Roadha Mihaaru
ރަޝިއާގެ ވެކްސިން ރާއްޖެ އަށް ފޮނުވުން އަވަސް ކޮށްދެނީ

ރަޝިއާގެ ވެކްސިން ރާއްޖެ އަށް ފޯރުކޮށްދިނުން އަވަސް ކުރާނެ ކަމުގެ ޔަގީންކަން ދީފި

28 މެއި 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ރާއްޖެ އަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ރޭ ދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ރާއްޖެ އަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ރޭ ދެއްވައިފި އެވެ.

ރަޝިއާގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން (އެމްއެފްޑީއޭ) އިން ދިނީ މި މަހުގެ 12 ވަނަ ދުވަަހު އެވެ. އެ ވެކްސިން އަދި ރާއްޖޭގައި ނެތަސް އެ ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

"ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ރާއްޖެ އަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަޝިއާގެ ހާރިޖީ ވަޒީރު ލަވްރޯފް ސަރްގޭ ދެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާ ދެ ބޭފުޅުން ފޯނުން ގުޅުއްވައި، ކޮވިޑްގެ ހާލަތާ ގުޅިގެން ކުރެއްވި މަޝްވަރާތަކުގަ އެވެ.

އެ މަޝްވަރާގައި ޝާހިދު ވަނީ ރާއްޖެ އަށް ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި މި ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އަށް ކޮވިޑްް ވެކްސިންގެ ދަތިކަން ކުރިމަތިވެފައިވާއިރު، މިވަގުތު ރާއްޖޭގައި ހުރީ ޗައިނާގެ ސިނަފޯމް ވެކްސިނާއި ފައިޒާ ވެކްސިންނެވެ. ފައިޒާ ވެކްސިން ދެނީ ހާލަތުތަކެއް ދިމާވެފައިވާ މީހުންނާއި މާބަނޑު މީހުންނަށް އެކަންޏެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި، ކޮވިޝީލްޑް ވެކްސިން ހުސްވެ، ގިނަ ބަޔަކު އޭގެ ދެވަނަ ޑޯޒް ނުޖެހި ތިބިއިރު ސަރުކާރުން އަންނަނީ ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަންނަ މަހުގެ ކުރީކޮޅު އެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ވިދާޅުވި ނަމަވެސް މިހާރު ބެލެވޭ ގޮތުން އެކަން ވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ، 16 ހަފުތާ ކުރިން ޖަހައިފި ނަމަ، މައްސަލައެއް ނެތެވެ. ކުރިން ރާއްޖޭގައި އޭގެ ދެވަނަ ޑޯޒް ދެމުން އައީ 8-12 ހަފުތާ ދޭތެރޭގަ އެވެ.

ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިން އަށް ރާއްޖެ އިން ހުއްދަ ދިނީ "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ނުވަތަ އިމަޖެންސީގެ ހާލަތުގަ އެވެ. މި ވެކްސިން ހުއްދަ ކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

މި ވެކްސިން ބަލަހައްޓަން ޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ކަމަށް ވާތީ، އެމްއެފްޑީއޭ އިން މި ވެކްސިނަށް ހުއްދީފައި ވަނީ ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާ ންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށް ފަހު، އަދި ހިފައި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ.

މިހާރު ވެސް 66 ގައުމެއްގައި އިމަޖެންސީގައި ބޭނުންކުރުމަށް މި ވެކްސިނަށް ހުއްދަދީފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 308،423 މީހުން ވެކްސިން ޖަހާފައިވެ އެވެ. އޭގެ ދެތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކުރީ 162،413 މީހުންނެވެ.

މިވަގުތު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، މާލޭ ސަރަހައްދު ލޮކްޑައުންކޮށް، ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު މޮނިޓަރިންގައި އޮތް ރަށްރަށުގައި ވެސް ދަނީ ކާފިއު ހިންގަމުންނެވެ.