Roadha Mihaaru
ރައީސް ޔާމީން ނ. އާއި ރ. އަތޮޅަށް

ރައީސް ޔާމީން ނ. އާއި ރ. އަތޮޅަށް

27 އޯގަސްޓް 2018

ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން، ނ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން، ނ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ރައީސް ޔާމީން އެ ދެ އަތޮޅަށް ވަޑައިގަންނަވާއިރު، އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ މިދިޔަ ހަފުތާގައި، ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އަދި އޭގެ ކުރިން، އޭނާ ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ، ރ. އަލިފުއްޓަށް މިއަދު ވަޑައިގެން، އެ ރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ. އަދި ރ. ހުޅުދުއްފާރުގައި ގާއިމު ކުރި ފެނުގެ ޚިދުމަތް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ފަހުން، އެމަނިކުފާނު ރ. އިންނަމާދު އާއި ރ. އިނގުރައިދު އަށް ވަޑައިގެން އެ ދެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވާނެ އެވެ. އަދި ރ. މީދޫގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަ ކުރެއްވުމަށާއި ނ. މާފަރުގެ އެއާޕޯޓު ހުޅުއްވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، ނ. ވެލިދު އަށް ވަޑައިގެން، އެ ރަށުގައި ގާއިމު ކުރި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށް ދެއްވުމަށާއި އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށް ދެއްވާނެ އެވެ.

ތިން ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރ. އުނގޫފާރަށާއި، ރ. ދުވާފަރަށާއި، ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދު އަށް ވެސް ރައީސް ޔާމީން ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނ. އާއި ރ. އަށް ރައީސް ޔާމީން މިއަދު ރަސްމީ ދަތުރުފުޅެއް ފެއްޓެވިއިރު، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޕީޕީއެމްގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން މި ހަފުތާގައި އެމަނިކުފާނު ވަނީ ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފަ އެވެ. ކެމްޕެއިނަށް އެންމެ ފުރަތަމަ ރައީސް ޔާމީން ވަޑައިގަތީ ފ. އަތޮޅުގެ ބައެެއް ރަށްތަކަށާއި ތ. ގުރައިދު އަށެވެ.