލިފުށީގައި މޮނިއުމެންޓެއް ހަދާފައި.

ރައީސް ވަޑައިގަތުމާ ދިމާކޮށް އަލިފުށީގައި މޮނިއުމެންޓެއް ހަދާފައި.

ފުއްސަރުގައި އެއާޕޯޓް ހެދުމަކީ ރައްޔިތުންނަށް ފައިދާ ބޮޑު ގޮތް ކަމަށް ބާރު ދޭން ކައުންސިލުން ދެއްކީ އެ ރަށާ ކައިރީގައި ރިސޯޓްތައް ތަރައްގީ ކޮށްފައި އޮތުމެވެ. އެެހެންވެ، ޓޫރިސްޓުން ގިނަ އަދަދަކަށް ދާ ސަރަހައްދަކަށް އެއާޕޯޓް ބަދަލުކުރަން ވިސްނިއަސް ފުއްސަރަކީ އެންމެ ރަނގަޅު މަންޒިލް ކަމަށް މަޑުއްވަރީ ކައުންސިލުން ދެކެ އެވެ.

ކައުންސިލަރުން ވިދާޅުވެފައިވާ ގޮތުގައި ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ހެދުމަކީ އެ ރަށްތަކުގެ ރައްޔިތުން ވެސް ދެކޭ އުއްމީދެކެވެ. އަދި މަޑުއްވަރިއާ ކައިރި ރަށްތަކަށް ދަތުރުފަތުރުކުރުމުގައި ފަސޭހަ ހޯދެން އޮތީ ފުއްސަރުގައި އެއާޕޯޓު އަޅައިގެން ކަމަށް ކައުންސިލުން ކުރިން ބުނެފައިވެ އެވެ.

ރ. އަތޮޅުގެ ބައެއް ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އާބާދީގައި 2،800 މީހުން ރަޖިސްޓަރީ ވެފައިވާ އަލިފުށީގެ އެއާޕޯޓަކީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ކޮށްދޭ ކަމެކެވެ. އެއީ، އެ ރަށުގައި އެއާޕޯޓު ހަދައިގެން އަތޮޅުގެ ގިނަ ރަށްތަކަށް އޭގެ ފައިދާއެއް ނުވާނެތީ ކަަމަށް ދެކެ އެވެ.

އަތޮޅުގެ ގިނަ ރަށްތަކާ ދުރުގައި, އެއާޕޯޓެއް ހެދުމަކީ ބޭކާރު ހޭދައެއް ކަމަށާއި އިގްތިސާދީ ގޮތުން ގެއްލުން ވާނެ ކަމަށް ބުނާ ވަހަކަ ގަބޫލުކުރާކަށް އަލިފުށިން ބޭނުމެއް ނުވެ އެވެ.

ރައީސް މިދިޔަ ސެޕްޓެމްބަރު މަހު އެ ރަށަށް ވަޑައިގަތް އިރު އެއާޕޯޓުގެ ޓަވަރު ސިފަކޮށްދޭ މޮނިއުމަންޓެއް ވެސް ބެހެއްޓި އެވެ.