Roadha Mihaaru

މާފަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވައިފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމައި، އިންޓަނޭޝަނަލް ފެންވަރުގައި މިއަދު އެ އެއާޕޯޓް ހުޅުވައިފި އެވެ.

މާފަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

08 ޖުލައި 2025

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމައި، އިންޓަނޭޝަނަލް ފެންވަރުގައި މިއަދު އެ އެއާޕޯޓް ހުޅުވައިފި އެވެ.

އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މާފަރު އެއާޕޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި އިތުރު ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފަރާތުން ރާއްޖެއަށް ކަނއަޅާފައި ހުންނަވާ ސަފީރު ޝައިހް ރަހްމާ އަބްދުއްރަހްމާން އަލް ޝަމްސީ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ހުޅުވުމުގެ ގޮތުން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު އޭ330-200 އިން ވަނީ މިއަދު އެ އެއާޕޯޓަށް ހާއްސަ ދަތުރެއް ކޮށްފަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް މޯލްޑިވިއަންގެ އޭ330-200 އިން އެ އެއާޕޯޓަށް ހާއްސަ ދަތުރެއް ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް މޯލްޑިވިއަންގެ އޭ330-200 އިން އެ އެއާޕޯޓަށް ހާއްސަ ދަތުރެއް ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން، އޭޑީއެފްޑީ މެދުވެރިކޮށް، ޔޫއޭއީ އިން ދިން އެހީގައި ހިންގި މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ޖެނުއަރީ 23، 2018 ގައި ރާއްޖެ އާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 49 މިލިއަން ޑޮލަރު (754 މިލިއަން ރުފިޔާ) އެވެ.

ފުރަތަމަ ފިޔަވަހީގައި ކުރި މަސައްކަތްތައް

• ރަންވޭއަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް

• 2،200 މީޓަރު ދިގު ރަންވޭއެއް ހެދުން (ޓެކްސީވޭ، އެޕްރަން އަދި ފަޔާޕެޑް/ ރޯޑްއާއެކު)

• ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޕެސެންޖާ ޓާމިނަލް އިމާރާތެއް އެޅުން

• ފަޔާ އެންޑް ރެސްކިއު ސްޓޭޝަން އަދި ކޮންޓްރޯލް ޓަވަރު އެޅުން

• މެއިންޓެނަންސް ހޭންގާ ހެދުން

• ޕެސެންޖާ ޖެޓީ އާއި ވީވީއައިޕީ ޕެސެންޖާ ޖެޓީ ހެދުން

• ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން

• މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން

• ސެކިއުރިޓީ ފެންސް ހެދުން

• ގްރައުންޑް ހެންޑްލިން އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އޭޑީއެފްޑީ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުން ހެދީ ޑިސެމްބަރު 7، 2022 ގަ އެވެ. އަދި އެ މަސައްކަތްކުރީ ޑިސެމްބަރު 8، 2022 ގައި އެމްޓީސީސީއާއެކު ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިންނެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 27 މިލިއަން ޑޮލަރު (415 މިލިއަން ރުފިޔާ) އަށެވެ.

އެމްޓީސީސީން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.

ދެވަނަ ފިޔަވަހީގައި ކުރި މަސައްކަތްތައް

• ކޯޑް އީ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ގޮތަށް ރަންވޭ 2.8 ކިލޯމީޓަރަށް ބޮޑުކުރުން

• ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

• ރަންވޭ އެއާފީލްޑާއި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކުރުން

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެ އެއާޕޯޓުގައި ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް މިދިޔަ މެއި މަހު ވަނީ އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ވެސް ޖައްސައިފަ އެވެ.

މާފަރު އެއާޕޯޓު އަޕްގްރޭޑް ކުރަން، ބޭރުން އަންނަ ޖެޓްތަކުގެ ދަތުރުތައް މިދިޔަ އަހަރުގެ މެއި މަހު މެދުކަނޑާލުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޖެޓްތަކުގެ ދަތުރުތައް އަލުން ފަށައިފަ އެވެ. އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ ޑިސެމްބަރު، 2019 ގަ އެވެ.