Roadha Mihaaru
ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަލުން ހުޅުވައިފި

ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަލުން ހުޅުވައިފި

17 ޖޫން 2023

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ އަލުން ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ އަލުން ހުޅުވައިފި އެވެ.

އެ އެމްބަސީ ހުޅުވުމަށް އިއްޔެ ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ލޫ ވިދާޅުވީ މިއީ، މި ސަރަހައްދުގެ ގައުމުތަކާ އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.

އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަން ފޮރިން މިނިސްޓަރު ޝާހިދު އިއުލާންކުރެއްވީ މިދިޔަ އަހަރު އެވެ.

އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫއާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް

އެ އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާ އިން ރާއްޖެއާއެކު ކުރާ ހާރިޖީ މުއާމަލާތްތައް ކުރިއަށް ގެންދަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އެމެރިކާގައި ރާއްޖެ ތަމްސީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.

ރާއްޖޭގެ އެމްބަސީއެއް މީގެ ކުރިން އެމެރިކާގައި ކުޑަ ދުވަސްކޮޅަކަށް ހިންގި އެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ގައި ހުޅުވި އެ އެމްބަސީ ހިންގަން ދިމާވި ބަޖެޓްގެ ދަތިކަމާ ހެދި 2008 ގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ އެމްބަސީ ބަންދުކުރި އެވެ.

އެމެރިކާގެ އެމްބަސީއެއް މިހާރު ރާއްޖޭގައި ވެސް ހުރެ އެވެ. އެ އެމްބަސީ ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަ އެވެ.

އެމެރިކާ އިން ރާއްޖެއާ ހާރިޖީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރު އެވެ.