Roadha Mihaaru
އެލް ބޯޑު ޖެހި މީހުންނަށް ތަރައްގީ ނުގެނެވޭނެ: ރައީސް

އަޅުގަނޑުގެ ޓީމު ނަތީޖާ ނެރޭ، އެލް ބޯޑު ޖެހި މީހުންނަކަށް ތަރައްގީއެއް ނުގެނެވޭނެ: ރައީސް

24 އޮކްޓޯބަރ 2017

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ފުއްދައިދިނުމުގައި އެ މަނިކުފާނުގެ ޓީމުން ނަތީޖާ ނެރެދޭ ކަމަށާއި ތަރައްގީ ގެނެސްދިނުމުގެ ވައްޓާފަޅިއެއް ވެސް، އެލްބޯޑު ޖެހި އިދިކޮޅު ސިޔާސީ ފަރާތްތަކުގައި ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ފުއްދައިދިނުމުގައި އެ މަނިކުފާނުގެ ޓީމުން ނަތީޖާ ނެރެދޭ ކަމަށާއި ތަރައްގީ ގެނެސްދިނުމުގެ ވައްޓާފަޅިއެއް ވެސް، އެލްބޯޑު ޖެހި އިދިކޮޅު ސިޔާސީ ފަރާތްތަކުގައި ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މަޑުއްވަރީ ނަރުދަމާގެ ހިދުމަތް ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވަން އެ ރަށަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ތަރައްގީއާ ހަމައަށް ވާސިލްވި އެހެން ސަރުކާރެއް ނުވަތަ ސިޔާސީ ލީޑަރެއް ވެސް ނެތް ކަމަށެވެ. ތަރައްގީގެ ވާހަކަ ދައްކަން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދަތިވަނީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމުގެ ވިސްނުމެއް އަދި އެ ކަންކަން ކުރުމުގެ ވައްޓަފާޅިއެއް ވެސް އިދިކޮޅު ފަރާތްތަކުގައި ނެތެވެ. އެ މަނިކުފާނުގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުންނަށް ކަންކަން ހާސިލްކޮށްދެވޭނީ ވިސްނުންތަކަކާއި އަމާޒުތަކެއް ކަނޑައަޅައިގެން ކަމަށެވެ.

އައިޖިއެމްއެޗުގެ އާ އިމާރާތުން މިސާލު ޖައްސަވަމުން ވިދާޅުވީ 25 ބުރީގެ އިމާރާތް އެއީ ލުނބޯ އޮށަކުން ވީ ކަމެއް ނޫން ކަމަށެވެ. އެއީ ވިސްނުންތަކަކާއި މަސައްކަތްތަކާ އެކު މި ސަރުކާރުން ކުރި ކަމެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަން ސިޔާސީ ފަރާތްތަކަށް އުނދަގޫވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަންކަން ކުރާ މީހުންނަކީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ކޮށްދޭ މީހުން. އަމަލުން ސާބިތުކޮށްދޭ މީހުން. ޓާގެޓްތަކެއް ސެޓްކޮށްގެން ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދޭ މީހުން،" ރައީސް ވިދާޅުވި އެވެ.

މަޑުއްވަރީގެ ރައްޔިތުންތަކަކާ ރައީސް ސަލާމްކުރައްވަނީ. --ފޮޓޯ/ ސޯޝަލްމީޑިއާ

މަޑުއްވަރީގެ ރައްޔިތުންތަކަކާ ރައީސް ސަލާމްކުރައްވަނީ. --ފޮޓޯ/ ސޯޝަލްމީޑިއާ

"[ސިޔާސީ ބޭފުޅުން] އެ ފައްޓަވަނީ ހަށަނަރަބަޅައިން އެކަންކަން [ތަރައްގީ] ދަސްކުރައްވަން. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ލައްކަހިސާބެއް އެބައޮތްތާއޭ ސިޔާސީ ރާސްތާއަކަށް ވަޑައިގެން ރައްޔިތުންނާ ހަމައަށް އެކަންކަން ފޯރުކޮށްދޭން. އަދި މިއުޅެނީ އިންވެންޓްރީއެއް ނަގައި އެކަންކަން ދަސްކުރަން. އެހެންވީމާ އަޖުމަ ބެލުމުގެ ގޮތުން އެލް ބޯޑު ޖަހައިގެން އުޅޭ މީހުންނަށް އެ ފުރުސަތު ދޭނެތޯ އެއީ އަޅުގަނޑުމެން ރައްޔިތުން ކުރާ ސުވާލެއް."

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން އަބަދުވެސް އިސްކަން ދެނީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންކަމަށް ފުއްދައިދިނުމަށެވެ. މި ފަސް އަހަރު ނިމޭއިރު އާބާދީގެ ކޮންމެ 100 މީހުންގެ ތެރެއިން 75 މީހަކަށް ފެނާއި ނަރުދަމާގެ ފަސޭހަކަން ފޯރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޑުއްވަރީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މަޑުއްވަރީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ވެރިކަމާ މި ސަރުކާރު ހަވާލުވީ އެތައް ބިލިއަން ރުފިޔާއެއްގެ ދަރަންޏާ އެކުގައި ކަމަށާއި މަޝްރޫއުތައް ހިންގަން ޚަޒާނާގައި ފައިސާ ރައްކާކޮށްފައި ނެތް ކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތްކުރަން، ސިޔާސީ އިދިކޮޅު ލީޑަރުންނަށް ލިބުނު ފުރުސަތުތަކުގައި ތަރައްގީގެ މަޝްރޫއުތަކެއް ރައްޔިތުންނަށް ގެނެސްދޭން ވިސްނުން ގެންގުޅެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު މި ސަރުކާރުން މަޑުއްވަރީ އާއި އެހެން ރަށްތަކަށް ގެނެސްދެމުން އަންނަ ތަރައްގީ، ސިޔާސީ ލީޑަރުން އެ ރަށަށްތަކަށް ވަޑައިގެން ބައްލަވާލެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.