Roadha Mihaaru
ގާޒާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު

ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު

14 އޮކްޓޯބަރ 2023

ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތަކާއި އިރުމަތީ ގާޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން އާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ގާޒާގެ ދެކުނަށް ބަދަލުވުމަށް އިޒްރޭލުގެ ސިފައިން އެންގި އެންގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުން. އެހެންކަމުން އެ އަމުރު ބަދަލުކުރަންޖެހޭ،" ބަޔާނުގައިވެ އެވެ.

އިޒްރޭލުން ހަނގުރާމަވެރިންނާއި އާއްމުންނާ ތަފާތުކުރުމެއް ނެތި ދެމުންދާ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އިތުރު އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. ހޮސްޕިޓާތަކާއި ސްކޫލުތައް ހިމެނޭހެން މުހިއްމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އދ.ގެ އިމާރާތްތަކާއި އާއްމުން ދިރިއުޅޭ އިމާރާތްތަކާއި އަޅުކަންކުރާތަންތަން ވަނީ ސުންނާފަތިވެފަ އެވެ.

"ދިވެހިރާއްޖޭގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި އުދުވާންތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ އެންމެހައި ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއް،" ބަޔާނުގައިވެ އެވެ.

ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރަން ގޮވާލައިފަ އެވެ. އަދި ގާޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލި އެވެ.

ބަޔާނުގައި ބުނީ ފަލަސްތީނުގެ ރައްޔިތުން ވަކި ދައުލަތެއް އުފެއްދުމަށާއި އެ މީހުންގެ ހައްގުތައް ކަށަވަރުކުރަން ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން ތަކުރާރުކުރާ ކަމަށެވެ.

ދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.