Roadha Mihaaru
މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ

މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށަނީ

16 އޮކްޓޯބަރ 2022

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން އިއްޔެ ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން އިއްޔެ ދީފި އެވެ.

އޭޑީއެފްޑީން އެ ޔަގީންކަން ދިނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އެ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގަ އެވެ.

މީގެ ތިން އަހަރު ކުރިން 2019 ގައި ފުރަތަމަ އިއުލާނުކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފާށާނެ ސީދާ ތާރީހެއް އަދި ނުދެ އެވެ.

ޝާހިދުގެ ޓުވީޓްގައި ވިދާޅުވި ގޮތުގައި، ދުބާއީގައި ބޭއްވި އެ ބައްދަލުވުމުގައި އޭޑީއެފްޑީ އިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެ މަޝްވަރާގައި ސާއިފް އަލް ސުވައިދީ ވިދާޅުވީ މާފަރު އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރިން،" ޝާހިދު ވިދާޅުވި އެވެ.

އެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގައި ކުރާ މަސައްކަތުގެ ދަށުން ރަންވޭ ބޮޑުކޮށް، އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވެ އެވެ. އެ މަސައްކަތް ނިމުމުން އޭޑީއެފްޑީންގެ އަމާޒަކީ އެ އެއާޕޯޓަށް އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ދަތުރުތައް ފެށުމެވެ.

އޭޑީއެފްޑީން ރާއްޖޭގެ ތަރައްގީ އަށް މިހާތަނަށް ވެފައިވާ އެހީތަކަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ. އޭޑީއެފްޑީ އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި އެ އެއާޕޯޓަށް މާލެ އިން ދިއުމަށް 40 މިނިޓް ނަގަ އެވެ. ގާތްގަނޑަކަށް 3،500 މީޓަރުގެ ދިގު މިނުގެ އެ އެއާޕޯޓަށް އޭ320 އާއި ބޮއިން737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސެ އެވެ.