Roadha Mihaaru
ފަލަސްތީން މީހުންނަށް އިންސާފު ހޯދައިދޭން ގޮވާލައްވައިފި

ފަލަސްތީނުގެ މީހުންނަށް އިންސާފު ހޯދައިދޭން ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ގޮވާލައްވައިފި

16 އޮކްޓޯބަރ 2023

ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާއާއެކު އެ މަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ އުފާވެރި ދުވަހެއް ފާހަގަކުރާއިރު އެތައް މިލިއަން މުސްލިމުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެ އަދި ޒަހަމްވަމުން ދިއުމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް އެ ބިމުގައި މުސްލިމުންގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑަމުން ދިއުމަކީ އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ވަރަށް ތޫނު ހަންޖަރެެއް ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި، ފަލަސްތީނުގެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައްވައިފަ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައިވާ އެންމެހާ މުސްލިމުން އެ ހާލަތުން މިންޖުކޮށްދިނުމަކީ މުޅި އިސްލާމީ އުންމަތުގެ ވާޖިބެކެވެ. އެކަމަށްޓަކައި އަޅުގަނޑުމެން ހިނގަން އޮތް މަގަކީ، މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާ ކުރުމެވެ. މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި އެއް އުންމަތެއް ފަދައިން އަލުން ތެދުވުމެވެ. އިސްލާމް ދީނުގެ ސުލްހަ އާއި ހަމަޖެހުން ދުނިޔެއަށް ސާބިތުކޮށްދިނުމަށް، ހުރިހާ މައިދާންތަކެއްގައި މަސައްކަތް ކުރުމެވެ." އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މަސްރަހުގެ ދުރާއި ގާތުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ މެދުގައި އިސްލާމީ ހިދާޔަތުގެ އަލިކަން ފެތުރިފައި އޮތުމަށް މާތްﷲ މިންވަރުކުރެއްވުމަކީ ދިވެހިންނަށް ހާސް ނިއުމަތްކަން ކަށަވަރު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްގީއަށް ލިބޭ އެންމެ ވަރުގަދަ ހަކަތައަކީ ވެސް އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމެވެ. އަދި އެ ގުޅުމުގެ ބަދަހިކަމުން އަޅުގަނޑުމެންގެ ރާއްޖޭގައި ގާއިމުވެފައި މިއޮތް ހަމަޖެހުމާއި ސުލްޙަވެރިކަމެވެ. އެހެންކަމުން، އިސްލާމް ދީނުގެ ސައްހަ އަގީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި އެ ކުދިން ތަރުބިއްޔަތުކުރުމަކީ ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެކެވެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ އިސްލާމް ދީނުގެ ބިނާ ނެގެހެއްޓުމަށްޓަކައި ނަމާދުތައް ފުރިހަމައަށް އަދާކުރުމަށް ސަމާލުކަން ދީ، ރޯދަ އާއި ޒަކާތުން ލިބިދޭ އިބްރަތްތަކުން ނަފްސުތަކުގައި ކެތްތެރިކަން ހަރުލައްވައި، އަނެކުންނަށް އެހީތެރިވެ އަޅައިލުމުގެ މަތިވެރި ސިފަ އަށަގެތުމަށް އެދިވަޑައިގެންފަ އެވެ.