Roadha Mihaaru

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްވީ ރައީސްގެ ހިކުމަތްތެރިކަމުގެ ސަބަބުން: ސައީދު

މި މަހު 26ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާރީހުތަކެއް ކަނޑައަޅުއްވައި ނަތީޖާ ނެރުއްވަން ހިކުމަތްތެރިކަމާ އެކު ކުރެއްވި މަސައްކަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާ ޓާމިނަލް އަވަސްވީ ރައީސްގެ ހިކުމަތްތެރިކަމުން:ސައީދު
އިފްރާޒް އަލީ
އިފްރާޒް އަލީ

08 ޖުލައި 2025

މި މަހު 26ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާރީހުތަކެއް ކަނޑައަޅުއްވައި ނަތީޖާ ނެރުއްވަން ހިކުމަތްތެރިކަމާ އެކު ކުރެއްވި މަސައްކަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގާ ތަރައްގީގެ މަޝްރޫއުތައް ކަނޑައެޅިފައިވާ ޓައިމްލައިނަށް ނިންމުމުގައި ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

"ވަރަށް ގާތްކޮށް، ހަމަ ކެނޑިނޭޅި ލަފާދެއްވަމުން، އިރުޝާދު ދެއްވަމުން ގެންދެވި އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު ކުރިއަށް ގެންދިއުމަށް ރައީސް ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ރެ އާއި ދުވާލު އެމަނިކުފާނު ކުރައްވާ ކަމަށާއި އޭގެ ނަތީޖާ ވެސް މިހާރު ފެންނަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

[އާ ޓާމިނަލް] ހުޅުވުމުގައި ވެސް، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ޓައިމްލައިންތަކުގައި އެންމެ ބޮޑު އިސްކަމެއް، އިތުރަށް ނެގޯޝިއޭޓް ނުކުރެވޭ ވަރަށް، މާނައަކީ ހަމަ ކަނޑައެޅިގެން ތާރީހުތަކެއް ދެއްވައިފައި، އެއާޕޯޓަށް ވެސް އެ އިންސްޓްރަކްޝަން ދެއްވި ނިންމަން. އެހެންވީމަ، އެ ނަތީޖާ އެގޮތަށް ފެނިގެން އެ ދަނީ. -- ސައީދު
ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު އިފްތިތާހުކުރުމަށް ކުރިން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު އިފްތިތާހުކުރުމަށް ކުރިން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސައީދު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ ފަސޭހަ ހިސާބެއްގައެއް ނޫނެވެ. ވަރަށް ގިނަ ގޮންޖެހުންތަކާއެކު އިގުތިސާދު އޮތީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާލަތުގައި ވެސް ރައީސް މުއިއްޒު އިސްކުރެއްވީ ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމަށާއި ވަރަށް ފުންކޮށް، ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ އިސްވެރިންނާއެކު ކެތްތެރިކަމާ އެކު ރައީސް މަސައްކަތް ކުރެއްވި ކަމަށެވެ.

"ކޮންމެ މޫސުމެއް، ކޮންމެ ގޮތަކަށް ބައްދަލުކުރިޔަސް، ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ރާއްޖޭގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށް އަދި ކޮންފިޑެންސް ބިލްޑްކުރުމުގެ މަސައްކަތްތަކެއް ވަރަށް ހިކުމަތްތެރިކަމާއެކު ކުރައްވަމުން އެ ގެންދަވަނީ،" ސައީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެބަ ހުޅުވޭ. އެ ހުޅުވުމުގައި ވެސް، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ޓައިމްލައިންތަކުގައި އެންމެ ބޮޑު އިސްކަމެއް، އިތުރަށް ނެގޯޝިއޭޓް ނުކުރެވޭ ވަރަށް، މާނައަކީ ހަމަ ކަނޑައެޅިގެން ތާރީހުތަކެއް ދެއްވައިފައި، އެއާޕޯޓަށް ވެސް އެ އިންސްޓްރަކްޝަން ދެއްވި ނިންމަން. އެހެންވީމަ، އެ ނަތީޖާ އެގޮތަށް ފެނިގެން އެ ދަނީ."

އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ އެވެ. ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނުން ހިދުމަތް ދޭ އިރު އާ ޓާމިނަލްއާ އެކު، އިތުުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެއާޕޯޓު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ވަނީ އެ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، އެންމެ ބޮޑެތި މަތިންދާބޯޓުފަހަރަށް ޖެއްސޭނެ ގޮތް ހަދައިފަ އެވެ. ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ވަނީ ބޮޑުކޮށްފަ އެވެ. އެއީ. ބޮއިން 777 އަދި އެއާބަސް އޭ-380 މަރުކާގެ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށެވެ.

އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އޭ330-200 ވެސް މިއަދު ވަނީ މާފަރު އެއާޕޯޓަށް ޖައްސައިފަ އެވެ.

އެ އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ވަޒަން ކުރުމަށް މިދިޔަ މެއި މަހު ވަނީ ޔޫއޭއީގެ އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ވެސް ޖައްސައިފަ އެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އެހީއާ އެކު ހެދި މާފަރު އެއާޕޯޓު މިދިޔަ އަހަރު މޭ މަހު، އަޕްގްރޭޑް ކުރަން އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް އެ މަސައްކަތް ނިމުމާ އެކު މިދިޔަ އަހަރު އޮކްޓޫބަރުގައި ވަނީ އަލުން އިންޓަނޭޝަނަލް ދަތުރުތައް ފަށައިފަ އެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ ޑިސެމްބަރު 1، 2019 ގަ އެވެ.