Roadha Mihaaru
ދެކުނު ބިތުގެ އެއާޕޯޓް އަޅަން އެދުނީ ބެރިޔަންފަރުގައި

ގިނަ ރަށްތަކުން ބޭނުންވަނީ ބެރިޔަންފަރުގައި އެއާޕޯޓް އަޅަން

22 ޑިސެމްބަރ 2021

ރ. އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓް، ބެރިޔަންފަރުގައި އަޅައި އިންޓަނޭޝަލް ކޮށްދޭން ގިނަ ކައުންސިލްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރ. އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓް، ބެރިޔަންފަރުގައި އަޅައި އިންޓަނޭޝަލް ކޮށްދޭން ގިނަ ކައުންސިލްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

އާބާދީގައި 25،000 މީހުން ހިމެނޭ އަތޮޅުގެ މީދު އާއި ރަސްމާދު އާއި އިންނަމާދޫގެ އިތުރުން ކިނޮޅަހު ކައުންސިލަކުން މިގޮތަށް މި ހުށަހެޅީ އެ އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓު ފުއްސަރުގައި އަޅައިދޭން މަޑުއްވަރީ ކައުންސިލުން އެދިފައި ވަނިކޮށެވެ.

އެއާޕޯޓުތަކުގެ ނަސީބު ފަހިވެފައިވާ ރ. އަތޮޅުގައި ތިން ވަނަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު އެއާޕޯޓް އަޅަން ނިންމި ވަކި ރަށެއް އިއުލާނަކު ނެތެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވާ 23.6 މިލިއަން ޑޮލަރެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދު ސަރުކާރުން ވީ އެ އަތޮޅުގެ އިފުރު އެއާޕޯޓުގެ ފަސޭހަކަމެއް ގިނަ ރަށްތަކަށް ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް، އަލިފުށީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކުރުމުން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ރ. އަތޮޅުގެ ރަށްތައް: ހަތަރު ވަނަ އަށް އާބާދީ ބޮޑު އަތޮޅުގައި ތިން އެއާޕޯޓު އޮންނާނެ.

ރ. އަތޮޅުގެ ރަށްތައް: ހަތަރު ވަނަ އަށް އާބާދީ ބޮޑު އަތޮޅުގައި ތިން އެއާޕޯޓު އޮންނާނެ.

އަލިފުށީގައި އެއާޕޯޓް އަޅައިގެން އިގްތިސާދީ ގޮތުންނާއި ދަތުރުފަތުރުގެ ލުޔެއް ރ. އަތޮޅުގެ ގިނަ ރަށްތަކަށް ނުލިބޭނެ ކަމަށް އެ އަތޮޅުގެ ބައެއް ކައުންސިލްތަކުން ބުނެ އެވެ.

"ދަތުރުފަތުރުގެ ފަސޭހަ އާއި ފައިދާ އޮތީ ބެރިޔަންފަރުގައި"

ކިނޮޅަހު ކައުންސިލުން ބުނެފައިވާ ގޮތުގައި އެއާޕޯޓް އަޅާނީ ބެރިޔަންފަރުގައިތޯ ނުވަތަ ފުސްފަރުގައިތޯ ބަލަން އޮންލައިން ޕޯލެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ޕޯލުގައި ގިނަ ބަޔަކު ތާއީދުކުރީ ބެރިޔަންފަރަށް ކަމަށް ކައުންސިލުން ބުންޏެވެ.

"މި އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައި ތަރައްގީ ކުރެއްވިއްޖެ ނަމަ އެކަމުގެ ލާބަ އާއި މަންފާ މުޅި ގައުމަށް ފޯރާނެ ކަމެއްގެ ގޮތުގައި އެކި ފަރާތްތަކުން ފާހަގަކުރި އެވެ،" ކިނޮޅަހު ކައުންސިލުން ބުންޏެވެ.

މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ ރާއްޖޭގެ ހަތަރު ވަނަ އަށް އާބާދީ ބޮޑު ރ. އަތޮޅުގެ ދެކުނު ބިތުގައި ގިނަ ރިސޯޓްތަކެއް ހިންގާއިރު، އިތުރު ރަށްތައް ވެސް އަންނަނީ ތަރައްގީ ކުރަމުން ކަމަށެވެ. އެހެންކަމުން އަތޮޅުގެ ގިނަ ރަށްތަކާއި ބ. އަތޮޅުގެ ރަށްތަކަށް ވެސް ކައިރި ވާނީ ބެރިޔަންފަރުގައި އެއާޕޯޓް ތަރައްގީ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓް އެޅުމަށް ވަކި ހާއްސަ ތަނެއް ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމާ އެކު ރ. އަތޮޅުގެ ދެކުނު ބިތަށް ނިސްބަތްވާ ގިނަ ކައުންސިލްތަކުގެ ރައީސުން ބައްދަލުކުރައްވައި އެކަމާ ގުޅިގެން މަޝްވަރާކުރެވި ނިމިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ބައްދަލުވުމުން ހުށަހެޅުނު ބެރިޔަންފަރުގައި ކަމުގައި ދެންނެވީމެވެ،" މީދޫ ކައުންސިލްގެ ސިޓީގައިވެ އެވެ.

އިންނަމާދޫ ކައުންސިލުން ބުނިގޮތުގައި އެ ރަށުގެ މީހުން ބޭނުންވަނީ ބެރިޔަންފަރުގައި ދަތުރުތައް ފަށާއިރު ވެސް ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައި އޮތުމަށެވެ.

ކިނޮޅަހު ކައުންސިލުން ބުނީ ބެރިޔަންފަރުގައި އެއާޕޯޓެއް އެޅުމަކީ އެ ސަރަހައްދަށް މިވަގުތަށް ބޭނުންވެފައި އޮތް އެންމެ މުހިއްމު ޕްރޮޖެކްޓެވެ. ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ފަސޭހަ ނިޒާމެއް ގާއިމްވެގެންދާނީ ބެރިޔަންފަރުގައި އެއާޕޯޓް ތަރައްގީވެގެން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓަކަށް ގިނަ ކައުންސިލްތަކަކުން އެއްބަސް ކިޔައި ޑިމާންޑްކުރީ އަލިފުށީ އެއާޕޯޓާ ހެދި އެވެ. ރ. އަތޮޅުގެ ބައެއް ކައުންސިލުން ބުނެފައިވާ ގޮތުގައި އާބާދީގައި 2،800 މީހުން ރަޖިސްޓަރީ ވެފައިވާ އަލިފުށީގެ އެއާޕޯޓަކީ ހަމައެކަނި އެ ރަށުގެ މީހުންނަށް ކޮށްދޭ ކަމެކެވެ. އެއީ، އެ ރަށުގައި އެއާޕޯޓު ހަދައިގެން އަތޮޅުގެ ގިނަ ރަށްތަކަށް އޭގެ ފައިދާއެއް ނުވާނެތީ އެވެ. އަތޮޅުގެ ގިނަ ރަށްތަކާ ދުރުގައި, އެއާޕޯޓެއް ހެދުމަކީ ބޭކާރު ހޭދައެއް ކަމަށާއި އިގްތިސާދީ ގޮތުން ގެއްލުން ވާނެ ކަމަށް ބުނާ ވަހަކަ ގަބޫލުކުރާކަށް އަލިފުށިން ބޭނުމެއް ނުވެ އެވެ.

ރައީސް މިދިޔަ ސެޕްޓެމްބަރު މަހު އެ ރަށަށް ވަޑައިގެންނެވި އިރު އެއާޕޯޓުގެ ޓަވަރު ސިފަކޮށްދޭ މޮނިއުމަންޓެއް ވެސް ބެހެއްޓި އެވެ. މި ޕްރޮޖެކްޓް ހުއްޓާލެވެން ނެތުމުން ދެކުނު ބިތުގެ އެއާޕޯޓަކާ އެކު ރ. އަތޮޅުގައި ތިން އެއާޕޯޓް ހިންގަން ސަރުކާރުން އޮތީ ވައުދުވެފަ އެވެ.