Roadha Mihaaru
މީދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފަށައިފި

މީދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

24 އޮކްޓޯބަރ 2017

ރ. މީދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރ. މީދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މީދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުގެ ބަޖެޓުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މިދިޔަ އަހަރު ކުރީކޮޅު ފެށި މަޝްރޫއު ނިންމާލީ މިދިޔަ މަހު އެވެ.

މި މަޝްރޫއުގެ ދަށުން 40 ޓަނުގެ ދެ ޑީސެލިނޭޝަން ބަހައްޓާފައިވާއިރު، މި ޕްލާންޓް މެދުވެރިކޮށް 80 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ޕްލާންޓުތަކުން އުފައްދާ ފެން ރައްކާ ކުރުމަށް 500 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓައި، 11 ކިލޯމީޓަރުގެ ދިގުމިނުގެ ފެންވިއުގައެއް ގާއިމު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މީދޫގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުގެ ބަޖެޓުން 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީއާ 2014 ގައި ހަވާލުކުރި މަޝްރޫއު މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ ނިންމައިފަ އެވެ.

ރައީސް ޔާމީން މީދޫ މިސްކިތް ހުޅުއްވައި ދެއްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މީދޫ މިސްކިތް ހުޅުއްވައި ދެއްވަނީ. - ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ދެ ޕަމްޕް ސްޓޭޝަން ބަހައްޓައި 8.9 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ވަނީ ގާއިމުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން މީދޫގެ 369 ގެއަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.

މީގެއިތުރުން ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގެ ދަށުން މީދޫގައި އިމާރާތް ކުރި މަސްޖިދުލް ޢަވްވާބީން ވެސް މިއަދު ވަނީ ރަސްމީކޮށް ހުޅުއްވައި ދެއްވައިފަ އެވެ. އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުވި މިސްކިތުގައި އެއްފަހަރާ 700 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ރައީސް ޔާމީން މިއަދު ވަނީ ރ. މަޑުއްވަރީ ނަރުދަމާގެ ހިދުމަތް ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރެއްވުމަށް އެ ރަށަށް ވަޑައިގެން، ރަށު މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރ. ފައިނުގެ ބަނދަރު ހުޅުވުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށަށް ވަޑައިގެން، އެ ރަށުގެ މީހުންނާ ރައީސް ބައްދަލު ކުރެއްވި އެވެ.

ރައީސް ޔާމީން މިރޭ މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.