Roadha Mihaaru
ކަނޑުތޮށި ލުމަށްފަހު ބެހެއްޓި ބިނާއިން ހާއްސަ މެސެޖެއް

ކަނޑުތޮށި ލުމަށް ފަހު ބެހެއްޓި ބިނާއިން މިއަދު ދިނީ ހާއްސަ މެސެޖެއް

26 ޑިސެމްބަރ 2020

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ޖަލްސާގެ ޕޯޑިއަމް ހުރީ މާލޭގެ އިރުމަތީ ފަރާތުން ކަނޑުތޮށި މަތީގަ އެވެ. އެ ޕޯޑިއަމްގައި ވާހަކަ ދައްކަން ހުންނަން އޮތީ ޓެޓްރޮޕޮޑް ގަލެކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ޖަލްސާގެ ޕޯޑިއަމް ހުރީ މާލޭގެ އިރުމަތީ ފަރާތުން ކަނޑުތޮށި މަތީގަ އެވެ. އެ ޕޯޑިއަމްގައި ވާހަކަ ދައްކަން ހުންނަން އޮތީ ޓެޓްރޮޕޮޑް ގަލެކެވެ.

މީގެ 16 އަހަރު ކުރިން އެރި ސުނާމީގައި އެތައް ހާސް ދިވެހިންނެއްގެ ދިރިއުޅުން އޮޔާ ގޮސް ނިކަމެތިވި ވަގުތު ފެނިގެން ދިޔަ އެއްބައިވަންތަކަމަށް ނިސްބަތްކޮށް ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޓެޓްރޮޕޮޑް ގަލެއްގެ މަތީގައި ހުރެ ވާހަކަ ދެއްކުމުގައި މާނަތަކެއްވާ ކަމަށެވެ.

ޕޯޑިއަމެއްގެ ގޮތުގައި ބޭނުންކުރި ބިނާ އަކީ ޖަޕާނު ސަރުކާރުން މާލެ ވަށައި ތޮށި ލުމަށް ފަހު އެކަން ފާހަގަކުރަން ބެހެއްޓި ބިނާ އެވެ.

"މާލެވަށައި ލާފައިވާ ތޮށި މި ވަނީ ޓެޓްރޮޕޮޑްތަކަކުން ގުޅިލާމެހިފައި،" ޝާހިދު ވިދާޅުވި އެވެ.

ސުނާމީ އެރި ދުވަހު މާލެއަށް ލިބުނު ގެއްލުން ކުޑަވުމަށް މެދުވެރިވި އެއް ސަބަބަކީ ޝާހިދު އެ ވިދާޅުވި ޓެޓްރޮޕޮޑްތަކުގެ ވަރުގަދަ ތޮއްޓެވެ. އެ ގާތަކުގެ ބަދަހިކަން އެ ދުވަހު ވަނީ މާލެ އަށް ލިބުނު ބޮޑު ހިމާޔަތަކަށެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަަކުރަން ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. އޭނާ ހުއްޓި ހުންނެވި ޕޯޑިއަމަކީ މާލޭގައި ކަނޑުތޮށިލައި، އެކަމުގެ ހަނދާނެއްގެ ގޮތުން ޖަޕާނު ސަރުކާރުން ބެހެއްޓި ބިނާ. -- ފޮޓޯ/ފޮރިން މިނިސްޓްރީ

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަަކުރަން ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. އޭނާ ހުއްޓި ހުންނެވި ޕޯޑިއަމަކީ މާލޭގައި ކަނޑުތޮށިލައި، އެކަމުގެ ހަނދާނެއްގެ ގޮތުން ޖަޕާނު ސަރުކާރުން ބެހެއްޓި ބިނާ. -- ފޮޓޯ/ފޮރިން މިނިސްޓްރީ

އިންޑިއާކަނޑުގެ ވަރުގަދަ ސުނާމީގެ މާކުރިން 1987 ވަނަ އަހަރު މާލެއަށާއި ރާއްޖޭގެ އެހެން ބައެއް ރަށްތަކަށް ބޮޑުރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެފަހަރު ލިބުނު ގެއްލުމުގެ ބޮޑުކަމުން، މުސްތަގުބަލުގައި ލިބިދާނެ އެފަދަ ގެއްލުމަކަށް ދިފާއު ބިނާކުރަން ރާއްޖޭން އެދުނީ ޖަޕާނު ސަރުކާރުގެ އެެހީއަށެވެ. މާލެ ވަށައިގެން މިހާރު މިއޮތް ޓެޓްރޮޕޮޑްގެ ތޮއްޓަކީ ޖަޕާނު ސަރުކާރުން ހަމަ އެ އަހަރު ފެށި މަސައްކަތެކެވެ. އެ މަސައްކަތް އެއްކޮށް ނިމުނީ 2003 ވަނަ އަހަރު އެވެ.

އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން 2004 ވަނަ އަހަރު އިންޑިއާ ކަނޑުގެ ގައުމުތަކަށް އެރި ސުނާމީގައި ރާއްޖެއަށް ބޮޑެތި ގެއްލުންތައްވި އެވެ. ސުނާމީގައި ރާއްޖޭން 82 މީހުން މަރުވެ، 26 މީހަކު ގެއްލިފައި ވާއިރު މާލެއަށް ލިބުނު ގެއްލުން ނިސްބަތުން ކުޑަ އެވެ. ސުނާމީގައި މާލެއިން އެއްވެސް މީހަކު މަރުވެ، ނުވަތަ ގެއްލުން ފަދަ ހިތާމަވެރި އެއްވެސް ކަމެއް ނުހިނގަ އެވެ.

ރަސްމިއްޔާތުގައި ހާއްސަ މެސެޖެއް ދިން ބިނާ އަށް އަޅާނުލެވި ވަރަށް ބޮޑަށް ހަޑިވެފައި ހުއްޓައި، މިއަދުގެ ރަސްމިއްޔާތަށް އެތަން ވަނީ މަރާމާތުކޮށް އޭގެ އަސްލާ އެއްގޮތަށް ބަދަލުކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ޝާހިދު ވަނީ ސުނާމީ ނޫނަސް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 އަކީ މުޅި މުޖްތަމައު އާއި ދުނިޔެ ހަލާކު ކުރަމުންދާ ސުނާމީއެއް ކަމަށް ސިފަކުރައްވައިފަ އެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކާ ގުޅުންތައް ކެނޑެމުންދާ ކަމަށާއި އެކަމަކު އެންމެންގެ އެއްބާރުލުމާ އެކު އެ ހާލަތުން އަރައިގަނެވިދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.