Roadha Mihaaru
އެމެރިކާ އިން ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި

ރާއްޖެ އަށް އެމެރިކާ އިން 128،000 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްފި

09 އޯގަސްޓް 2021

އެމެރިކާ ސަރުކާރުންް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެ އަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ވެކްސިން މިއަދު ހަދިޔާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމެރިކާ ސަރުކާރުންް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެ އަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ވެކްސިން މިއަދު ހަދިޔާކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މެންދުރު އޮތް ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާ އިން އިސްނަގައިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވައި، އެ ގައުމުން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމުން ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނީއްސުރެ އެމެރިކާ އިން ރާއްޖެ އަށް ފޯރުކޮށްދެމުން ގެންދާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވައި، އެކަށީގެންވާ ގޮތެއްގައި ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް މި އެހީ ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާ އިން ރާއްޖެ އަށް ވެކްސިން ހަދިޔާކުރުމުން އެކަމަށް ޝުކުރު އަދާކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވަނީ މިއީ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު އެހީއެއް ކަމަށެވެ. އަދި މި އެހީއާ އެކު ދެގައުމުގެ ގުޅުން ހާމަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ ޓުވީޓް

ހެޔޮ އެދޭ އެކި ފަރާތްތަކުން ކުރިން ވެސް ރާއްޖެއަށް ފައިޒާ ވެކްސިން ފޯރުކޮށްދިނެވެ. އެ ވެކްސިން ޖަހައިދެމުން އައީ މާބަނޑު ބަލި މީހުންނާއި ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް އެކަންޏެވެ. އެކަމަކު މި ފަހަރު އެމެރިކާ އިން ލިބުނު ފައިޒާ ވެކްސިނާ އެކު ރާއްޖޭގައި އުމުރުން 12-17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ އެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީކަން މިއަދު ދެއްވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެގޮތުން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އާއި އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީޕީއީ އާއި ޕީސީއާރު މެޝިނާއި ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެ އެވެ.