Roadha Mihaaru
ކޮވިޑަކީ ގުޅުންތައް ކަނޑަމުންދާ ސުނާމީއެއް: ޝާހިދު

ކޮވިޑް-19 އަކީ ދުނިިޔެއާ ގުޅުންތައް ކަނޑަމުންދާ ބޮޑު ސުނާމީއެއް: ޝާހިދު

26 ޑިސެމްބަރ 2020

ކޮވިޑް-19 އަކީ ދުނިޔެއާ ގުޅުންތައް ވަކި ކުރަމުންދާ ބޮޑު ސުނާމީއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަކީ ދުނިޔެއާ ގުޅުންތައް ވަކި ކުރަމުންދާ ބޮޑު ސުނާމީއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް ސުނާމީ އެރި ދުވަހާ ދިމާކޮށް ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19 އަކީ މުޅި މުޖްތަމައު އާއި ދުނިޔެ ހަލާކު ކުރަމުންދާ ސުނާމީއެއް ކަމަށެވެ. އޭގެ ސަބަބުން އެތައް ބަޔަކާ ގުޅުންތައް ކެނޑެމުންދާ ކަމަށާއި އެކަމަކު އެންމެންގެ އެއްބާރުލުމާ އެކު އެ ހާލަތުން އަރައިގަނެވިދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިމަތީގައި މިއަދު ހަމަލާ ދެމުންދާ ސުނާމީއަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖްތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާ ކުރަމުންދާ ސުނާމީއެއް. ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދުކޮށް، ހުރިހާ ގުޅުންތައް ބުރިބުރި ކުރަމުންދާ ސުނާމީއެއް." ޝާހިދު ވިދާޅުވި އެ އެވެ.

ޝާހިދު ވިދާޅުވީ ސުނާމީއަށް ފަހު ދިވެހިން ކުރި ހިތި ތަޖްރިބާ ވަރަށް ގާތުން އޭނާއަށް ފެނިވަޑައިގަތް ކަމަށާއި އެ ކާރިސާއިން ރާއްޖެއަށް އަރައިގަނެވުނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު ފެނިގެންދާ ކުރިއެރުންތައް އައީ ވެސް އޭގެ ސަބަބުން ކަމަށާއި ކޮވިޑް-19 އަށް ފަހު ވެސް އެ މަންޒަރު ފެނިގެންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން ވެސް އެދުވަހު ގުޅިގެން ދިޔަ. އަދި ދިވެހިރާއްޖެއާ ބައިނަލްއަގްވާމީ ފަރާތްތަކާއި އަޅުގަނޑުމެންގެ ރަހުމަތްތެރި ގައުމުތަކާ ވެސް އަޅުގަނޑުމެން ގުޅިގެންދިޔަ. އެއީ އަޅުގަނޑުމެންނަށް ފެނިގެންދާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހަކީ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުން ވެސް އަރައިގަތުމުގައި ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ސުނާމީގެ ހާލަތުން އަރައިގަނެ، ހޯދި ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.