Roadha Mihaaru
ޝާހިދަށް ހުއްދަ ދިނީ ދައުލަތުގެ ޒިންމާއެއް އަދާކުރަން

ޝާހިދަށް ހާއްސަ ހުއްދައެއް ދިނީ ދައުލަތުގެ ފަރާތުން ޒިންމާއެއް އަދާކުރަން: ޑރ. ނަޒްލާ

22 ސެޕްޓެމްބަރ 2020

ކަރަންޓީނުގައި ހުންނަވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ ދިނީ ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރައްވަންޖެހޭ ޒިންމާއެއް ފުރިހަމަ ކުރައްވަން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަރަންޓީނުގައި ހުންނަވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ ދިނީ ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރައްވަންޖެހޭ ޒިންމާއެއް ފުރިހަމަ ކުރައްވަން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖެ އިން ބޭރުން އަނބުރާ ވަޑައިގެން 14 ދުވަހުގެ ކަރަންޓީނުގައި ހުންނަވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިދިޔަ އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެކަމަކު، މިނިސްޓްރީ އަށް ވަޑައިގެން އެހެން ބޭފުޅުންނާ އެކު، އެ ހަފުލާގައި ޝާހިދު ބައިވެރިވެވަޑައިގަތީ އެޗުޕީއޭގެ ޚާއްސަ ހުއްދައަކާ އެކު ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗުޕީއޭ އިން އެކުލަވާލައި އާއްމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ. ހޯމް ކަރަންޓީނުން ދޫކޮށްލާނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. އެޗްއީއޯސީން ބޭއްވި މީޑިއާ ބްރީފިންގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަރަންޓީނުގައި ހުންނައިރު އާއްމު ފަރާތްތަކަށް ވެސް ވަކި ހާއްސަ ހާލަތެއްގައި ވަކި އުސޫލުތަކެއްގެ މަތިން ވަކި ކަމަކަށް ދާން ނޫނީ ވަކި ކަމަކަށް ނުކުންނަން ޖެހޭތީ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ޝާހިދު ވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ ދިނީ އެ އުސޫލުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މިގޮތުން ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަށް ދެވުނު ވަކި ހާއްސަ ހުއްދައެއް އެއީ [މިނިސްޓަރު ޝާހިދަށް] ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ އެއްކޮށް ކުރިއަށް ގެންދިއުމަށް،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް ހުއްދަ ދޫކުރިޔަސް ރައްކާތެރިކަމާއެކު ހުންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންކަން ހަނދާންކުރަން ޖެހޭނެ އެވެ. އެހެންކަމުން އެގޮތަށް ހާއްސަ ހުއްދަ ދޭ މީހުން ވެސް، ގައިދުރުކުރުކަން ބެހެއްޓުމާއި އަތް ދޮވުން ކަހަލަ ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު ބޭރަށް ނުކުމެވަޑައިގަތުމަށް ޚާއްސަ ހުއްދައެއް ދިނުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކަރަންޓީނުގައި ހުންނަންޖެހޭ ހުރުމަށް ސަރުކާރުގެ އިސްވެރިން އަމަލުކުރަމުން ނުގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.